ޚަބަރު

ރާއްޖެއާއި ސަޢުދީގެ ގުޅުން ބިނާވަނީ ރަހުމަތްތެރިކަމާއި އިސްލާމީ އުސޫލުތަކުގެ މައްޗަށް: ރައީސް


  • ރަސްގެފާނާއި ވަލީއަހުދު އަދި ރައްޔިތުންނަށް ތަހުނިޔާ ފޮނުއްވި

  • ކުރިއަށް އޮތްތަނުގައިވެސް ގުޅުން ބަދަހިވާނެކަމަށް ވިދާޅުވި

ދިވެހިރާއްޖެއާއި ސަޢުދިއަރަބިއްޔާއާ ދެމެދު އޮތް ގާތް ގުޅުމުގެ ސަބަބުން ކުރިއަށް އޮތްތަނުގައިވެސް ދެ ޤައުމުގެ ރައްޔިތުންނަށް ކުރިއެރުމާއި ތަނަވަސްކަން ލިބިގެންދާނެކަމަށް އުއްމީދުކުރައްވާކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.

ރައީސުލްޖުމްހޫރިއްޔާ މިފަދައިން ވިދާޅުވީ ސަޢުދިޢަރަބިއްޔާގެ 94ވަނަ ޤައުމީ ދުވަހުގެ ތަހުނިޔާ ފޮނުއްވާ ސޯޝަލް މީޑިއާގައި ހިއްސާކުރެއްވި ޕޯސްޓެއްގައެވެ.

ރައީސުލްޖުމްހޫރިއްޔާ ވަނީ ސަޢުދިޢަރަބިއްޔާގެ ރަސްގެފާނު ސަލްމާން ބިން ޢަބްދުލްޢަޒީޒް އަލް ސައުދަށާއި ވަލީއަހުދު އަދި ބޮޑުވަޒީރު މުޙައްމަދު ބިން ސަލްމާން ބިން ޢަބްދުލްއަޒީޒް އަލް ސައުދަށް އަދި އެ ޤައުމުގެ ހުރިހާ ރައްޔިތުންނަށް، އެޤައުމުގެ 94 ވަނަ ޤައުމީ ދުވަހުގެ ތަހުނިޔާ ވިދާޅުވެފައެވެ.

ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ ރާއްޖެއާއި ސައުދިޢަރަބިއްޔާގެ ގުޅުން ބިނާވެފައިވަނީ ޒަމާންވީ ރަހުމަތްތެރިކަމާއި އިސްލާމްދީނުގެ މަތިވެރި އުސޫލްތަކުގެ މައްޗަށް ކަމަށެވެ. އަދި ދެ ޤައުމުގެ ގުޅުމުގެ ސަބަބުން ކުރިއަށް އޮތްތަނުގައިވެސް ދެ ޤައުމުގެ ރައްޔިތުންނަށް ކުރިއެރުމާއި ތަނަވަސްކަން ލިބިގެންދާނެކަމަށް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.

ސައުދިއަރަބިއްޔާގެ ޤައުމީ ދުވަހަކީ އެ ޤައުމުގެ ބާނީ އަދި ކުރީގެ ރަސްގެފާނު ޢަބްދުލް ޢަޒީޒް ބިން ޢަބްދުއްރަޙްމާން އަލް ސައުދު، ހަނގުރާމައަކަށްފަހު އެ ޤައުމު އެއްބައި ކުރި ދުވަސް ފާހަގަކުރާ ދުވަހެވެ. މި ދުވަސް ފާހަގަކުރަނީ ކޮންމެ އަހަރެއްގެ ސެޕްޓެމްބަރު މަހުގެ 23 ވަނަ ދުވަހުއެވެ.