ޚަބަރު

ހުއްދަ ނުނަގާ ހިންގާ ހިޖާމާ ކްލިނިކެއްގެ ޚިދުމަތް ހުއްޓާލުމަށް ފުލުހުން އަންގައިފި


  • ހިޖާމާ ޖެހުމުގެ ހިދުމަތް ހުއްދަ ލިބެންދެން ހުއްޓާލުމަށް ލިޔުމުން ވަނީ އަންގާފައި

  • މިމައްސަލައާއި ގުޅިގެން ހިންގާ ތަހުގީގަށް އެކްލިނިކްގެ ވެރިފަރާތުން ދަނީ އެއްބާރުލުން ދެމުން

ހުއްދަ ނެތި ހިޖާމާ ޖެހުމުގެ ޚިދުމަތް ދެމުންދާ ކްލިނިކެއްގެ މަސައްކަތް ހުއްޓާލުމަށް ފުލުހުން އަންގައިފިއެވެ.

ދިވެހި ފުލުހުންގެ ޚިދުމަތުން ވިދާޅުވީ، ސިއްޙަތާ ބެހޭ ވުޒާރާގެ ހުއްދަ ނުހޯދައި ހިޖާމާ ޖެހުމުގެ ޚިދުމަތް ހުޅުމާލޭގައި ދެމުންދާ ކްލިނިކެއްގެ މައްސަލަ ބަލައިދިނުމަށް އެ ވުޒާރާއިން އެދިފައިވާތީ، އެ މައްސަލައާ ގުޅިގެން ބަލަން ޖެހޭ ކަންކަން ބަލަމުންދާކަމަށެވެ.

ކްލިނިކްގެ ވެރިފަރާތުން ޤާނޫނުގެ ދަށުން ހޯދަން ޖެހޭ ހުއްދަތައް ހޯދައިގެން ހިޖާމާގެ ފަރުވާ ދިނުމަށާއި، މިހާރު ދެމުން ގެންދާ ހިޖާމާ ޖެހުމުގެ ޚިދުމަތް، ހުއްދަ ލިބެންދެން ހުއްޓާލުމަށް ލިޔުމުން އަންގައި ނަސޭހަތްތެރިވެފައިވާ ކަމަށް ފުލުހުން ވިދާޅުވިއެވެ.

ފުލުހުން ވިދާޅުވީ، މިމައްސަލައާއި ގުޅިގެން ހިންގާ ތަހުގީގަށް އެކްލިނިކްގެ ވެރިފަރާތުން އެއްބާރުލުން ދެމުން އަންނަ ކަމަށެވެ

ރަޖިސްޓަރނުކޮށް އަދި ޚިދުމަތް ދިނުމުގެ ލައިސެންސް ނެތި ސިއްޙީ ޚިދުމަތް ބައެއް ފަރާތްތަކުން ދެމުންދާކަން ފާހަގަކުރެވިފައިވާތީ އެފަދައިން ޚިދުމަތްދޭ ފަރާތްތަކާމެދު ފިޔަވަޅު އަޅާނެކަމަށް ސިއްޙަތާ ބެހޭ ވުޒާރާއިން މީގެ ކުރިން ވިދާޅުވެއެވެ.

މާލެ ސަރަޙައްދުގައި ގަވާއިދާ ޚިލާފަށް ސިއްޙީ ޚިދުމަތް ދެމުންދާކަން ފާހަގަވަމުންދާތީ އެކަން އެގޮތަށް ނުކުރުމަށް ސިއްޙަތާ ބެހޭ ވުޒާރާއިންވަނީ އާއްމުކޮށް ޢިއުލާންކޮށްފައެވެ. ސިއްޙީ ޚިދުމަތްދޭ ތަންތަން ހިންގުމާބެހޭ ގަވާއިދާ ޚިލާފަށް، ޚާއްސަކޮށް ދިވެހި ބޭސްވެރިކަމުގެ ގޮތުގައި ބައެއް ފަރާތްތަކުން އެވުޒާރާގައި ރަޖިސްޓަރ ނުކޮށް އަދި ސިއްޙީ ޚިދުމަތް ދިނުމުގެ ލައިސެންސް ނެތި، ޚިދުމަތް ދެމުންދާކަން ފާހަގަކުރެވިފައިވާކަމަށް އެވުޒާރާއިން ވިދާޅުވެއެވެ.

އެހެންކަމުން އެގޮތަށް ޢަމަލުކުރުމަކީ ޤާނޫނީ ކުށެއްކަމަށާއި، އެފަދައިން ޢަމަލުކުރަމުންދާ ފަރާތްތަކާއެކު ފިޔަވަޅު އަޅާނެކަމަށް ސިއްޙަތާ ބެހޭ ވުޒާރާއިން ވިދާޅުވެއެވެ.