ޚަބަރު

ހަނގުރާމަތަކާއި ޖަރީމާތަކަށް ޖަވާބުދާރީ ނުވެ ރެކޭތީ ގުތެރޭޝްގެ ކަންބޮޑުވުން


ލޭއޮހޮރުވުން ބޮޑު ހަނގުރާމަތައް ކުރަމުންދާ އަދި ޖަރީމާތައް ހިންގަމުންދާ ގިނަ ޤައުމުތަކާއި ގުރޫޕުތަކުން, އެ ކަންކަމަށް ޖަވާބުދާރީ ނުވެ, ރެކުމުގެ ފުރުޞަތު އޮތް ކަމަށް ޤަބޫލު ކުރާ ކަމަށް ވިދާޅުވެ, އދގެ ސެކްރެޓަރީ ޖެނެރަލް އެންޓޯނިޔޯ ގުތެރޭޝް ކަންބޮޑުވުން ފާޅު ކުރައްވައިފިއެވެ. އދގެ ޢާންމު މަޖިލީހުގެ 79ވަނަ ޢާންމު ބައްދަލުވުމުގައި ތަޤުރީރު ކުރައްވަމުން ގުތެރޭޝް ވަނީ ފަލަސްޠީނުގެ ޣައްޒާގެ މުސްލިމުން ޝަހީދުކޮށް ނެތިކޮށްލަން ޔަހޫދީ ފައުޖުން ހިންގަމުންދާ ލާއިންސާނީ ޢުދުވާނާއި ޔޫކްރެއިންގެ އިތުރުން ސޫދާނުގައި ކުރަމުންދާ ހަނގުރާމަތަކަށް އިޝާރާތް ކުރައްވާފައެވެ. އޭނާ ވިދާޅުވީ, އެ ފަދަ ޢުދުވާންތަކާއި ހަނގުރާމަތަކަށް ޖަވާބުދާރީ ނުވެ, ރެކެން މަސައްކަތް ކުރަމުންދާ ޤައުމުތަކާއި ގުރޫޕުތައް އިތުރުވަމުންދާ ކަމުގައެވެ.

"އެއްވެސް އަދަބަކާ ނުލައި ޖަލުން ސަލާމަތްވުމުގެ ބާރު ލިބިދޭ ކާޑެއް" ލިބެން ޖެހޭނެ ކަމަށް އެ ޤައުމުތަކާއި ގުރޫޕުތަކުން ޤަބޫލު ކުރާ ކަމުގައި ގުތެރޭޝް ސިފަ ކުރެއްވިއެވެ. "އެ މީހުންނަށް [އެ ޤައުމުތަކާއި ގުރޫޕުތަކަށް] ބައިނަލްއަޤުވާމީ ޤާނޫނުތަކަށް ކޮޅުފައިން އެރޭ. އެ މީހުންނަށް އދގެ ޗާޓަރާ ޚިލާފުވެވޭ. އެ މީހުންނަށް އެހެން ޤައުމުތަކަށް ގަދަބާރުން އަރައިގަނެވޭ, ބައެއް މުޖުތަމަޢުތައް ސުންނާފަތިކޮށްލެވޭ, ނުވަތަ އަމިއްލަ ޤައުމުގެ ޢާންމު ރައްޔިތުންގެ ވެލްފެއާ [ދުޅަހެޔޮކަމަށް] ނިގުޅައިގަނެވޭ. އެ ކަމަކު އެ މީހުންނާ ދެކޮޅަށް އެޅޭނެ އެއްވެސް ފިޔަވަޅެއް ނޯވޭ،" އޭނާ ވިދާޅުވިއެވެ.

