ޚަބަރު

އެންމެ ފަހުން މަރެސްކާ ޗިލްވެލްއަށް ފުރުސަތު ދެނީ


ޗެލްސީގެ ކޯޗުގެ މަގާމާ އެންޒޯ މަރެސްކާ ހަވާލުވުމަށްފަހު، ޑިފެންޑަރު ބެން ޗިލްވެލްއަށް ފުރަތަމަ ފަހަރަށް ކުޅުމުގެ ފުރުސަތު ދޭން ނިންމައިފިއެވެ.

މަރެސްކާ ވަނީ އިނގިރޭސި ލީގު ކަޕްގައި ބަރޯއާ ދެކޮޅަށް ޗެލްސީން މިރޭ ކުޅޭ މެޗަށް އެކުލަވާލި ސްކޮޑުގައި ޗިލްވެލް ހިމަނާފައެވެ. ފުރަތަމަ ޓީމާއެކު މިހާރު ފަރިތަކުރަމުންދާ ޗިލްވެލްއަށް ފުރުސަތު ދޭން ނިންމުމާއި ގުޅޭގޮތުން މަރެސްކާ ބުނެފައިވަނީ ކްލަބުން އެކަމަށް ގޮތެއް ހޯދާފައިވާ ކަމަށެވެ.

މަރެސްކާ ޗެލްސީއާ ހަވާލުވުމަށްފަހު އެ ޓީމުން ވިއްކާލާ ކުޅުންތެރިންގެ ލިސްޓުގައި ޗިލްވެލް ވަނީ ހިމަނާފައެވެ. ނަމަވެސް ޓްރާންސްފާ ބާޒާރު ބަންދުވިއިރު އޭނާ ގަންނާނެ ކްލަބެއް ނެތުމުން ވަނީ އެކަން ކާމިޔާބުނުވެފައެވެ. 2022 ވަނަ އަހަރު ސްޕެއިނުގެ މާކް ކުކުރެޔާ ޗެލްސީއާ ގުޅުނު ހިސާބުން ޗިލްވެލްއަށް ވަނީ ކުޅުމުގެ ފުރުސަތު ގެއްލެން ފަށާފައެވެ. އަދި ފާއިތުވެދިޔަ ދެ ސީޒަނުގައި އޭނާއަށް ލިބުނު އަނިޔާގެ ސަބަބުން ކުޅެވިފައިވަނީ އެންމެ 13 މެޗުގައެވެ.

މަރެސްކާ ޗެލްސީއާ ހަވާލުވި ފަހުން ކުޅުނު ހަތް މެޗުގެ ތެރެއިން ބަލިވެފައިވަނީ ދެ މެޗުންނެވެ. މަރެސްކާ ބުނީ އެ ކުލަބު މިހާރު އޮތީ ރަގަޅު ފޯމެއްގައި ކަމަށާއި، ނަމަވެސް މެންޗެސްޓާ ސިޓީ އާއި އާސެނަލާ ވާދަކުރުމަށް އަދިވެސް ގިނަ ކަންތައްތަކެއް ކުރަންޖެހޭ ކަމަށެވެ.

މަރެސްކާ އިތުރަށް ބުނެފައިވަނީ ލީގު ކަޕުގައި މިރޭ ކުޅޭ މެޗުގައި ޗެލްސީގެ ޒުވާން ކުޅުންތެރިންނަށް ފުރުސަތު ދޭނެ ކަމަށާއި، އަދި ހުރިހާ ކުޅުންތެރިންނަށް ފުރުސަތު ނުދެވުނު ނަމަވެސް އެ ކުޅުންތެރިން ޓީމުގައި ހިމަނާނެ ކަމަށެވެ.

އިނގިރޭސި ޕްރިމިއަރ ލީގުގައި ޗެލްސީ މިހާތަނަށް ކުޅުނު ފަސް މެޗުން 10 ޕޮއިންޓާއެކު އޮތީ ތާވަލުގެ ފަސްވަނައިގައެވެ. އެއްވަނައިގައި އޮތް ސިޓީއަށް ފަސް މެޗުން ލިބިފައިވަނީ 13 ޕޮއިންޓެވެ.