ޚަބަރު

ފެނަކައިގެ ހިންގުމުގެ ޚަރަދު މިއަހަރު %60 ކުޑަކޮށްފި


  • ފެނަކައިގެން ހިންގުމުގެ ޚަރަދުން 92 މިލިއަން ރުފިޔާ މިއަހަރު ސަލާމަތްކޮށްފި

  • އެންމެ ބޮޑު ޚަރަދެއް ހިނގަނީ ލޮޖިސްޓިކް ދަތުރުތަކަށް

ޚަރަދުތައް ކުޑަކޮށް، މިދިޔަ އަށް މަސްދުވަހު ފެނަކައިގެ ހިންގުމުގެ ޚަރަދު، މިދިޔަ އަހަރުގެ އެ މުއްދަތަށްވުރެ %60 ކުޑަކޮށްފައިވާކަމަށް އެ ކުންފުނިން ވިދާޅުވެއްޖެއެވެ.

ފެނަކައިން ވަނީ އެ ކުންފުނީގެ ހިންގުމުގެ ޚަރަދުތައް ކުޑަކުރުމަށް ކޮށްފައިވާ މަސައްކަތްތައް މީޑީއާއާއި ހިއްސާކޮށްފައެވެ.

ފެނަކަ ކޯޕަރޭޝަނަކީ އައު ސަރުކާރު ހަވާލުއިވިއިރު އެންމެ ބޮޑު ގެއްލުމެއްގައި އަދި އެންމެ ބޮޑު ދަރަނީގައި ހިންގަމުން އައި އެއް ކުންފުންޏެވެ. އެ ކުންފުނީގެ ދަރަނި 4.3 ބިލިޔަން ރުފިޔާއަށް އަރައެވެ.

ފެނަކައިން ޙިއްސާކުރި މަޢުލޫމާތަށް ބަލާއިރު 2023 ވަނަ އަހަރުގެ ޖެނުއަރީން އޮގަސްޓުގެ ނިޔަލަށް އެކުންފުނީގެ ހިންގުމުގެ ޚަރަދުތައް ހުރީ 150.6 މިލިޔަން ރުފިޔާގައެވެ. ނަމަވެސް 2024 ވަނަ އަހަރު ފާއިތުވި މުއްދަތުގައި ފެނަކައިގެ ހިންގުމުގެ ޚަރަދަކީ 59.9 މިލިޔަން ރުފިޔާއެވެ. އެއީ މިދިޔަ އަހަރުގެ މި މުއްދަތާ އަޅާ ބަލާއިރު %60 ގެ ކުޑަވުމެކެވެ.

އެންމެ ބޮޑު ޚަރަދެއް އެ ކުންފުނިން ސަލާމާތްކޮށްފައިވަނީ ކުންފުނީގެ ލޮޖިސްޓިކް ނުވަތަ ކުންފުނިން މުދަލާ ވަސީލަތްތައް އުފުލުމަށް ކުރަންޖެހޭ ކަނޑު ދަތުރުތަކުންނެވެ. އެގޮތުން 2023 ގެ މި މުންދަތުގައި 74.7 މިލިޔަން ރުފިޔާ ޚަރަދުކޮށްފައިވާއިރު، މި ހިނގާ 2024 ވަނަ އަހަރުގެ މި މުއްދަތުގައި ޓްރާންސްޕޯޓަށް ޚަރަދުކުރީ 11.7 މިލިޔަން ރުފިޔާއެވެ. ކުންފުނިން ކުރާ ލޮޖިސްޓިކް ދަތުރުތަކުގެ %84 ހޭދަ ވަނީ ކުޑަކޮށްފައެވެ.

ފެނަކަ ކޯޕަރޭޝަންގެ މެނޭޖިން ޑިރެކްޓަރ މުއާޒު މުޙައްމަދު ރަޝީދު ވިދާޅުވީ، އެވަރެޖްކޮށް އަހަރަކު 80 މިލިޔަން ރުފިޔާ މި ދަތުރުތަކަށް ހޭދަކުރަމުން ގޮސްފައިވާކަމަށެވެ. މިހާ ބޮޑު ޚަރަދެއް ކުރަންޖެހުނީ ކުރާ ކޮންމެ ދަތުރަކަށް ކުންފުނިން ވަކިން އުޅަނދުތައް ކުއްޔަށް ނަގާ، އަދި ދަތުރުރުތަކަށް ބޮޑު ހޭދައެއް ކޮށްފައިވުމުންކަމަށް މުއާޒު ވިދާޅުވިއެވެ.