އޭނާ މި މޭރުމުން ވާހަކަފުޅު ދައްކަވާފައި މި ވަނީ, ފަލަސްޠީނުގެ ޣައްޒާގެ މުސްލިމުން ޝަހީދުކޮށް ނެތިކޮށްލަން ޒަޔަނިސްޓު ދައުލަތުގެ ހައްދުފަހަނަ އެޅި ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫގެ އަމުރަށް ޔަހޫދީ ފައުޖުން ލާއިންސާނީ ޖަރީމާތަކެއް ހިންގަމުންދާ ދަނޑިވަޅެއްގައެވެ. މީގެ 11 މަސް ކުރިން ފެށި ޢުދުވާނުގައި ޝަހީދު ކޮށްލާފައިވާ މީހުންގެ ޢަދަދު 41,467އަށް އުފުލިފައިވާއިރު އޭގެ ތެރޭގައި 17,000އެއްހާ މައުސޫމު ކުޑަކުދިން ހިމެނެއެވެ. އަދި, ޒަޚަމު ކޮށްލާފައިވާ މީހުންގެ ޢަދަދު 95,921އަށް އަރައެވެ.

ޣައްޒާ ޢުދުވާނާ އެކުއެކީގައި ޔަހޫދީ ފައުޖުން މިހާރު ދަނީ ލުބްނާންގެ ޢާންމު ރައްޔިތުން ޝަހީދުކޮށް ނެތިކޮށްލަން ލާއިންސާނީ ޢުދުވާނެއް ހިންގަމުންނެވެ. ސެޕްޓެންބަރު 23ވަނަ ދުވަހު ފެށި ބޮޑު ޢުދުވާނުގައި ޝަހީދު ކޮށްލާފައިވާ މީހުންގެ ޢަދަދު ވަނީ 558އަށް އުފުލިފައެވެ. އަދި, އިތުރު 1,835 އިތުރު މީހަކު ވަނީ ޒަޚަމު ކޮށްލާފައެވެ. ގުތެރޭޝް ވަނީ މި ކަމާ މެދު ވަރަށް ބޮޑަށް ކަންބޮޑުވުން ފާޅު ކުރައްވާފައެވެ.

"ލުބްނާނުގެ ހާލަތު އޮތީ [ކަށްވަޅުގެ] ތުންފަތްމަތީގައި. ލުބްނާނަކީ ދެވަނަ ޣައްޒާއަށް ހަދައިލުމަކީ ލުބްނާންގެ ރައްޔިތުންނަށް ވެސް, އިސްރާއީލުގެ ރައްޔިތުންނަށް ވެސް, އަދި މުޅި ދުނިޔޭގެ ރައްޔިތުންނަށް ވެސް އަގު އަދާކުރެވޭނެ ކަމެއް ނޫން،" ލުބްނާންގެ ޢާންމު ރައްޔިތުން ޝަހީދުކޮށް ނެތިކޮށްލަން ޔަހޫދީ ފައުޖުގެ އަނިޔާވެރި ސިފައިން ހިންގަމުންދާ ލާއިންސާނީ ޖަރީމާތައް ކުށްވެރި ކުރައްވައި ގުތެރޭޝް ވިދާޅުވިއެވެ.

ގުތެރޭޝްގެ ތަޤުރީރުގައި ރަޝިޔާ-ޔޫކްރެއިން ހަނގުރާމައަށް ވެސް އަލިއަޅުއްވައިލެއްވިއެވެ. ރަޝިޔާގެ ސިފައިން ޔޫކްރެއިނަށް އަރައި ހަނގުރާމަ ފަށާފައި ވަނީ 2022ވަނަ އަހަރުގެ ފެބުރުވަރީ މަހުގެ 24ވަނަ ދުވަހުއެވެ. އަދި, މި އަހަރުގެ އޮގަސްޓު މަހުގެ 6ވަނަ ދުވަހު ޔޫކްރެއިންގެ ސިފައިން ވަނީ ރަޝިޔާގެ ހުޅަނގުގައި އޮތް ކޫރްސްކު ސަރަޙައްދަށް އަރައި, ހަނގުރާމަ ފުޅާ ކޮށްފައެވެ.

