ޚަބަރު

މާރާމާރީއާ ގުޅިގެން 19 މީހަކު ހައްޔަރުކޮށްފި


ރޭ މާލޭގައި ހިނގި މާރާމާރީއާއި ގުޅިގެން ފުލުހުން ހިންގި ޚާއްސަ އޮޕަރޭޝަނެއްގައި 19 މީހަކު ފުލުހުން ހައްޔަރުކޮށްފިއެވެ. 

ރޭ މާލޭގައި ހިނގި ދެ މާރާމާރީއެއްގައި ވަނީ 14 އަހަރުގެ ދެ ކުއްޖަކު މަރުވެފައެވެ. ފުލުހުންގެ މީޑިއާ އޮފިޝަލް ވިދާޅުވީ، ރޭ ދަންވަރު ފުލުހުން ތިން ގެއެއް ބަލާ ފާސްކޮށް ނަވާރަ މީހަކު ހައްޔަރުކޮށްފައިވާކަމަށެވެ. އެގޮތުން ކޯޓު އަމުރެއްގެ ދަށުން ހ. ދޫހިމެރިގެ އިން 7 މީހަކު އަދި މ. ޖޭޑު އިން އަށް މީހަކު ހައްޔަރުކޮށްފައެވެ. އަދި މ. ލޮނުމިދިލިގޭ ފާސްކޮށް 4 މީހަކު ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައިވެއެެވެ. 

ރޭ ދިހަގަޑި ފަހެއް ހާއިރު މާފަންނުގައި ހުރި ގެއެއްގެ ތެރޭގައި ހިނގި ނުރައްކާތެރި މާރާމާރީއެއްގައި 14 އަހަރުގެ ކުޑަކުއްޖެއްގެ ބުރަ ކަށީގެ ވާތް ފަރާތުގެ 3 ތަނަކަށް ތޫނު އެއްޗަކުން ހަމަލާދީފައިވާކަމަށާއި، އައިޖީއެމް ހޮސްޕިޓަލަށް ގެންދިޔަ އިރުވެސް މަރުވެފައިވާކަމަށް ހޮސްޕިޓަލުން ވިދާޅުވެއެވެ. އަދި އިއްޔެ ހަވީރު ހިނގި މާރާމާރީއެއްގައި ބޮޑެތި ޒަޚަމްތަކެއް ލިބުނު ޒުވާނަކުވެސް ވަނީ މަރުވެފައެވެ. 

ދެ ގްރޫޕެއްގެ ދެމެދުގައި މި މާރާމާރީ ހިނގާފައިވަނީ އިއްޔެ ހަވީރު ފަސްގަޑި ސާޅީސް ފަހެއް ހާއިރު، މަޖީދީމަގާއި ޝަހީދު ޢަލީ ހިނގުން ގުޅޭ ހިސާބުގައިކަމަށް ފުލުހުން ވިދާޅުވެއެވެ.