ލުބްނާންގެ މުޖާހިދުންގެ ޖަމާޢަތް, ޙިޒްބުاللهން ޒަޔަނިސްޓު ދައުލަތާ ދެކޮޅަށް ދެމުންދާ ޖިހާދީ ޙަމަލާތައް އިތުރުކޮށް ވަރުގަދަ ކުރުމާ ގުޅިގެން ޔަހޫދީންގެ ޙިމާޔަތާއި ރައްކާތެރިކަން ކަށަވަރު ކޮށްދިނުމަށް މެދުއިރުމައްޗަށް އިތުރު ސިފައިން ފޮނުވަން އެމެރިކާއިން ފަށައިފިއެވެ. މެދުއިރުމަތީގެ ޤައުމުތަކުގައި ހަރަކާތްތެރިވާ އެމެރިކާގެ އިސްތިޢުމާރީ ސިފައިން އިތުރު ކުރަން އެ ޤައުމުގެ ދިފާޢީ އިދާރާ, ޕެންޓެގަނުން ނިންމާފައި ވަނީ ލުބްނާންގެ ޢާންމު ރައްޔިތުން ޝަހީދުކޮށް ނެތިކޮށްލަން ޔަހޫދީ ފައުޖުން ރަޙުމު ކުޑަ ނިރުބަވެރި ޙަމަލާތަކެއް ދެމުންދާ ދަނޑިވަޅެއްގައެވެ. އެ ޙަމަލާތަކުގެ ރައްދުގައި ޙިޒްބުاللهން ވެސް ދަނީ ޔަހޫދީންނަށް ޙަމަލާ ދެމުންނެވެ.
"ރައްކާތެރި ކަމުގެ ފިޔަވަޅެއްގެ ގޮތުން, މެދުއިރުމަތީގައި ތިބި އެމެރިކާގެ އަސްކަރިއްޔާގެ ސިފައިންގެ ޢަދަދު އިތުރު ކުރުމަށް އަޅުގަނޑުމެން މަދު ޢަދަދެއްގެ އިތުރު ސިފައިން ފޮނުވަމުން މި ދަނީ،" ޕެންޓެގަންގެ ތަރުޖަމާނު, އެމެރިކާގެ ވައިގެ ސިފައިންގެ މޭޖަރ ޖެނެރަލް ޕެޓްރިކް ރައިޑަރ ވިދާޅުވިއެވެ. މެދުއިރުމަތީގެ ޤައުމުތަކުގެ މުޖާހިދުންނާއި ހަނގުރާމަވެރި ޖަމާޢަތްތަކުން ޔަހޫދީންނަށް އިންޒާރު ދިނުމާ ގުޅިގެން އެމެރިކާއިން މީގެ ކުރިން ވެސް މެދުއިރުމައްޗަށް އިތުރު ސިފައިންނާއި ނުރައްކާތެރި ހަތިޔާރު ޖަމާކޮށްފައިވެއެވެ.
ޔަހޫދީންގެ އަނިޔާވެރި ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫގެ އަމުރަށް ޔަހޫދީ ފައުޖުން ވަނީ ސެޕްޓެންބަރު 23ވަަނަ ދުވަހު ލުބްނާންގެ ޢާންމު ރައްޔިތުންނާ ދެކޮޅަށް ލާއިންސާނީ ޖަރީމާތަކެއް ހިންގަން ފަށާފައެވެ. އެ މީހުންގެ ނިރުބަވެރި ޙަމަލާތައް އަމާޒު ކޮށްފައި ވަނީ ލުބްނާންގެ ދެކުނުގައި އޮތް ރަށްތަކާއި, އިރުމަތީ ބިޤާޢު ވާދީއާއި އުތުރުގައި ސޫރިޔާގެ ސަރަޙައްދީ ރޮނގު ކައިރީގެ ސަރަޙައްދުތަކަށެވެ. އެ ޙަމަލާތަކުގައި ޝަހީދު ކޮށްލާފައިވާ މީހުންގެ ޢަދަދު 495އަށް އުފުލިފައިވެއެވެ. އޭގެ ތެރޭގައި 35 ކުޑަކުދިންނާއި 58 އަންހެނުން ހިމެނެއެވެ. އަދި, ޒަޚަމު ކޮށްލާފައިވާ މީހުންގެ ޢަދަދު ވަނީ 1,645އަށް އުފުލިފައެވެ.
ޔަހޫދީންނާއި ލުބްނާނާ ދެމެދު ލޭއޮހޮރުވުން ބޮޑު ހަނގުރާމަ ފެށުމާ ދެކޮޅަށް އެމެރިކާގެ ރައީސް ޖޯ ބައިޑަންގެ ސަރުކާރުން ދަނީ ނަމެއްގައި އަޑު އުފުލަމުންނެވެ. އަދި, ދެ ފަރާތުގެ ދެމެދުގައި ބަދަލު ކުރަމުންދާ ޙަމަލާތައް ހުއްޓައިލައި, މަޝްވަރާ ކޮށްގެން ދެބަސްވުންތަކަށް ޙައްލެއް ހޯދަން ގޮވައިލަމުންނެވެ. އެ ކަމަށް ބާރު އަޅައި އެމެރިކާގެ ދިފާޢީ ވަޒީރު ލޮއިޑް އޮސްޓިން ޒަޔަނިސްޓުންގެ ދިފާޢީ ވަޒީރު ޔޮއާވް ގަލާންތަށް ގޮވައިލައްވާފައިވާ ކަމުގައި އެމެރިކާއިން ބުންޏެވެ.