"[ރަޝިޔާ-ޔޫކްރެއިން ހަނގުރާމައިގެ] އަގު އަދާކުރަމުން ދަނީ ޢާންމު ރައްޔިތުން - ގެއްލެމުންދާ ފުރާނަތަކުގެ ޢަދަދުން އަދި ހަލާކުވަމުންދާ މުޖުތަމަޢުތަކުން،" އޭނާ ވިދާޅުވިއެވެ. އދގެ ޗާޓަރާއި, ބައިނަލްއަޤުވާމީ ޤާނޫނުތަކާއި އދގެ ޤަރާރުތަކަށް ތަބާވެ, މިއީ ރަޝިޔާއާއި ޔޫކްރެއިނުން ސުލްޙަ އިސްކުރަންވީ ވަގުތު ކަމުގައި ވެސް އޭނާ ވިދާޅުވިއެވެ.

ސޫދާންގެ ދާޚިލީ ހަނގުރާމައަށް އަލިއަޅުއްވައިލައްވައި ވާހަކަފުޅު ދައްކަވަމުން ގުތެރޭޝް ވިދާޅުވީ އެ ހަނގުރާމައާ ގުޅިގެން އެ ޤައުމަށް އިންސާނީ މުސީބާތެއް ކުރިމަތިވެފައިވާ ކަމުގައެވެ. ސޫދާންގައި ހަނގުރާމަ ކުރަމުން ދަނީ އެ ޤައުމުގެ އަސްކަރިއްޔާއާއި, ހަތިޔާރު އެޅި ޖަމާޢަތެއް ކަމުގައިވާ ރެޕިޑް ސަޕޯޓް ފޯސަސްއާ (އާރްއެސްއެފާ) ދެމެދުގައެވެ. ސޫދާންގައި ދާޚިލީ ހަނގުރާމަ ފެށީ, ހުސްވި އަހަރުގެ އޭޕްރިލް މަހު އާރްއެސްއެފްގެ ފައުޖުތަކުން ވެރިރަށް ޚަރްޠޫމަށް އަތްގަދަ ކުރަން މަސައްކަތް ކުރުމާ ގުޅިގެންނެވެ.

"[ސޫދާންގައި] އިންސާނީ މުސީބާތެއް އެ ދަނީ ނިއުޅެމުން އަދި ހައިހޫނުކަން ދަނީ ފެތުރެމުން. ނަމަވެސް, ބޭރުގެ ބާރުތަކުން ދަނީ ސުލްޙަ އިސްކުރުމުގެ ބަދަލުގައި [ހަނގުރާމައަށް] ނުފޫޒު ފޯރުވަމުން،" ގުތެރޭޝް ވިދާޅުވިއެވެ. ތަޤުރީރުގައި އޭނާ ވިދާޅުވީ, ދުނިޔޭގެ ކުރިމަގު ދެމެހެއްޓެނިވި ނޫން މަގަކުން ހިނގަމުން ދިޔަ ނަމަވެސް, މިއަދު ދުނިޔެއަށް ކުރިމަތިވެފައި ވަނީ ޙައްލު ހޯދޭނެ, ޙައްލު ކުރެވޭނެ ގޮންޖެހުންތަކެއް ކަމުގައެވެ.

"ދޭދޭ އަދި ބައިނަލްއަޤުވާމީ ބައިބައިވުން ދަނީ އިތުރެ ބޮޑުވަމުން. ދުނިޔެ އެ ދަނީ [ފިނިހޫނުމިން އުފުލި] ހޫނުވަމުން. ހަނގުރާމަތައް ހިނގަމުންދާއިރު, އެ ކަންކަން ހުއްޓުވޭނެ ގޮތެއް އެނގޭކަށް ނެތް. އަދި, ނިއުކްލިޔަރ ހަނގުރާމައެއްގެ ބިރާ އެކު ދުނިޔެއަށް ވަނީ ކަޅު އަނދިރިކަމެއް ވެރިވެފައި،" ގުތެރޭޝް ވިދާޅުވިއެވެ. ދުނިޔެ ހިނގަމުން މި ދަނީ ޚިޔާލާއި ފިކުރަށް ވެސް ގެންނަން ނެނގޭ ފަދަ, މުޅި ދުނިޔެ އެ ކަމެއްގެ ތެރެއަށް ޣަރަޤުވެގެންދާނެ ފަދަ ނުރައްކާތެރި ހާލަތާ ދިމާއަށް ކަމުގައި ވެސް އޭނާ ވިދާޅުވިއެވެ.