ޚަބަރު

ޖަކާޓާގެ ސިއްޙީ ޚިދުމަތްދޭ ބައެއް ތަންތަނަށް ވަޒީރު ޑރ.ޚަލީލު ޒިޔާރަތްކުރައްވައިފި


  • ޕްރައިމަރީ ކެއާ ފެސިލިޓީއަކަށް ޒިޔާރަތް ކުރެއްވި

  • އިންޑޮނޭޝިއާގެ އެންމެ ބޮޑު ޕަބްލިކް ޓާޝަރީ ހޮސްޕިޓަލްއަށް ޒިޔާރަތްކުރެއްވި

އިންޑޮނޭޝިއާގެ ސިއްޙީ ޚިދުމަތް ދޭ ތަންތަނަށް ރާއްޖޭގެ ސިއްޙަތާ ބެހޭ ވަޒީރު ޑރ. ޢަބްދުﷲ ޚަލީލް ޒިޔާރަތްކުރައްވައިފިއެވެ.

ވަޒީރު އިންޑޮނޭޝިއާގެ ސިއްޙީ ޚިދުމަތް ދޭ ތަންތަނަށް ޒިިޔާރަތްކުރައްވާފައި މިވަނީ އޭޝިއާ ޕެސިފިކް ރީޖަނަލް ފޯރަމް އޮން ހެލްތު އެންޑް އެންވަޔަރަންމަންޓްގެ 5 ވަނަ މިނިސްޓަރުންގެ ބައްދަލުވުމާއި 12 ވަނަ ހައި ލެވެލް އޮފިޝަލްސް މީޓިންގައި ބައިވެރިވެވަޑައިގަތުމަށް އެ ޤައުމަށް މިހާރު ކުރައްވާ ދަތުރުފުޅުގެ ތެރެއިންނެވެ.

އެގޮތުން ސިއްޙަތާ ބެހޭ ވަޒީރު ވަނީ ޕްރައިމަރީ ކެއާ ފެސިލިޓީއެއްގެ ގޮތުގައި ޚިދުމަތްދޭ "ޓެބެޓް ކޮމިއުނިޓީ ހެލްތް ސެންޓަރ"އަށް ޒިޔާރަތް ކުރައްވާފައެވެ. މި ޒިޔާރަތުގައި އެ ފެސިލިޓީގެ އެކި ޑިޕާޓްމަންޓްތަކަށް ވަޑައިގެން، ކޮމިއުނިޓީ ސަރވިސްއަށް ބޭނުންވާ އައު ވަސީލަތްތަކާއި ޚިދުމަތްދޭ ގޮތްތަކާ ބެހޭ މައުލޫމާތު ވަނީ އޮޅުންފިލުވާފައެވެ.

މީގެ އިތުރުން ވަޒީރު ޚަލީލު ވަނީ އިންޑޮނޭޝިއާގެ އެންމެ ބޮޑު ޕަބްލިކް ޓާޝަރީ ހޮސްޕިޓަލް ކަމަށްވާ ސިޕްޓޯ މަންގުންކުސުމޯ ހޮސްޕިޓަލަށް ޒިޔާރަތް ކުރައްވާފައެވެ. އެތަނުގައި ޑިޖިޓަލް ހެލްތާއި، ހެލްތު އިންފޮމޭޝަން މެނޭޖްމަންޓާއި، އުމުރުން ދުވަސްވީ މީހުންނަށް ދޭ ފަރުވާއާއި، ޒަމާނީ ޓެކްނޮލޮޖީ ބޭނުންކޮށްގެން ފަރުވާގެ ކަންކަން ކުރިއަށް ގެންދެވޭނެގޮތާއި ގުޅޭގޮތުން ހޮސްޕިޓަލް މެނޭޖްމަންޓާއެކު މަޝްވަރާތަކެއް ކުރެއްވިއެވެ.

ސިއްޙަތާ ބެހޭ ވަޒީރު އިންޑޮނޭޝިއާގެ ޖަކާޓާއަށް ކުރައްވާ މި ދަތުރުފުޅުގައި އެ ޤައުމުގެ ސިއްޙީ ދާއިރާގެ ފަންނީ ބޭފުޅުންނާއި ބައްދަލުކުރައްވާ އެކި އެކި ޞިއްޚީ ޚިދުމަތްދޭ ތަންތަނަށް ޒިޔާރަތްކުރެއްވުމަށް ވަނީ ހަމަޖެހިފައެވެ.

އޭޝިއާ ޕެސިފިކް ރީޖަނަލް ފޯރަމް އޮން ހެލްތު އެންޑް އެންވަޔަރަންމަންޓް ފޯރަމްގެ އަމާޒަކީ މެމްބަރު ޤައުމުތަކުން ނޭޝަނަލް އެންވަޔަރަންމަންޓަލް ހެލްތު އެކްޝަން ޕްލޭންތައް ތަންފީޒު ކުރުމަށް ހިތްވަރު ދިނުމެވެ.

ރާއްޖެއިން މި ފޯރަމްގައި ބައިވެރިވުމުން ފަންނީ ތަޖުރިބާއާއި އެކި އެކި ވަސީލަތްތައް ހޯދުމުގެ ފުރުސަތު ލިބިގެންދާނެކަމަށް ސިއްޙަތާ ބެހޭ ވުޒާރާއިން ވިދާޅުވެއެވެ. އަދި ދެމެހެއްޓެނިވި އަދި ޚަރަދު ކުޑަ ސިއްހީ ފަރުވާއާއި ތިމާވެށީގެ ސިޔާސަތުތައް އެކުލަވާލުމުގައި މެމްބަރު ޤައުމުތަކުން އެހީތެރިވެދޭނެއެވެ.