ޚަބަރު

ކުޑަކުދިންގެ ނޭވާލާ ނިޒާމަށް ޖެހޭ ބައްޔެއް އާންމުވުމާގުޅިގެން ސަމާލުވުމަށް އެދިއްޖެ


  • މިބަލި ޢާއްމުކޮށް ބޮޑުވަރުވަނީ ތުއްތު ކުދިންނާއި ޢުމުރުން ދުވަސްވީ މީހުންގެ މެދުގައި

  • ބަލިން ރައްކާތެރިވުމަށް ޢާއްމު ސާފުތާހިރުކަމަށް ސަމާލުވާންޖެހޭ

  • މީހުން ގިނައިން އެއްވާ ތަންތަނަށް ކުޑަކުދިން ގެންދިޔުން ރައްކާތެރިއެއް ނޫން

ކުޑަކުދިންގެ މެދުގައި ނޭވާލުމުގެ ނިޒާމަށް ޖެހޭ ބައްޔެއް ޢާންމުވަމުންދާތީ އެކަމަށް ސަމާލުވުމަށް ހެލްތު ޕްރޮޓެކްޝަން އޭޖެންސީ އެޗްޕީއޭއިން އިލްތިމާސްކުރައްވައިފިއެވެ. ބަލީގެ ބާވަތުން މިދުވަސްވަރު ކުޑަކުދިން ގޮވައިގެން ބޭރުތެރޭގައި އުޅުން މަދުކުރުމަށް އެޗްޕީއޭއިން އެދިވަޑައިގަންނަވައެވެ. އެޗްޕީއޭއިން ވިދާޅުވީ މިބަލީގެ ސަބަބުން ބަލީގެ ޙަލަތު ގޯސްވެ، އެޑްމިޓްކޮށްގެން ފަރުވާދޭންޖެހޭ ޙާލަތަށް ދިޔުން ގާތްކަމަށެވެ.

ހެލްތު ޕްރޮޓެކްޝަން އޭޖެންސީން ވިދާޅުވީ، ނޭވާލާ ނިޒާމަށް ޖެހޭ ބައްޔެއްކަމުގައިވާ ރެސްޕިރޭޓްރީ ސެންސޭޝަލް ވައިރަސް(އާރް.އެސް.ވީ) ކުޑަކުދިންގެ މެދުގައި ޢާންމުވަމުންދާކަމަށެވެ. އެހެންކަމުން ރައްކާތެރިކަމުގެ ފިޔަވަޅުތައް އެޅުމަށް އެޗްޕީއޭއިންވަނީ ޢާންމުންނަށް އިލްތިމާސްކުރައްވާފައެވެ. ކުޑަކުދިންގެ މެދުގައި ބަލި ފެތުރުން ކޮންޓްރޯލްކުރުމަށް ޚާއްސަ ސަމާލުކަމެއް ދެއްވުމަށް އެޗްޕީއޭއިންވަނީ އެދިވަޑައިގެންފައެވެ. އަދި ޢާންމު ސާފުތާހިރުކަމަށް ސަމާލުކަންދިނުމަށާއި، ގައިން ގަޔަށް އަރާ މިބަލިން ރައްކާތެރިވުމަށް މީހުން ގިނައިން އެއްވާ ތަންތަނަށް ކުޑަކުދިން ނުގެންދިޔުމަށްވެސް އެޗްޕީއޭއިން އިލްތިމާސްކުރައްވައެވެ.

މިބަލިގެ ޢަލާމާތްތަކަކީ ޢާންމު ރޯގާގައި ހިމެނޭ ބައެއް ޢަލާމާތްތައްކަމުން ބައްޔާމެދު އިތުރަށް ސަމާލުވާންޖެހެއެވެ. އެޗްޕީއޭއިން ވިދާޅުވީ، ހުން އައިސް ކެއްސާ އަދި ނޭވާލާން އުނދަގޫވެ މެއަށް ތަދުވާނަމަ ސިއްޙީ ފަރުވާ ހޯދުމަށް އަވަސްވާންޖެހޭކަމަށެވެ. އަދި ބަލީގެ ކުރީކޮޅު ބަލި ދެނެގަނެވިއްޖެނަމަ ފަރުވާދެވި ބަލި ބޮޑުނުވެ ރައްކާތެރިވުމުގެ ފުރުސަތު އޮންނަކަމަށްވެސް އެޗްޕީއޭއިން ވިދާޅުވެއެވެ.

ރެސްޕިރޭޓްރީ ސެންސޭޝަލް ވައިރަސް(އާރް.އެސް.ވީ)އަކީ ނޭވާލާ ނިޒާމަށް ޖެހޭ ޢާންމު ވައިރަސްއަކުން ޖެހޭ ބައްޔެކެވެ. ބަލީގެ ނުރައްކާ ބޮޑުވަނީ ތުއްތު ކުދިންނާއި، ޢުމުރުން ދުވަސްވީ މީހުންގެ މެދުގައެވެ. އަދި މިބަލީގެ ސަބަބުން ޢާންމުކޮށް ހޮސްޕިޓަލުގައި އެޑްމިޓްކޮށްގެން ފަރުވާދޭންޖެހެނީވެސް ތުއްތު ކުދިންނާއި ޢުމުރުން ދުވަސްވީ މީހުންނެވެ. އަދި މިއީ އަހަރުނުވާ ތުއްތު ކުދިންގެ މެދުގައި ނިއުމޯނިއާ އަދި ބްރޮންކިއޮލައިޓިސް ޖެހުމަށް މަގުފަހިކުރާ އެންމެ ޢާންމު ބައްޔެވެ.

ބަލީގެ ސަބަބުން ގައިން ފެން މަދުވުމުގެ ސަބަބުން ކުރިމަތިވާ އެކި ސިއްޙީ ނުރައްކާތަކުން ސަލާމަތްވުމަށް ގިނަ ގިނައިން ދިޔާތަކެތި ބޭނުންކުރުމަކީ މުހިންމުކަމެއްކަމަށްވެސް އެޗްޕީއޭއިން ވިދާޅުވެއެވެ.