ޚަބަރު

ފަންނީޔާތާއި އެއްވަރަށް ރައްޔިތުންގެ ހޭލުންތެރިކަން އިތުރުކުރަން ޖެހޭ: ވަޒީރު އިބްރާހީމް ވަޙީދު


  • ރާއްޖޭގެ ޒުވާނުން ކުރިއެރުވުމަށް ސަރުކާރުން ފުރުސަތު ހޯދައިދެމުންދާކަން ވަޒީރު ފާހަގަކުރެއްވި

  • ޚަބަރުތަކުގެ ސައްޚަކަން ކަށަވަރު ކުރުމަށް ގޮންޖެހުންތަކެއް ހުރިކަން

  • ހޭލުންތެރިކަން އިތުރުކުރުމުގެ ޕްރޮގްރާމެއް ކުރިއަށް ގެންދަވާކަމަށް ވަޒީރު ވިދާޅުވި

ފަންނީއްޔާތާއި އެއްވަރަށް ރައްޔިތުންގެ ހޭލުންތެރިކަންވެސް އިތުރުކުރަން ޖެހޭކަމަށް ޒުވާނުން ބާރުވެރިކުރުމާއި، މަޢުލޫމާތާއި ފަންނާ ބެހޭ ވަޒީރު އިބްރާހީމް ވަޙީދު ވިދާޅުވެއްޖެއެވެ.

ވަޒީރު މިހެން ވިދާޅުވީ، ރާއްޖެއިން މިވަގުތު އދ. ކުރަމުންދާ މަސައްކަތްތަކާއި ގުޅޭގޮތުން ޕީއެސްއެމްއިން ގެނެސްދެމުންދާ "ދިވެހިންގެ އަޑު ދުނިޔެއަށް" ކަވެރޭޖުގައި ވާހަކަފުޅުދައްކަވަމުންނެވެ.

މި ކަވަރޭޖުގައި ވާހަކަފުޅުދައްކަވަމުން ވަޒީރު އިބްރާހީމް ވަޙީދު ވަނީ ރާއްޖޭގައި ޒުވާނުންގެ ކުރިއެރުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ޚާއްސަ އިސްކަމެއް ދެއްވައި މަސައްކަތްޕުޅުތަކެއް ފަށްޓަވާފައިވާކަމާށް ވިދާޅުވެފައެވެ. މިގޮތުން ރައީސުލްޖުމްހޫރިއްޔާ ހަވާލުކުރެއްވި އެންމެ މުހިންމު މަސައްކަތަކީ ފަންނީއްޔާތުގެ ދައިރާއަށް ޝައުޤުވެރިވާ ޒުވާނުން ހޯދައި އެ ފަރާތްތަކުގެ ޚިޔާލާއި މަޝްވަރާ ހޯދުން ކަމަށް ވަޒީރު ވިދާޅުވިއެވެ.

އަދި މިގޮތުުން އެއްކުރެވުނު މައުލޫމާތުގެ އަލީގައި ޒުވާނުންނަށް ކުރިމަތިވެފައިވާ ގޮންޖެހުންތައް ހައްލުކުރުމަށް ސަރުކާރުން މަސައްކަތް ކުރަމުންދާކަމަށް ވަޒީރު ވިދާޅުވިއެވެ. މިއާއެކު، ފަހި ފުރުޞަތުތަކެއް ބޭނުންވެފައި ތިބި ޒުވާނުންނަށް ފުރުޞަތު ހޯދުމަށް މަސައްކަތް ކުރަމުންދާކަމަށް ވަޒީރު ވިދާޅުވިއެވެ.

މިގޮތުން ފަންނުވެރިންނަށް ޚާއްސަ ލޯންތަކާއި އެޕްރެންޓިސްޝިޕް ޕްރޮގްރާމްތައް ރޭވި ކުރިއަށްދާކަން ވަޒީރު ފާހަގަކުރެއްވިއެވެ. އަދި މި މަސައްކަތްތާކާއެކު ފަންނީއްޔާތުގެ ދައިރާ ކުރިއެރުވުމަށް ރައީސުލްޖުމްހޫރިއްޔާ ޚާއްސަ އިސްކަމެއް ދެއްވާކަން ވަޒީރު ފާހަގަކުރެއްވިއެވެ.

ޒުވާނުންގެ ވަޒީރު ވިދާޅުވީ، އަދުގެ ދުނިޔޭގައި ފަންނީއްޔާތުގެ ދާއިރާ ވަރަށް ބޮޑަށް ކުރިއަރައި ގޮސްފައިވާއިރު އެކި ވަސީލަތްތައް ބޭނުންކޮށްގެން އެކި އުފެއްދުންތައް ޝާޢީއު ކުރަމުންދާ ކަމަށެވެ. ނަމަވެސް ދުނިޔޭގެ އެހެން ޤައުމުތަކެކޭ އެއްގޮތަށް ރާއްޖޭގައި ޚަބަރުތަކުގެ ސައްޙަކަން ދެނެގަތުމުގައި ގޮންޖެހުންތައް ރައްޔިތުންނަށް ހުރިކަން ވަޒީރު ފާހަގަކުރެއްވިއެވެ.

އެ ވުޒާރާގެ މެންޑޭޓުތެރޭ މައުލޫމާތު ފެތުރުމުގެ ގުޅޭ މަސައްކަތްތައް އޮތްއިރު، ރައްޔިތުން ހޭލުންތެރިކުރުމަށް މަސައްކަތްތަތަކެއް ކުރެވޭކަން ވަޒީރު ފާހަގަކުރެއްވިއެވެ.

"އަޅުގަނޑުމެން މިނިސްޓްރީގެ ޒިންމާއެއް އެބައޮތް މިސްއިންފޮމޭޝަންއާއި ފޭކް ނިއުސްއަށް ރައްޔިތުންގެ ހޭޅުންތެރިކުރުމުގެ، އެހެންވީމަ ޓެކްނޮލޮޖީއާއި އެއްވަރަށް ރައްޔިތުންގެ ހޭލުންތެރިކަން އިތުރުކުރަންޖެހޭ. އަދި މި އުފައްދާ ތަކެތި އެއީ މުޖްތަމަޢަށް އޭގެ ރަނގަޅު އަސަރެއް ކުރާ ތަކެތި އެ އުފައްދާ މީހުންވެސް ބަލަންޖެހޭ" ވަޒީރު ވިދާޅުވިއެވެ.

ވަޒީރުގެ ވާހަކަފުޅުގައި މިފަދަ ޚަބަރުތަކުގެ ސަބަބުން ރައްޔިތުންނަށް ވަރަށް ބޮޑަށް ޙަޤީޤަތް އޮޅި އޭގެ އަސަރު ދިރިއުޅުމަށްކޮށްފައި ހުރި ކަމަށެވެ. އެހެން ކަމުން މިއަހަރު ނިމުމުގެ ކުރީން ރާއްޖޭގެ އެކިކަންކޮޅުތަކަގައި މިކަމަށް ހޭލުންތެރިކަން އިތުރުކުރުމުގެ މަސައްކަތްތަކެއް ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވާކަން ވަޒީރު ފާހަގަކުރެއެވެ.