ޚަބަރު

ސުޕްރީމް ކޯޓުގެ މަސައްކަތާއި ގުޅޭ މައުލޫމާތު ސްކޫލް ދަރިވަރުންނާއި އިސްރަށްވެހިންނަށް


  • 7 އަހަރާއި 18 އަހަރާ ދެމެދުގެ ދަރިވަރުން ކޯޓަށް ޒިޔާރަތްކޮށްފައިވޭ

  • އިސްރަށްވެހިންވެސް ކޯޓަށް ޒިޔާރަތްކޮށްފައިވޭ

  • ހަރަކާތްތައް ކުރިއަށްގެންގޮސްފައިވަނީ ސުޕްރީމް ކޯޓަށް 16 އަހަރު ފުރުމާ ގުޅިގެން

ސުޕްރީމް ކޯޓުގެ މަސައްކަތްތަކާ ގުޅޭގޮތުން ސްކޫލް ދަރިވަރުންނާއި އިސްރަށްވެހިންނަށް މަޢުލޫމާތު ދިނުމަށް ޚާއްސަ ހަރަކާތްތަކެއް ކުރިއަށްގެންގޮސްފައެވެ.

ސުޕްރީމް ކޯޓުން އޯޕެން ޑޭގެ ނަމުގައި ކޯޓުގެ މަސައްކަތަކާ ގުޅޭގޮތުން މަޢުލޫމާތު ދިނުމަށް ޚާއްސަ ހަރަކާތެއް ކުރިއަށްގެންގޮސްފައިވަނީ، އެ ކޯޓަށް 16 އަހަރު ފުރުމުގެ މުނާސަބަތާ ގުޅުވައިގެންނެވެ.

މިއަދު ކުރިއަށްދިޔަ ހަރަކާތްތަކާ ގުޅޭގޮތުން މަޢުލޫމާތު ދެއްވަމުން ސުޕްރީމް ކޯޓުގެ ސެކްރެޓަރީ ޖެނެރަލް އިޒްމީރާ ޝިހާމް ވިދާޅުވީ ކޯޓުގެ އަހަރީ ދުވަހާ ގުޅުވައިގެން މިފަދަ ހަރަކާތެއް ކުރިއަށްގެންދިޔުމުގެ ބޭނުމަކީ ޝަރުޢީ ދާއިރާއަށް ދަރިވަރުން އަހުލުވެރިކުރުވައި، ޝައުޤު އުފެއްދުން ކަމަށެވެ.

"އަޅުގަނޑުމެންގެ އުންމީދަކީ މިކަހަލަ ހަރަކާތްތަކުން މުސްތަޤުބަލުގައި މިދާއިރާއަށް ރަނގަޅު ކުދިން ނުކުތުން." އިޒްމީރާ ވިދާޅުވިއެވެ.

ސުޕްރީމް ކޯޓުގެ މަސައްކަތްތައް ދައްކާލުމުގެ ހަރަކާތް އެންމެ ފުރަތަމަ ކުރިއަށް ގެންގޮސްފައިވަނީ 7 އަހަރާއި 13 އަހަރާ ދެމެދުގެ ދަރިވަރުންނަށެވެ. އެގޮތުން ސުޕްރީމް ކޯޓުގައި މިހާރު ތިއްބެވި ފަނޑިޔާރުންނާ ބެހޭގޮތުން އެ ކުދިންނަށް މަޢުލޫމާތު ދީފައިވެއެވެ. އެއަށްފަހު އެ ކުދިންނަށް ކޯޓުގެ ޝަރީޢަތްތައް ހިނގާ މާލަމް ދައްކާލުމަށްފަހު، ޝަރީޢަތް ކުރިއަށްދާ ގޮތާ ބެހޭގޮތުން މަޢުލޫމާތު ދީފައިވެއެވެ.

މި ހަރަކާތުގެ ތެރެއިން އެކުދިން ވަނީ ސުޕްރީމް ކޯޓުގެ 7 ފަނޑިޔާރުންނާ ބައްދަލުކޮށްފައެވެ. މި ބައްދަލުވުމުގައި ފަނޑިޔާރުންވަނީ ދަރިވަރުންގެ ސުވާލުތަކަށް ޖަވާބުދެއްވުމުގެ އިތުރުން ފަނޑިޔާރުންގެ ކޮޓަރިކޮޅުތައްވެސް ދައްކާލާފައެެވެ.

7 އަހަރާއި 13 އަހަރާ ދެމެދުގެ ދަރިވަރުންގެ އިތުރުން 15 އަހަރާއި 18 އަހަރާ ދެމެދުގެ ޢުމުރުފުރައިގެ ދަރިވަރުންނަށް ހާއްސަކޮށްގެންވެސް ސުޕްރީމް ކޯޓުން ވަނީ ހަރަކާތްތަކެއް ކުރިއަށްގެންގޮސްފައެވެ. ފަނޑިޔާރުންނާއި ބައްދަލުކުރުމުގެ އިތުރުން އެ ދަރިވަރުން ބައިވެރިކޮށްގެން ޝަރީޢަތުގެ މަޖިލީހެއް ހިނގާގޮތަށް މޮކް ޓްރަޔަލެއްވެސް ކުރިއަށް ގެންގޮސްފައިވެއެވެ.

މިއަދު ހެނދުނު ކުރިއަށް ގެންދިޔަ ހަރަކާތްތަކަށްފަހު މެންދުރުފަހު އިސްރަށްވެހިންވެސް ސުޕްރީމް ކޯޓަށް ޒިޔާރަތްކޮށްފައިވެއެވެ. އެ ޒިޔާރަތުގައި ސީނިއަރ ސިޓިޒަންސް އެސޯސިއޭޝަނާއި ސަރުކާރުގެ އިސްރަށްވެހިންގެ ނާދީގައި ރަޖިސްޓްރީވެފައިވާ މީހުން ބައިވެރިވިއެވެ.

އެ ހަރަކާތުގެ ތެރެއިން ޝަރީޢަތްތައް ކުރިއަށްދާ މާލަމުގައި އިސްރަށްވެހިންނަށް މަޢުލޫމާތު ދިނުމުގެ ސެޝަނަކާއި ފަންޑިޔާރުންނާއެކު ސައިފޮދެއް ކުރިއަށް ގެންގޮސްފައެވެ.

2008 ވަނަ އަހަރު އެކުލަވާލެވުނު ޤާނޫނުއަސާސީއާ ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓު އުފެދުނީ 2008 ވަނަ އަހަރުގެ ސެޕްޓެންބަރުމަހުގެ 18 ވަނަ ދުވަހުއެވެ.