ޚަބަރު

ކުދި ޖަޒީރާ ޤައުމުތަކުގެ އިޤްތިޞާދުތައް ފުޅާކުރުމަށް ބައިނަލްއަޤްވާމީ އެހީތެރިކަން ބޭނުންވޭ: ރައީސް


  • ރައީސުލްޖުމްހޫރިއްޔާގެ ވާހަކަފުޅުގައި ކުދި ޖަޒީރާ ޤައުމުތަކަަށް ބޭނުންވާ އެހީތެރިކަން ފާހަގަކުރެއްވި

  • ބައިނަލްއަޤްވާމީ މުޖްތަމަޢުގެ އެއްބާރުލުން ބޭނުންވާކަން ފާޙަގަކުރެއްވި

އިޤްތިޞާދު ސިންދަފާތުކޮށް، ޑިޖިޓަލައިޒްކުރުމަށް ކުދި ޖަޒީރާ ޤައުމުތަކުން ކުރާ މަސައްކަތުގައި ބައިނަލްއަޤްވާމީ މުޖްތަމަޢުގެ އެހީތެރިކަން ބޭނުންވާކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.

ރައީސުލްޖުމްހޫރިއްޔާ މިކަމަށް ގޮވާލެއްވީ އދގައި ކުރިއަށްދާ ސަމިޓް އޮފް ދަ ފިއުޗަރގެ ހަވާސާގެ ތެރެއިން ބޭއްވި ސިޑްސްގެ ބައްދަލުވުމެއްގައެވެ.

ބިލްޑިން ޕްރޮޑަކްޓިވް ކެޕޭސިޓީސް އިން ސިޑްސްގެ ނަމުގައި ބޭއްވި ބައްދަލުވުމުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ އުފެއްދުންތެރިކަން އިތުރުކުރުމާއި އުފެއްދުންތެރިކަން އިތުރުކުރެވޭނެ ގޮތްތައް ހޯދުމަކީ ކުދި ޖަޒީރާ ޤައުމުތަކުގެ އިޤްތިޞާދީ ކުރިއެރުމާއި ދެމެހެއްޓެނިވި ތަރައްޤީއަށް ކޮންމެހެން ކުރަންޖެހޭކަމެއްކަމަށެވެ. އަދި ކުދި ޖަޒީރާ ޤައުމުތަކުގެ އިޤްތިޞާދުތައް ފުޅާކުރުމަށް ހުރި ދަތިތަކާއި އުނދަގޫތައް ބަލައި، އެކަންކަމަށް ހައްލު ހޯދައިދޭންޖެހޭކަމަށް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.

ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ ރާއްޖޭގައި އޮތް މަތީ ފަންތީގެ ފަތުރުވެރިކަމުގެ ސަބަބުން، އެންމެ ކުޑަކޮށް ތަރައްޤީވެފައިވާ ޤައުމުތަކުގެ ލިސްޓުން، ތަރައްޤީވަމުން އަންނަ ޤައުމުތަކުގެ ލިސްޓަށް ރާއްޖެ ކުރިއަށް ޖެހިލާފައިވާކަމަށެވެ. ނަމަވެސް ތަރައްޤީވަމުން އަންނަ ޤައުމުތަކުގެ ލިސްޓަށް ރާއްޖެ ކުރިއަށް ޖެހިލުމުން ކުދި ޖަޒީރާ އެހެން ޤައުމުތަކެކޭ އެއްގޮތަށް ބައެއް ކަންކަމުގައި ދަތިތައް ރާއްޖެއަށް ކުރިމަތިވަމުން އަންނަކަން ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ. އަދި އެ ދަތިތަކުން އަރައިގަނެވެނީ އިޤްތިޞާދު ސިންދަފާތުކޮށް، އުފެއްދުންތެރިކަން އިތުރުކޮށްގެންކަމަށްވެސް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.

