ޚަބަރު

އދ. ގައި ރާއްޖެއިން ލީޑަރޝިޕް ދައްކަނީ އެއްވެސް ފަސްޖެހުމެއްނެތި!


  • ރާއްޖެއިން ހުށައެޅި ބައެއް ގަރާރަށް އެހެން ޤައުމުތަކުގެ ބޮޑު ތާޢީދެއް ލިބިފައިވޭ

އދ. ގައި ރާއްޖެ ފެންނަނީ ރާއްޖެއަށް މުހިންމު ކަންތައްތަކުގައި ލީޑަރޝިޕް ރޯލް އަދާކުރުމަށް ފަސްނުޖެހޭ ޤައުމެއްގެ ގޮތުގައިކަމަށް ޚާރިޖީ ވުޒާރާއިން ވިދާޅުވެއްޖެއެވެ. މިފަދައިން ވިދާޅުވީ އެ ވުޒާރާގެ ޖޮއިންޓް ސެކްޓްރެޓްރީ މަރްޔަމް މިދުފާ ނައީމް ޕީއެސްއެމުން ގެނެސްދޭ "ދިވެހީންގެ އަޑު ދުނިޔެއަށް" ކަވަރޭޖުގައި ވާހަކަ ދައްކަވަމުންނެވެ.

ޕީއެސްއެމްގެ "ދިވެހީންގެ އަޑު ދުނިޔެއަށް" ކަވަރޭޖުގައި ދިވެހި ޚާރިޖިއްޔާގެ ޖޮއިންޓް ސެކްޓްރެޓަރީ މަރްޔަމް މިދުފާ ނައީމް ވިދާޅުވީ އދ.ގައި ރާއްޖެއަކީ ލީޑަރޝިޕް ރޯލް އަދާކުރުމަށް ފަސް ނުޖެހޭ ޤައުމެއްކަމަށެވެ. ނަމަވެސް ރާއްޖެއަށް އދ. ގެ މެމްބަރުކަން ލިބުނީ ފައިސޭހައިން ނޫންކަން ފާހަގަކުރައްވާ މިދުފާ ވަނީ ރާއްޖެއިން އދ.ގެ މެންބަރުކަން ހޯދުމަށް ކުރި ދަތުރުގައި ޤައުމުތަކުން ރާއްޖެއަށް އެ ޖަމްޢިއްޔާގެ ޒިންމާ އަދާކުރެވިދާނެކަމާމެދު ސުވާލު އުފެއްދިކަން ފާހަގަކުރައްވާފައެވެ.

އދ.ގެ މެމްބަރުކަން ހޯދުމަށް ކުރި ދަތުރުގައި އޭރު ރާއްޖޭގެ މާލީ ފުދުންތެރިކަން ދަށްވުމުގެ އިތުރުން، އެންމެ ކުޑަކޮށް ތަރައްޤީވެފައި އޮތް 10 ޤައުމުތަކުގެ ތެރޭގައި ރާއްޖެ ހިމެނޭކަމަށްވެސް މިދުފާ ވިދާޅުވިއެވެ. އެ ގޮންޖެހުންތައް ހުރުމާއެކު، އދ. ގައި ރާއްޖެއަކީ މުހިންމު ބައެއްކަން ދައްކަންޖެހޭނެކަމުގެ ރޫހު އާލާވެގެންދިޔައީ އެހިސާބުންކަންވެސް އޭނާ ފާހަގަކުރެއްވިއެވެ.

އެހިސާބުން ރާއްޖެއިން އދ. ގެ ދައުރުފުޅާކޮށް، ރާއްޖެއިން ޤަބޫލުކުރާ ކަންތައްތަކުގެ އަޑުއުފުލަން ފެށިކަމަށް މިދުފާ ވިދާޅުވިއެވެ. އެގޮތުން މޫސުމަށް އަންނަ ބަދަލުތަކުގެ މައްސަލަ ޚާއްޞަކޮށް މިދުފާ ފާހަގަކުރެއްވިއެވެ.

