ޚަބަރު

ރަސްމާލެ ހިއްކުމަށް ދެ ސަރަހައްދަކުން ވެލި ނެގުމުގެ ހުއްދަދީފި


  • މި ތަންތަނުން ވެލި ނަގަން ހުއްދަ ދިނީ ރަސްމާލޭގެ ނުވަ ސަރަހައްދެއް ހިއްކުމަށް

  • ހުއްދަ ދީފައިވަނީ 6 މަސްދުވަހުގެ މުއްދަތައް

  • ރަސްމާލެ މަޝްރޫޢުގެ އަމަލީ މަސައްކަތް ފެށީ މިދިޔަ އަހަރުގެ ޑިސެމްބަރު މަހުގެ 18ވަނަ ދުވަހު

ރަސްމާލެ ތަރައްގީކުރުމަށް ފުށިދިއްގަރު ފަޅު ހިއްކުމަށް ދެ ސަރަހައްދަކުން ވެލި ނެގުމުގެ ހުއްދަ އެންވަަޔަރަމެންޓް ޕްރޮޓެކްޝަން އެޖެންސީ (އީޕީއޭ)އިން ދީފިއެވެ.

ފުށިދިއްގަރު ފަޅު ހިއްކުމަށް ބޭނުންވާ ވެލި ނެގުމަށް އީޕީއޭއިން ހުއްދަދިނީ މާފުއްޓާ ކައިރިން ހުޅަނގަށް އޮތް ދެ ސަރަހައްދަކުންނެވެ. އެ ދެ ސަރަހައްދުގެ އިތުރުން އިތާފުށި ރިސޯޓު ކައިރިން ސަރަހައްދެއްވެސް ވެލި ނެގުމަށް ކަނޑައަޅާފައިވާކަމަށް އީޕީއޭއިން ވިދާޅުވެއެވެ. މި ތަންތަނުން ވެލި ނެގުމަށް ހުއްދަ ދީފައިވަނީ 6 މަސްދުވަހުގެ މުއްދަތަށެވެ.

މި ތަންތަނުން ވެލި ނަގަން ހުއްދަ ދީފައިވަނީ 562 ހެކްޓަރުގެ ބިން ހިއްކުމަށްކަމަށް އީޕީއޭއިން ވިދާޅުވެއެވެ.

މި ސަރަހައްދުތައް ހިއްކުމުގެ މަސައްކަތް ހައުސިން ޑިވެލޮޕްމެންޓު ކޯޕަރޭޝަން (އެޗްޑީސީ)އިން ހަވާލުކޮށްފައިވަނީ މޯހަން މުތާ އެކްސްޕޯޓާއި ޗައިނާ ރެއިލްވޭ ކޮންސްޓްރަކްޝަން ކޮމްޕެނީއާއެވެ.

ރަސްމާލެ މަޝްރޫޢުގެ އަމަލީ މަސައްކަތް ފެށީ މިދިޔަ އަހަރުގެ ޑިސެމްބަރު މަހުގެ 18ވަނަ ދުވަހުއެވެ. އޭރު މަސައްކަތް ކުރީ 10 މަހުން ބިން ހިއްކުމުގެ މަސައްކަތް ނިންމުމަށެވެ. ނަމަވެސް ދިމާވި މައްސަލަތަކެއްގެ ސަބަބުން، ބައެއް ބަދަލުތައް ޕްރޮޖެކްޓަށް ގެންނަމުންދާކަމަށް ސަރުކާރުން މީގެކުރިން ވަނީ ހާމަކުރައްވާފައިވެއެވެ.

މި މަޝްރޫޢުގައި 1153 ހެކްޓަރުގެ ބިން ހިއްކުމަށް ވަނީ ހަމަޖެހިފައެވެ. ރަސްމާލެއަކީ 65000 ގެދޮރު ޔަގީންވާގޮތަށް ތަރައްޤީކުރަން ނިންމާފައިވާ ރަށެކެވެ. އަދި ރަސްމާލެ ތަރައްޤީކުރަނީ ތިމާވެއްޓާ ރައްޓެހި "އިކޯ ސިޓީ"އެއްގެ ގޮތުގައެވެ.