ރައީސުލްޖުމްހޫރިއްޔާގެ ވާހަކަފުޅުގައި ވަނީ އެންޓީގާ އެންޑް ބާބިއުޑާގައި ބޭއްވި ސިޑްސް ކޮންފަރެންސްގައި ފާސްކުރި 10 އަހަރުގެ މަގު ޗާޓަކީ ކުދި ޖަޒީރާ ޤައުމުތަކަށް އިޤްތިޞާދީ ކުރިއެރުން ގެނައުމަށް މަގުފަހިވާނޭ މަގުޗާޓެއްކަން ފާހަގަކުރައްވާފައެވެ. އަދި އެ މަގު ޗާޓު ތަންފީޒުކުރުމުގައި ބައިނަލްއަޤްވާމީ މުޖްތަމަޢުގެ އެހީތެރިކަން ބޭނުންވާކަމަށްވެސް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.

ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ ތަރައްޤީ ހާސިލުކުރުމުގައި އިޤްތިޞާދު ޑިޖިޓަލައިޒްކުރުމަކީ މުހިއްމު ދައުރެއް އަދާކުރާނެކަމެއްކަމަށާއި، އެކަމުގެ ސަބަބުން އިޤްތިޞާދީގޮތުން ކުރިއެރުމަށް ގިނަ މަގުތަކެއް ފަހިވެގެންދާނެކަމަށެވެ. އެހެންކަމުން ރާއްޖެއިން އެމަގުން މަސައްކަތްތަކެއްކޮށް، ކާމިޔާބީތަކެއް ހާސިލުކުރުމަށް މަސައްކަތްކުރަމުންދާކަމަށެވެ. އަދި އިޤްތިޞާދު ޑިޖިޓަލައިޒްކުރުމާއެކު، ޒުވާނުންނަށް ބޭނުންވާ ފަންނީ ހުނަރުތައް ދަސްކޮށްދިނުމަށް ހާއްސަ މަސައްކަތްތަކެއް ކުރަމުންދާކަންވެސް ރައީސުލްޖުމްހޫރިއްޔާގެ ވާހަކަފުޅުގައި ފާހަގަކުރެއްވިއެވެެ.

"ޒުވާނުންނަށް ބޭނުންވާ ޑިޖިޓަލް ހުނަރުތައް ދަސްކޮށްދިނުުމުން 2.25 ޓްރިލިއަން ޑޮލަރުގެ ގްލޯބަލް ކްރިއޭޓިވް އިކޮނޮމީގައި އަޅުގަނޑުމެންނަށް ފައިހަމަކޮށްލެވޭނެ" ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.

ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ އިޤްތިޞާދީގޮތުން ކުރިއަރައި، ދެމެހެއްޓެނިވި ތަރައްޤީއަށް ރާއްޖެއިން ކުރާ މަސައްކަތަށް ބައިނަލްއަޤްވާމީ ޕާޓްނަރުންގެ އެހީތެރިކަން ބޭނުންވާކަމަށެވެ. އެހެންކަމުން އިޤްތިޞާދު ފުޅާކޮށް، އުފެއްދުންތެރިކަން އިތުރުކުރުމަށް ރާއްޖެއިން ކުރާ މަސައްކަތުގައި އދއާއި އެހެނިގެން ބައިނަލްއަޤްވާމީ ފަރާތްތަކުން ބައިވެެރިވެ، އެކަމުގައި އެހީތެރިވެދެވޭނެ ގޮތްތައް ހޯދަންޖެހޭކަމަށެވެ. އަދި ޑިޖިޓަލް އިންފްެރާސްޓްރަަކްޗަރ ބިނާކުރުމަށާާއި އެކަމާއި ގުޅޭ މުއައްސަސާތައް ހަރުދަނާކުރުމުގައިވެސް އެހީތެރިކަން ފޯރުކޮށްދިނުމަށް ރައީސުލްޖުމްހޫރިއްޔާގެ ވާހަކަފުޅުގައި ގޮވާލެއްވިއެވެ.