"4-5 ލައްކަ އެބަ އެންމެ ދަތުރަކަށް ހޭދަކުރޭ. މިހާރު އަޅުގަނޑުމެން މިވަނީ ކުންފުނީގެ ދަތުރުތަކަށް ޚާއްސަ އުޅަނދެން ކުއްޔަށް ހޯދާފައި. ކުރިމަގުގައި ކުންފުނީގެ އަމިއްލަ ދޯންޏާއި ލޭންޑިން ކްރާފްޓް ގަންނާނަން. އޭރުން މިއަށްވުރެވެސް ބޮޑުތަނުން ޚަރަދު ކުޑަކުރެވޭނެ." ފެނަކައިގެ އެމްޑީ މުއާޒު މުޙައްމަދު ރަޝީދު ވިދާޅުވިއެވެ.

ފެނަކައިން ވަނީ ކުންފުނީގެ ސީއެސްއާރްގެ ޚަރަދުތައްވެސް ކުޑަކޮށްފައެވެ. މުއާޒު ވިދާޅުވީ ކުންފުނީގެ މާލީ ޙާލަތު ތަން ނުދޭވަރުން ސީއެސްއާރްއަށް ޚަރަދުތައް ކޮށްފައި ހުރިކަމަށެވެ. އެއާއި ގުޅިގެން ސީއެސްއާރް ޚަރަދުތައް މިއަހަރު ވަނީ މުޅިން ކަނޑަޅާފައެވެ. ނަމަވެސް ފަލަސްޠީނު ފަންޑަށް ކުންފުނިން 1 ލައްކަ ރުފިޔާ ހަދިޔާކޮށްފައިވެއެވެ. 2023 ވަނަ އަހަރު ސީއެސްއާރްގެ ގޮތުގައި 9.3 މިލިޔަން ރުފިޔާ ޚަރަދުކުރިއެވެ.

ފެނަކައިގެ މަސައްކަތްތަކުގައި މެނޭޖްމަންޓުން ރާއްޖެއިން ބޭރަށް ކުރި ދަތުރުތަކަށް 799 ހާސް ރުފިޔާ 2023 ވަނަ އަހަރު ހޭދަކުރިއެވެ. 2024 ވަނަ އަހަރު މި މުއްދަތުގައި ހޭދަކުރީ 245 ހާސް ރުފިޔާއެވެ. މިއީ %69 ގެ ދައްވުމެވެ.

މީގެއިތުރުން ކުންފުނީގެ ސްޓާފް ވެލްފެއަރ ޚަރަދުވެސް މިވަގުތަށް ވަނީ ހުއްޓާލާފައެވެ. ފެނަކައިގެ މެނޭޖިން ޑިރެކްޓަރ މުއާޒް ވިދާޅުވީ މި ޚަރަދު މިވަގުތަށް ކަނޑާލުމަށް ނިންމީ މި ބަޖެޓުން ކުންފުނީގެ ވަކި ބަޔަކަށް މަންފާވާގޮތަށް މީގެކުރިން ޚަރަދުކުރަމުންދިޔަކަން ފާހަގަވެގެންކަމަށެވެ. ވެލްފެއަރ ޚަރަދުގެ ގޮތުގައި 2023 ވަނަ އަހަރު މިލިޔަނަކަށްވުރެ ގިނަ ރުފިޔާ ހޭދަކުރިއެވެ.

"ބައެއް މީހުންނަށް 2500 ޑޮލަރު ދީފައި އެބަހުރި. އެއީ ސެލެކްޓެޑް ވަކި ބަޔަކަށް. އެހެންވީމާ މިހާރު ޕޮލިސީތަކެއް ހަދަމުން މިދަނީ ކުންފުނީގެ އިންޝިއުރަންސް ނިޒާމަކަށް ދާން. ސްޓާފުން ގިނަވީމަ އެކަމަށްވެސް އެބަ ދަތިވޭ. އެހެންވީމަ މިހާރު ވިސްނުމަކީ އެސްޓީއޯގެ ސަބްސިޑަރީއަށް ބަދަލުވީމަ މިކަން ކުރަން ފަސޭހަވާނެ." ފެނަކައިގެން މެނޭޖިން ޑިރެކްޓަރ މުއާޒު މުޙައްމަދު ރަޝީދު ވިދާޅުވިއެވެ.

މީގެއިތުރުން ކުންފުނީގެ އެލަވަންސް، މެނޭޖްމަންޓް ދަތުރުތައް، އެމްޑީ ޕެޓީ ކޭޝް، ދަތުރު ޕެޓީ ކޭޝް، އިވެންޓް، ޕްރިންޓިން އެންޑް ސްޓޭޝަނަރީ އަދި މާކެޓިން ޚަރަދުތަކުންވެސް ކުންފުނިން ވަނީ ޚަރަދުތައް ކުޑަކޮށްފައެވެ.