ޚަބަރު

ފަލަސްޠީނުގެ ޙައްޤުގައި ރައީސް ކުރައްވަނީ މުޅި އިސްލާމީ އުންމަތައް ނަމޫނާ މަސައްކަތްޕުޅެއް: ވަޒީރު އާދަމް ޝަރީފް


  • މިއީ މުޅި އިސްލާމީ އުންމަތުގެ ޙައްޤުގައި ރައީސް ކުރައްވާ މަސައްކަތްޕުޅެއްކަމަށް ވިދާޅުވި

  • ރައީސް ވަނީ ފަލަސްޠީނަށް ރާއްޖޭގެ ފުރިހަމަ ތާޢީދު އަބަދުވެސް އޮންނާނެކަން ހާމަކުރައްވާފައި

ފަލަސްޠީނުގެ ޙައްޤުގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ކުރައްވަނީ މުޅި އިސްލާމީ އުންމަތައް ނަމޫނާ މަސައްކަތްޕުޅެއްކަމަށް ސިޓީތަކާއި އިދާރީ ދާއިރާތައް ހިންގުމާއި، އާންމު މަސައްކަތްތަކާ ބެހޭ ވަޒީރު އާދަމް ޝަރީފު ޢުމަރު ވިދާޅުވެއްޖެއެވެ.

ނިއުޔޯކުގައި ބާއްވާ އދ.ގެ އާންމު މަޖިލީހުގައި ބައިވެރިވެވަޑައިގަތުމަށް ކުރައްވަމުންގެންދަވާ ދަތުރުފުޅުގެ ތެރެއިން ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވަނީ ފަލަސްޠީނުގެ ރައީސް ޑރ. މަޙްމޫދު ޢައްބާޞްއާ ބައްދަލުކުރައްވާފައެވެ.

މި ބައްދަލުކުރެއްވުމާ ގުޅިގެން ވަޒީރު އާދަމް ޝަރީފް ޢުމަރު އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، މުޅި ދުނިޔޭގެ އެހީތެރިކަން ބޭނުންވެފައިވާ ފަލަސްޠީނުގެ ޙައްޤުގައި ރައީސް ކުރައްވާ މަސައްކަތްޕުޅަކީ މުޅި އިސްލާމީ އުންމަތުގެ ޙައްޤުގައި ކުރައްވާ އަދި މުޅި އިންސާނިއްޔަތަށް ނަމުނާ މަސައްކަތްޕުޅެއް ކަމަށެވެ.


ފަލަސްޠީނާއި އެޤައުމުގެ ރައްޔިތުންނަށް ދިވެހިރާއްޖެއިން އަބަދުވެސް ފުރިހަމައަށް ތާއީދުކުރެއެވެ. ފަލަސްޠީނަށް ރާއްޖެއިން އަބަދުވެސް އެއްބާރުލުން ދިނުމަކީ، ރާއްޖޭގެ ޚާރިޖީ ސިޔާސަތުގެ ދެމެހެއްޓެނިވި އަސާސަކަށްވެފައި، ބައިނަލްއަޤްވާމީ މައިދާނުގައި އިންސާފާއި އިންސާނީ ޙައްޤުތަކަށް ރާއްޖެއިން ބަހައްޓާ އަހައްމިއްޔަތުކަން ދައްކުވައިދޭ ކަމެކެވެ.

މިއަހަރު ކުރީކޮޅު ދިވެހިރާއްޖެއިން ކޯ-ސްޕޮންސަރކުރި ގަރާރަކުން، ފަލަސްޠީނު ދައުލަތަކީ އދ.ގެ ފުރިހަމަ މެމްބަރު ޤައުމެއްގެ ގޮތުގައި ބަލައިގަތުމަށް ތާއީދުކުރުމަށް ވަނީ ހުށައަޅާފައެވެ. މި ގަރާރު ވަނީ އދ.ގެ އާންމު މަޖިލީހުން ބަލައިގަތުމަށް ނިންމާފައެވެ.

އިންޓަރނޭޝަނަލް ކޯޓް އޮފް ޖަސްޓިސް (އައި.ސީ.ޖޭ) ގެ އެޑްވައިޒަރީ އޮޕީނިއަނަށް އިޒްރޭލުގެ ސިޔާސަތުތަކުގެ ގާނޫނީ ނަތީޖާތަކާބެހޭ ގޮތުން ލިޔުމުން ބަޔާން ދީ، މި މައްސަލާގައި އަނގަބަހުން ހުށަހެޅި ކަންކަމަށް ދިވެހި ސަރުކާރުން މީގެ ކުރިން ވަނީ ތާއީދުކޮށްފައެވެ. މީގެ އިތުރުން ރާއްޖޭގައި 12 ޖޫން 2024 ގައި ފަލަސްޠީނަށް އެހީވުމަށް ބޭއްވި ޓެލެތޯނުން ހޯދި 1.2 މިލިއަނަށްވުރެ ގިނަ އެމެރިކާ ޑޮލަރު މިހާރު ވަނީ ޔޫ.އެން.އާރ.ޑަބްލިއު.އޭ. އާއި ޙަވާލުކޮށްފައެވެ.