ޚަބަރު

ޖިނާއީ ތަޙުޤީޤުތައް އަވަސްކުރުމުގައި އެހީތެރިވެދޭނަން: ޕީޖީ


  • ޕްރޮސިކިއުޓަރ ޖެނެރަލް ވަނީ ކޮމިޝަނަރ އޮފް ޕޮލިސް ޢަލީ ޝުޖާޢުއާ ބައްދަލުކުރައްވާފައި

ޖިނާއީ ތަޙުޤީޤުތައް މިހާރަށްވުރެ އަވަސްކޮށް ކުރިއަށްގެންދިއުމަށް ވެދެއްވެންއޮތް އެންމެ ފުޅާ ދާއިރާއެއްގައި އެހީތެރިވެދެއްވާނެކަމަށް ޕްރޮސިކިއުޓަރ ޖެނެރަލް ޖަސްޓިސް (ރިޓަޔަރޑް) އަލްއުސްތާޛް ޢައްބާސް ޝަރީފު ވިދާޅުވެއްޖެއެވެ.

ޕްރޮސިކިއުޓަރ ޖެނެރަލް މިހެން ވިދާޅުވީ ކޮމިޝަނަރ އޮފް ޕޮލިސް ޢަލީ ޝުޖާޢު އާއެކު ދިވެހި ފުލުހުންގެ ޚިދުމަތުގެ މައި އިދާރާގައި ބޭއްވި ބައްދަލުވުމުގައި ވާހަކަފުޅު ދައްކަވަމުންނެވެ.

މިއަދު ދިވެހި ފުލުހުންގެ ޚިދުމަތުގެ މައި އޮފީހުގައި ކުރިއަށްދިޔަ މި ބައްދަލުކުރެއްވުމުގައި ކޮމިޝަނަރ އޮފް ފޮލިސް ވަނީ އައު ޕްރޮސިކިއުޓަރ ޖެނެރަލަށް މަރުޙަބާ ދަންނަވައި، ދެ މުއައްސަސާގެ ދެމެދުގައި އޮތް ގާތް ގުޅުން ދަމަހައްޓަވާނެކަމަށް ވިދާޅުވެފައެވެ. އަދި ކުރިއަށް އޮތް ތަނުގައި މި ގުޅުން އިތުރަށް ބަދަހިކޮށް، ހަރުދަނާ ކުރުމާ ގުޅޭގޮތުން ދެ ބޭފުޅުން މަޝްވަރާ ކުރެއްވިއެވެ.

ޖިނާއީ ތަޙުޤީޤުތައް މިހާރަށްވުރެ އަވަސްކޮށް ކުރިއަށްގެންދިއުމަށް ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހުން ވެދެއްވެންއޮތް އެންމެ ފުޅާ ދާއިރާއެއްގައި އެހީތެރިކަން ދެއްވާނެ ކަމަށް ޕްރޮސިކިއުޓަރ ޖެނެރަލް ވިދާޅުވިއެވެ. އަދި މައްސަލަތަކުގެ ތަޙުޤީޤު ނިމުމަށްފަހު، ދަޢުވާކުރުން މިހާރަށް ވުރެ އަވަސްކުރުމުގެ ތަޞައްވުރު ގެންގުޅުއްވާކަމަށް ޕްރޮސިކިއުޓަރ ޖެނެރަލް ވިދާޅުވިއެވެ.

ދިވެހި ފުލުހުންގެ ޚިދުމަތަކީ ޕްރޮސިކިއުޓަރ ޖެނެރަލްގެ މަސައްކަތުގެ އެންމެ މުހިންމު ބައިވެރިޔާއެވެ. އެގޮތުން މި އޮފީހަށް ހުށަހެޅޭ މައްސަލަތަކުގެ 90 އިންސައްތައަށްވުރެ ގިނަ މައްސަލައަކީ ފުލުހުން ތަޙުޤީޤުކޮށް ހުށަހަޅުއްވާ މައްސަލައެވެ.