އދ. ގެ މެމްބަރުކަން ރާއްޖެއަށް ލިބުނުތާ މިއަހަރަށް ވަނީ 59 އަހަރު ވެފައެވެ. ރާއްޖެއިން ވަނީ އދ.ގައި މުހިންމު އެތައްކަމަކަށް އަޑުއުފުލާފައެވެ. އެގޮތުން 3 ނޮވެމްބަރ 1988 ގައި ރާއްޖޭއަށް ދިން ނުރައްކާތެރި އުދުވާނީ ހަމަލާއާ ގުޅިގެން، އުދުވާނީ ހަމަލާތަކުން ކުދި ޤައުމުތައް ސަލާމަތްވުމަށްޓަކައި އދ. އިން އެހީތެރިކަން ފޯރުކޮށްދޭންޖެހޭކަމަށް ބުނެ ޤަރާރެއް ރާއްޖެއިން ހުށައެޅިކަން މިދުފާ ފާހަގަކުރެއްވިއެވެ. ތިން އަހަރަށް ޤަރާރު އދ. ގެ ސަލާމަތީ މަޖިލީހުގައި އޮތުމަށްފަހު އެ ޤަރާރު ވަނީ ފާސްކޮށްފައެވެ.


މީގެއިތުރުން ކުވައިތަށް އިރާޤުން ހަމަލާދިންއިރުވެސް ރާއްޖެއިން ހުށަހެޅި ޤަރާރު ބޭނުންކޮށްގެން އދ. އިން ހަނގުރާމަ ހުއްޓުވުމަށް ނިންމިކަމާއި، މިއީ ރާއްޖެއިން ނިންމި ރަނގަޅު ނިންމުމެއްގެ ގޮތަށް މިދުފާ ފާހަގަކުރެއްވިއެވެ.

"ރާއްޖެއަކީ ރާއްޖޭގެ ސައިޒަށް ނުވަތަ ނިސްބަތަށް ބަލައިގެން މަސައްކަތްކުރާ ބައެއް ނޫންކަން. އަޅުގަނޑުމެންނަކީ އަޅުގަނޑުމެންގެ ސައިޒަށްވުރެ މާބޮޑަށް މަސައްކަތް ކުރާ ބައެއް. އެކަހަލަ ގޮތަކަށް ރާއްޖޭގެ ދައުރު ފެނިގެންދަނީ އދ. ގެ ތެރޭގައި." މިދުފާ ވިދާޅުވިއެވެ.

ރާއްޖެއިން އދ. ގެ ސަލާމަތީ މަޖިލީހުގައި ހޯދި ކާމިޔާބީތަކާ ގުޅޭގޮތުން މިދުފާ ވިދާޅުވީ ޑިޕްލޮމެޓިކް ދާއިރާގައި އުޅޭ އަންހެނުންގެ ދުވަސް ފާހަގަކުރުމަށް އދ. އަށް ޤަރާރެއް ރާއްޖެއިން ހުށަހެޅިކަމަށެވެ. އަދި އދ. ގެ 193 މެމްބަރު ޤައުމުތަކުގެ ތެރެއިން 191 ޤައުމަކުން އެޤަރާރު ކޯ ސްޕޮންސަރ ކުރިކަމަށްވެސް މިދުފާ ވިދާޅުވިއެވެ. އެއީ ރާއްޖެއިން ބުނާ ބަސް އެހެން ޤައުމުތަކުން ބަލައިގަންނަކަމުގެ ހެއްކެއްގެ ގޮތުގައި މިދުފާ ސިފަކުރެއްވިއެވެ. މީގެއިތުރުން ހިއުމަން ރައިޓްސް ކައުންސިލްގެ ގޮނޑި ރާއްޖެއަށް 3 ފަހަރަށް ލިބުނުކަމާއި، އދ. ގެ އާންމު މަޖިލީހުގެ ރައީސްކަމުގެ މަޤާމު ވެސް ރާއްޖެއަށް ލިބުނުކަންވެސް ކާމިޔާބީތަކުގެ ގޮތުގައި މިދުފާ ފާހަގަކުރެއްވިއެވެ.