ތިމާވެށި

ތިމާވެށީގެ ދުވަސް ފާހަގަކުރުމަށް ބާއްވާ ފެސްޓިވަލް ފަށައިފި


ދުނިޔޭގެ ތިމާވެށީގެ ދުވަސް ފާހަގަކުރެއްވުމަށް، ބާއްވަމުންދާ ތިމާވެށި ފެސްޓިވަލް މިއަދު ފަށްޓަވައިފިއެވެ.

30 ސްޓޯލް ހިމެނޭ ގޮތަށް މިފެސްޓިވަލް ކުރިއަށް ގެންދެވީ ތިމާވެއްޓާއި ގުޅޭގޮތުން އާންމުން ހޭލުންތެރި ކުރުވުމަށް ކުރިއަށްގެންދިޔަ ޢާއިލީ ހަވީރެއްގެ ގޮތުގައެވެ.

ރަސްފަންނުގައި ކުރިއަށްގެންދިޔަ މި ތިމާވެށި ފެސްޓިވަލް ފައްޓަވައިދެއްވީ ފިނޭންސް މިނިސްޓަރ އަބްދުﷲ ޖިހާދެވެ. މި ފެސްޓިވަލްގައި ސްކޫލްތަކުންނާއި، ސަރުކާރުގެ އިދާރާތަކުންނާއި، އަދި އަމިއްލަ ބައެއް ޖަމްއިއްޔާތަކުން ބައިވެރިވެފައިވެއެވެ.

ފެސްޓިވަލް ފައްޓަވައިދެއްވާ ވާހަކަފުޅު ދައްކަވަމުން ފިނޭންސް މިނިސްޓަރ އަބްދުﷲ ޖިހާދު ވިދާޅުވީ، ތިމާވެއްޓާއި ގުޅޭ ތަފާތު ގިނަ މަޝްރޫޢުތަކެއް ސަރުކާރުން ކުރިއަށްގެންދަވާއިރު، މިދާއިރާއިން ކުރިއަށް ރާވާފައިވާ މަޝްރޫޢުތަކަށް ބޭނުންވާ ބަޖެޓްވެސް ފިނޭންސް މިނިސްޓްރީން ހަމަޖައްސަވާފައިވާ ކަމަށެވެ. ރާއްޖޭގެ ތިމާވެށީގެ ނާޒުކު ކަމާއެކު، އެންމެން ގުޅިގެން ތިމާވެށި ޙިމާޔަތް ކުރުމަށް ފަރުދީ އަދި ޢިޖުތިމާއީ ފެންވަރުގައި ކުރެވިދާނެ މަސައްކަތްތައް މިނިސްޓަރ ޙިއްސާ ކުރެއްވިއެވެ.

ތިމާވެއްޓާއި ބެހޭ ވަޒީރުވެސް ވަނީ ތިމާވެއްޓާ ގުޅޭ އެކި މަޝްރޫޢުތަކަށް އަލިއަޅުއްވާލައްވާފައެވެ. ޚާއްސަކޮށް ރައްކާތެރިގޮތުގައި ކުނި ނައްތާލުމަށް ސަރުކާރުން ބޮޑެތި މަޝްރޫޢުތަކެއް ކުރިއަށްގެންދަވާކަން މިނިސްޓަރ ފާހަގަކުރެއްވިއެވެ.

މި ފެސްޓިވަލްގެ ތެރެއިން ވަނީ ތިމާވެށީގެ ދުވަހާއި ގުޅުވައިގެން ސްކޫލް ދަރިވަރުންނަށް އަމާޒު ކުރައްވައިގެން ކުރިއަށްގެންދިޔަ ކުރެހުމުގެ މުބާރާތްތަކުން ވަނަ ވަނައަށް ހޮވުނު ފަރާތްތަކަށް އިނާމު ދެއްވާފައެވެ.

ފެސްޓިވަލާ ގުޅޭގޮތުން ތިމާވެއްޓާއި ބެހޭ ވުޒާރާގެ ސީނިއަރ ޕޮލިސީ އެގްޒެކްޓިވް ޑރ.އަބްދުﷲ ނަޞީރު ވިދާޅުވީ، އެންމެ ބޮޑު މަޤްޞަދަކީ ތިމާވެއްޓާއި ގުޅޭގޮތުން ރާއްޖޭގައި އަޅާނުލެވި ދޫކޮށްލެވިފައިހުރި ކަންކަން އާންމުންގެ ސަމާލުކަމަށް ގެންނެވުން ކަމަށެވެ.

މިފެސްޓިވަލްގައި ހުރި ސްޓޯލްތައް ތައްޔާރުކޮށްފައިހުރީ ތިމާވެއްޓާއި ގުޅޭ ތަފާތު މެސެޖްތައް އާންމުންނަށް ފެންނާނެފަދަ ގޮތަކަށް ކަން ފާހަގަކޮށްލެވެއެވެ. މީގެ އިތުރުން މި ފެސްޓިވަލްގައި ތިމާވެއްޓާއި ގުޅޭގޮތުން ސޯޝަލް މީޑިޔާގައި ޚާއްސަ ކެމްޕެއިނެއްވެސް ވަނީ ފައްޓަވާފައެވެ. ދުނިޔޭގެ ތިމާވެށީގެ ދުވަހަކީ ޖޫން މަހުގެ ފަސް ވަނަ ދުވަހެވެ. ނަމަވެސް މިއަހަރުގެ ރަމަޟާން މަހުގެ ކުރިން ހަފްތާ ބަންދުގައި މި ފެސްޓިވަލް މިވަނީ ފަށާފައެވެ.