ނަމަވެސް, އަނެއް ފުށުން ފެންނަނީ, ޔަހޫދީ ފައުޖުގެ ލާއިންސާނީ ޖަރީމާތައް މެދުކެނޑުމެއް ނެތި ކުރިއަށް ގެންދިޔުމަށް ބޭނުންވާ އަސްކަރީ އެހީތެރިކަން އެމެރިކާއިން ފޯރުކޮށްދެމުންދާ މަންޒަރެވެ. ފަލަސްޠީނުގެ ޣައްޒާއާއި ލުބްނާންގެ މުސްލިމުން ޝަހީދުކޮށް ނެތިކޮށްލަން ޔަހޫދީ ފައުޖުން ހިންގަމުންދާ ލާއިންސާނީ ޤަތުލުޢާންމުގައި ބޭނުން ކުރަމުން ދަނީ އެމެރިކާއިން ފޮނުވަމުންދާ ނުރައްކާތެރި އަދި ފަނާ ކުރަނިވި ހަތިޔާރުތަކެވެ.
ލުބްނާންގެ ޙިޒްބުاللهއަކީ އީރާނުން ވާގިވެރިވާ މުޖާހިދުންގެ ޖަމާޢަތެކެވެ. މަސްރަޙު ދިރާސާ ކުރާ ފަރާތްތަކުން ބުނީ, ޙިޒްބުاللهއާ ދެކޮޅަށް ޔަހޫދީން ނުރައްކާތެރި ހަނގުރާމައެއް ފަށައިފި ނަމަ, އީރާނުން އަރިމަތީގައި ބަލަން އޮންނާނެ ކަމަށް ޤަބޫލު ނުކުރެވޭ ކަމުގައެވެ. އަދި, ޔަހޫދީންނާއި ލުބްނާނާ ދެމެދު ނުތަނަވަސްކަން އިތުރުވެ, ޙަމަލާ ބަދަލު ކުރުން އިތުރުވުމާ ގުޅިގެން މެދުއިރުމަތީގެ ޤައުމުތަކުގައި ތިބި އެމެރިކާގެ އިސްތިޢުމާރީ ސިފައިންނަށް އޮތް ނުރައްކާ ބޮޑުވާނެ ކަމަށް ބެލެވޭ ކަމުގައެވެ.
"ވަޒީރު [އޮސްޓިން ގަލާންތަށް ގުޅުއްވައި ދެއްކެވި ވާހަކަފުޅުގައި] މެދުއިރުމަތީގައި ތިބި އެމެރިކާ ސިފައިންގެ ރައްކާތެރިކަން ކަށަވަރު ކުރާނެ ކަމަށާއި, [ޔަހޫދީންނާއި ލުބްނާނާ ދެމެދު ފަަށާފައިވާ ހަނގުރާމައިގައި] ބޭރުގެ އެއްވެސް ބާރަކުން ބައިވެރިވިޔަ ނުދިނުމަށް މަސައްކަތް ކުރައްވާނެ ކަމަށް ވިދާޅުވި" ކަމުގައި ޕެންޓެގަނުން ނެރުނު ބަޔާނެއްގައި ބުންޏެވެ.
ޔަހޫދީންގެ ޙިމާޔަތާއި ރައްކާތެރިކަން ކަށަވަރު ކޮށްދިނުމަށް މެދުއިރުމައްޗަށް ފޮނުވާފައިވާ އެމެރިކާގެ ލަޝްކަރުގައި އަސްކަރީ މަތިންދާބޯޓު އުފުލާ މަނަވަރު, ޔޫއެސްއެސް އެބްރަހަމް ލިންކަނާއި, އެއާ އެކު ދަތުރު ކުރާ ސްޓްރައިކް ގުރޫޕުގެ މަނަވަރުތަކާއި ސަބްމެރިންތައް ހިމެނެއެވެ. "އޭޕްރިލް 14ވަނަ ދުވަހު އީރާނުން އިސްރާއީލަށް ދިން ޑްރޯނާއި މިސައިލް ޙަމަލާތަކަށް ފަހު އެ ސަރަޙައްދުގައި [މެދުއިރުމަތީގައި] ހަރަކާތްތެރިވާ ލަޝްކަރު އަޅުގަނޑުމެން ވާނީ އިތުރުކޮށް ވަރުގަދަ ކޮށްފައި. އެމެރިކާގެ ސިފައިންނަށް ދީފާނެ ޙަމަލާއަކުން ދިފާޢުވުމަށް އެ ލަޝްކަރުން އެހީތެރިވެދޭނެ،" ރައިޑަރ ވިދާޅުވިއެވެ.
300އެއްހާ މިސައިލާއި ޑްރޯން ބޭނުން ކޮށްގެން އީރާނުން ޒަޔަނިސްޓުންނާ ދެކޮޅަށް އޭޕްރިލް 14ވަނަ ދުވަހު ދިން ވަރުގަދަ ޙަމަލާތަކުން އެ މީހުން ޙިމާޔަތް ކޮށްދީފައި ވަނީ އެމެރިކާގެ ލަޝްކަރުން ކަމުގައި ވެސް ރައިޑަރ ވިދާޅުވިއެވެ. އެ ކަމަށް އިނގިރޭސިވިލާތާއި އެމެރިކާގެ އެހެން މަދަދުގާރުންގެ އެހީތެރިކަން ލިބުނު ކަމުގައި ވެސް އޭނާ ވިދާޅުވިއެވެ.