ޚަބަރު

މާލޭގައި، ތޫނު އެއްޗަކުން ހަމަލާދީ ޒަޚަމްކޮށްލި ކުއްޖާ މަރުވެއްޖެ


މިއަދު ހަވީރު މާލޭގައި ހިނގި ނުރައްކާތެރި މާރާމާރީއެއްގައި ބޮޑެތި ޒަޚަމްތަކެއް ލިބުނު ޒުވާނަކަށް ފަރުވާދެމުންދަނިކޮށް މަރުވެއްޖެއެވެ.

ދެ ގްރޫޕެއްގެ ދެމެދުގައި ހިނގި މި މާރާމާރީގައި މަރުވެފައިވަނީ އުމުރުން 14 އަހަރުގެ ޒުވާނެއްކަމަށް އިންދިރާ ގާންދީ މެމޯރިއަލް ހޮސްޕިޓަލުން މަޢުލޫމާތުދެއްވައެވެ.

މި މާރާމާރީ ހިނގާފައިވަނީ މިއަދު ހަވީރު 5:45 ހާއިރު، މަޖީދީމަގާއި ޝަހީދު ޢަލީ ހިނގުން ގުޅޭ ހިސާބުގައިކަމަށް ފުލުހުން ވިދާޅުވެއެވެ. މި ޒުވާނާ މަރުވެފައިވަނީ، ތޫނު އެއްޗަކުން އޭނާގެ ކަރަށް ދީފައިވާ ޒަޚަމްތަކަކަށް ފަރުވާދެމުން ދަނިކޮށް، 7:45 ހާއިރުކަމަށް އައިޖީއެމް ހޮސްޕިޓަލުގެ މީޑިޔާ އޮފިޝަލެއް މަޢުލޫމާތުދެއްވިއެވެ.

މި ހާދިސާއާއި ގުޅިގެން އަދި މިހާތަނަށް އެއްވެސް މީހަކު ފުލުހުންގެ ބެލުމުގެ ދަށަށް ގެންދަވާފައި ނުވާއިރު، މި ހާދިސާ ތަހުޤީޤު ކުރައްވަމުން ގެންދަވާކަމަށް ފުލުހުން ވިދާޅުވެއެވެ.