ޚަބަރު

އެފްއޭއެމަށް ގެއްލުނު ފައިސާއާއި މުދާ އަނބުރާ ހޯދުމަށް މަޝްވަރާކޮށްފި


  • ފީފާއިން ދިން 1.9 މިލިއަން ޑޮލަރުގެ ތެރެއިން އެއް މިލިއަން ޑޮލަރު މާރުކުރުމަށްފަހު ފުލެޓު ގަނެފައިވޭ

އެފްއޭއެމަށް ގެއްލުނު ފައިސާއާއި މުދާ އަނބުރާ ހޯދުމަށް އެޅެންހުރި ފިޔަވަޅުތަކާ ގުޅޭގޮތުން މަޝްވަރާކުރައްވައިފިއެވެ.

މި މަޝްވަރާތައް ބާއްވާފައިވަނީ ޕްރޮސިކިއުޓަރ ޖެނެރަލް ޖަސްޓިސް (ރިޓަޔަރޑް) އަލްއުސްތާޛް ޢައްބާސް ޝަރީފާއި، ފުޓްބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފް.އޭ.އެމް) ގެ ނޯމަލައިޒޭޝަން ކޮމިޓީއާއި، ރާއްޖެ ވަޑައިގެން އުޅުއްވާ ބައިނަލްއަޤްވާމީ ފުޓްބޯޅައާބެހޭ ޖަމިއްޔާ (ފީފާ) ގެ ވަފްދާ އެކުގައެވެ.

ޕްރޮސިކިއުޓަރ ޖެނެރަލް ޖަސްޓިސް (ރިޓަޔަރޑް) އަލްއުސްތާޛް ޢައްބާސް ޝަރީފު، ފުޓްބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފް.އޭ.އެމް) ގެ ނޯމަލައިޒޭޝަން ކޮމިޓީއާއި، ބައިނަލްއަޤްވާމީ ފުޓްބޯޅައާބެހޭ ޖަމިއްޔާ (ފީފާ) ގެ ވަފްދާއެކު ހޮޓެލް ޖެންގައި ކުރިއަށްދިޔަ ބައްދަލުވުމުގައި ޕްރޮސިކިއުޓަރ ޖެނެރަލް ވަނީ އެފްއޭއެމްގެ ގިނަ ޢަދަދެއްގެ ފައިސާއަށް ޚިޔާނާތްތެރިވި މައްސަލައިގެ އެންމެ ފަހުގެ މަޢުލޫމާތު ހިއްސާ ކުރައްވާފައެވެ.

އަދި މި ޚިޔާނާތުގެ ސަބަބުން އެފް.އޭ.އެމަށް ގެއްލިފައިވާ ފައިސާއާއި، މުދާ އަނބުރާ ހޯދުމަށް އެޅެންހުރި ފިޔަވަޅުތަކާ ގުޅޭގޮތުން ބައްދަލުވުމުގައި މަޝްވަރާކުރެއްވިއިރު އެފް.އޭ.އެމްގެ ކުރީގެ ވެރިންގެ މައްޗަށް ހިންގަމުންދާ ޖިނާއީ ތަޙުޤީޤާ ގުޅިގެން، އެފްއޭއެމްގެ މަސައްކަތްތައް ޢާންމު ޙާލަތަކަށް ރުޖޫޢަކުރުމަށް ކުރަމުންދާ މަސައްކަތުގައި ދިމާވާ ދަތިތައް އެފްއޭއެމްގެ ނޯމަލައިޒޭޝަން ކޮމިޓީގެ ފަރާތުން ޕްރޮސިކިއުޓަރ ޖެނެރަލްއާ ޙިއްޞާކުރެއްވިއެވެ. އަދި އެފްއޭއެމް ތެރޭގައި މިފަދަ ކަންކަން ތަކުރާރުނުވާނެގޮތަށް އަމާޒުކޮށްގެން ނޯމަލައިޒޭޝަން ކޮމިޓީގެ މަސައްކަތްތައް ބައްޓަންކުރުމަށް ޕްރޮސިކިއުޓަރ ޖެނެރަލް ބާރުއެޅުއްވިއެވެ.

