ޚަބަރު

ވިޔަފާރި ހިންގުމާބެހޭ މަޢުލޫމާތު 12 ރަށެއްގެ ދަނޑުވެރިންނަށާއި ވިޔަފާރިވެރިންނަށް


  • ވިޔަފާރިއެއް މެނޭޖުކުރުމާއި ވިޔަފާރިއެއް ފެށުމާ ބެހޭގޮތުން މަޢުލޫމާތު ދީފައިވޭ

  • ކޮންމެ ރަށެއްގައިވެސް ތަމްރީންތައް ކުރިއަށް ގެންދިޔައީ 4 ދުވަހަށް

12 ރަށެއްގެ ދަނޑުވެރިންނަށާއި ވިޔަފާރިވެރިންނަށް، ވިޔަފާރި ހިންގުމާއި ވިޔަފާރިއެއް ފެށުމާބެހޭ މަޢުލޫމާތު ދިނުމުގެ ޕްރޮގުރާމެއް ކުރިއަށް ގެންގޮސްފިއެވެ.

މި މަޢުލޫމާތު ދިނުމުގެ ޕްރޮގުރާމް ފަށާފައިވަނީ މިއަހަރުގެ ޖުލައި މަހުގެ 25 ވަނަ ދުވަހުއެވެ. މިއީ ދަނޑުވެރިކަމާއި ދިރޭތަކެއްޗާބެހޭ ވުޒާރާއާއި އިންޓަރނޭޝަނަލް ފަންޑް ފޮރ އެގްރިކަލްޗަރަލް ޑިވެލޮޕްމަންޓް، އިފާޑާއި މޯލްޑިވްސް އިންސްޓިޓިއުޓް އޮފް ޓެކްނޮލޮޖީ، އެމްއައިޓީއާ ގުޅިގެން ކުރިއަށްގެންދިޔަ ޕްރޮގުރާމެކެވެ.

ދަނޑުވެރިކަމާބެހޭ ވުޒާރާއިން ވިދާޅުވީ މި ޕްރޮގުރާމުގައި ވިޔަފާރިއެއް މެނޭޖުކުރުމާއި ވިޔަފާރިއެއް ފެށުމާ ބެހޭގޮތުން މަޢުލޫމާތު ދީފައިވާ ކަމަށެވެ.

12 ރަށެއްގައި ޕްރޮގުރާމް ކުރިއަށް ގެންގޮސްފައިވާއިރު ކޮންމެ ރަށެއްގައިވެސް ޕްރޮގުރާމުގެ ތަމްރީންތައް ކުރިއަށް ގެންގޮސްފައިވަނީ 4 ދުވަހުގެ މުއްދަތަކަށެވެ.

މި ޕްރޮގުރާމް ކުރިއަށް ގެންދިޔަ ރަށްތަކަކީ ހދ. ނޮޅިވަރަންފަރު، ހދ. ނޭކުރެންދޫ، ހދ. ކުމުންދޫ، ހދ. ވައިކަރަދޫ، ހދ. މަކުނުދޫ، ހއ. ކެލާ، ހއ. އުލިގަން، ހއ. ފިއްލަދޫ، ހއ. މޮޅަދޫ، ށ. ގޮއިދޫ، ށ. ނަރުދޫ އަދި ށ. ފޯކާދޫއެވެ.

އަތޮޅުތަކުގެ ދަނޑުވެރިން އުފައްދާ އުފެއްދުންތައް ބާޒާރަށް ނެރުމުގެ މަގު ފަހިކޮށްދިނުމަށާއި، ދަނޑުވެރިންގެ އުފެއްދުންތަކަށް ރަނގަޅު މާކެޓެއް ހޯދައިދިނުމަށް ދަނޑުވެރިކަމާއި ދިރޭތަކެއްޗާބެހޭ ވުޒާރާއިން ދަނީ ގިނަ މަސައްކަތްތަކެއް ކުރައްވަމުންނެވެ. އެގޮތުން މާލޭގެ ބާޒާރުތަކަށް ދަނޑުވެރިކަމުގެ އުފެއްދުންތައް ގެނެވޭނެ ގޮތް ހަމަޖެއްސުމަށް އެ ވުޒާރާއިންދަނީ އެކި ފަރާތްތަކާއެކު މަޝްވަރާކުރަމުންނެވެ.

ހަމައެހެންމެ ދަނޑުވެރިކަން ކުރުމަށް ބޭނުންކުރާ ތަކެތި ރަށްރަށަށް ގެންގޮސް، ދަނޑުވެރިންނަށް އެތަކެތި ފޯރުކޮށްދިނުމުގައި ލުއި ގޮތްތަކެއް ހޯދުމަށްވެސް ވުޒާރާއިންދަނީ މަސައްކަތްތަކެއް ކުރަމުންނެވެ.