އދގައި ރާއްޖެއިން މިހާރަށްވުރެ ޙަރަކާތްތެރި ދައުރެއް އަދާކުރުމަށް އޮތީ ތައްޔާރަށްކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.
ރައީސުލްޖުމްހޫރިއްޔާ މިހެން ވިދާޅުވީ އދގެ އާއްމު މަޖިލީހުގައި ބައިވެރިވެވަޑައިގަތުމަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގެ ތެރެއިން އދ.ގެ ސެކްރެޓަރީ ޖެނެރަލާއެކު ބޭއްވި ބައްދަލުކުރެއްވުމުގައެވެ.
މި ބައްދަލުކުރެއްވުމުގައި ރައީސުލްޖުމްހޫރިއްޔާ ވަނީ އދ. ގެ ނިޒާމުގެ ތެރޭގައި ރާއްޖެއިން މިހާރަށްވުރެ ޙަރަކާތްތެރި ދައުރެއް އަދާކުރުމަށް، ޚާއްސަގޮތެއްގައި ތަރައްޤީވަމުން އަންނަ ކުދި ޖަޒީރާ ޤައުމުތަކަށް ދިމާވަމުންދާ މައިގަނޑު މައްސަލަތަކާގުޅޭ ކަންކަމުގައި މަސައްކަތްކުރުމަށް ތައްޔާރަށް އޮތްކަން ފާހަގަކުރައްވާފައެވެ.
އަދި ދަރަނި ކުޑަކުރުމާއި މާލީ ޙާލަތު ރަނގަޅުކޮށް ދެމެހެއްޓެނިވި ޙައްލުތަކެއް ހޯދުމަށް ފިސްކަލް ރިފޯމް އެޖެންޑާއެއް އެކުލަވާލުމުގެ މަސައްކަތް ކުރައްވަމުން ގެންދަވާކަން ފާހަގަކުރައްވައި، ޤައުމަށް ކުރިމަތިވެފައިވާ މާލީ ގޮންޖެހުންތަކުގެ މައްޗަށްވެސް ރައީސުލްޖުމްހޫރިއްޔާގެ ވާހަކަފުޅުގައި އަލިއަޅުއްވާލެއްވިއެވެ. އަދި މިކަމުގައި ބައިލެޓަރަލް އަދި މަލްޓިލޭޓަރަލް ފަރާތްތަކުގެ އެހީތެރިކަމާއި އެއްބާރުލުން ދިވެހިރާއްޖެއަށް ލިބުން މުހިންމުކަމުގައި ވެސް އެމަނިކުފާނު ފާހަގަކުރެއްވިއެވެ.
މި ބައްދަލުކުރެއްވުމުގައި އދ.ގެ ސެކްރެޓަރީ ޖެނެރަލް ވަނީ ބައިނަލްއަޤްވާމީ މައްސަލަތަކުގައި، ޚާއްސަކޮށް މޫސުމަށް އަންނަ ބަދަލުތަކަށް ހޭނުމަށް ކުރޭވެ މަސައްކަތްތަކުގައި ދިވެހިރާއްޖެއިން ކުރަމުން އަންނަ މަސައްކަތްތަކަށް ތަޢުރީފު ކުރައްވާފައެވެ. މިކަންތައްތަކުގެ އިތުރުން ރާއްޖެއަށް ކުރިމަތިވާ އެހެން މުހިންމު ކަންކަމުގައިވެސް ފުރިހަމަ އެއްބާރުލުން ދެއްވާނެކަމުގައި ސެކްރެޓަރީ ޖެނެރަލް ވިދާޅުވިއެވެ.
މި ބައްދަލުކުރެއްވުން ނިންމަވާލައްވަމުން، ރައީސުލްޖުމްހުރިއްޔާ ވަނީ ސެކްރެޓަރީ ޖެނެރަލްގެ ލީޑަރޝިޕްގެ ދަށުން، ދުނިޔޭގެ މަސްރަޙުގައި ބޮޑެތި މައްސަލަތަކަށް ބަހުސްކުރުމުގައި އެންމެހާ މެންބަރު ޤައުމުތަކަށް ހަމަހަމަ ފުރުޞަތު ދެއްވުމަށް ކުރައްވާ މަސައްކަތް ފާހަގަކުރައްވައި އެކަމަށްޓަކައި ޝުކުރު އަދާކުރައްވާފައެވެ.
މި ބައްދަލުކުރެއްވުން ބާއްވަވާފައި ވަނީ ނިއުޔޯކްގައި ހުންނަ އދ.ގެ މައިމަރުކަޒުގައި، އެކުވެރި ދައުލަތްތަކުގެ އާންމު މަޖިލީހުގެ 79 ވަނަ ބައްދަލުވުމުގެ ހަވާސާގައެވެ.
އެކުވެރި ދައުލަތްތަކުގެ އާންމު މަޖިލީހުގެ 79 ވަނަ ސެޝަނުގައި ބައިވެރިވެވަޑައިގަތުމަށް ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު އެމެރިކާގެ ނިއުޔޯކަށް ކުރައްވާ ދަތުރުފުޅަކީ މަޤާމާ ހަވާލުވެވަޑައިގަތުމަށްފަހު، ރައީސުލްމުޖްހޫރިއްޔާ އެމެރިކާއަށް އަދި އދ.އަށް ކުރައްވާ ފުރަތަމަ ދަތުރުފުޅެވެ.
މި ދަތުރުފުޅުގައި އދ.ގެ އާންމު މަޖިލީހުގެ އެކި ބައްދަލުވުންތަކުގައި ރައީސުލްޖުމްހޫރިއްޔާ ތަޤުރީރުކުރެއްވުމަށް ވަނީ ހަމަޖެހިފައެވެ. އަދި އދ.ގެ ސަލާމަތީ މަޖިލީހުގެ ޚާއްޞަ ބަހުސެއްގައި ވެސް އެމަނިކުފާނު ބައިވެރިވެވަޑައިގަތުމަށް ވަނީ ހަމަޖެހިފައެވެ.
މީގެ އިތުރުން އދ.ގެ އާންމު މަޖިލީހުގެ ހަވާސާގައި ހިނގަމުންދާ "ސަމިޓް އޮފް ދަ ފިއުޗަރ"ގައި ރައީސުލްޖުމްހޫރިއްޔާ ވަނީ ބައިވެރިވެވަޑައިގަންނަވާފައެވެ. އަދި ޕްރިންސްޓަން ޔުނިވަރސިޓީގެ ދަރިވަރުންނާ މުޚާތަބުކުރައްވައި ރައީސުލްޖުމްހޫރިއްޔާ ތަޤުރީރު ކުރެއްވުމަށްވެސް ވަނީ ހަމަޖެހިފައެވެ..