ކޯވިޑުގެ އެހީގެ ގޮތުގައި ރާއްޖޭގެ ކުލަބުތަކަށް ފީފާއިން ދިން ފައިސާގެތެރެއިން ބައެއް ފައިސާއިން، ފުޓްބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް) ގެ ކުރީގެ ރައީސް ބައްސާމް އަދީލް ޖަލީލް ހުޅުމާލޭ އަމީން އެވެނިއުއިން ގަނެފައިވާ އެޕާޓްމަންޓުތަކަށް ފައިސާ ދެއްކި މައްސަލައިގައި އޭނާގެ މައްޗަށް ދައުވާކުރުމަށް އެދި ފުލުހުން ޕްރޮސެކިއުޓަރ ޖެނެރަލް އޮފީހަށް މައްސަލަ ފޮނުވީ މިމަހުއެވެ.

ފުލުހުން ވިދާޅުވީ ކޯވިޑުގެ ދުވަސްވަރު ފީފާއިން ދިން 1.9 މިލިއަން ޑޮލަރުގެ ތެރެއިން އެއް މިލިއަން ޑޮލަރު މާރުކުރުމަށްފަހު ފުލެޓު ގަތް މައްސަލާގައި ބައްސާމާއި އިތުރު ދެ މީހެއްގެ މައްޗަށް ދައުވާކުރަން ފޮނުވާފައިވާކަމަށެވެ.

މި މައްސަލައިގައި ފުލުހުންގެ ތަހުގީގަށް ލިބުނު މައުލޫމާތުތަކާއެކު ޕީޖީ އޮފީހަށް ދައުވާކުރަން ފޮނުވާފައިވަނީ ބައްސާމުގެ އިތުރުން އަމީން އެވެނިއުގެ ވެރިފަރާތް ކަމަށްވާ އަމިން ކޮންސްޓްރަކްޝަން އާއި، އެފްއޭއެމްގެ އޭރުގެ ފައިނޭންސް ހެޑް މުހައްމަދު އަގީލް އަދި އެފްއޭއެމްގައި އޭރު އިސްކޮށް އުޅުނު ހަސަން ވަހީދުގެ މައްޗަށެވެ.

ފުލުހުން ތުހުމަތުކުރި ގޮތުގައި ބައްސާމް އަމިން އެވެނިއުއިން ދެ ފުލެޓު ގަތީ އެފްއޭއެމްގެ ފައިސާ ބޭނުންކޮށްގެންނެވެ. އެކަމަށް އެފްއޭއެމްގެ ފައިސާއިން ތިން މިލިޔަނަށްވުރެ ގިނަ ރުފިޔާ ބޭނުންކޮށްފައިވާ ކަމަށް ފުލުހުން ވިދާޅުވިއެވެ.

ފީފާއިން އެހީގެ ގޮތުގައި ދިން އެއް މިލިއަން ޑޮލަރު ދިވެހި ރުފިޔާއަށް މާރުކުރުމަށް އެފްއޭއެމުން އަމީން އެވެނިއުއަށް އެ ފައިސާ ހަވާލުކޮށްފައިވަނީ އޭޕްރީލް 14، 2021 ގައެވެ. ދިވެހި ރުފިޔާ އެފްއޭއެމްގެ އެކައުންޓަށް ޖަމާކުރިކަމަށް ދައްކަން ލިޔެކިޔުންތަކެއްވެސް ތައްޔާރުކޮށްފައިވާ ކަމަށް ފުލުހުން ވިދާޅުވިއެވެ. ނަމަވެސް އެ ފައިސާ އަނބުރާ އެފްއޭއެމް އެކައުންޓަށް ޖަމާކޮށްފައެއް ނުވެއެވެ. އޭގެ ބަދަލުގައި އެކި ކުންފުނިތައް މެދުވެރިކޮށް އެ ފައިސާ ވަނީ ދައުރުކޮށްފައެވެ.

މަގާމުގެ ނުފޫޒު ބޭނުންކޮށްގެން ނާޖާއިޒު ފައިދާ ނަގައި ފީފާގެ ފައިސާ ނަހަމަގޮތުގައި ބޭނުންކުރިކަމުގެ ތުހުމަތުގައި ފީފާއިން ވަނީ ބައްސާމް ނުވަ މަސްދުވަހަށް ސަސްޕެންޑުކޮށްފައެވެ.