ޚަބަރު

ޚާރިޖީ ސިޔާސަތުގެ އެންމެ ބޮޑު ކާމިޔާބީއަކީ، ބަދަލުނުވެ ހިފަހައްޓާ ހަމަތައް: ޝިޔާން


  • އދ. ގައި ރާއްޖެއިން ކޮށްފައިވާ މަސައްކަތަކަކީ ފަޚުރުވެރި މަސައްކަތްތަކެއް

  • ދެގޮތެއްނުވާ ސިޔާސަތުތަކެއް ދަމަހައްޓަމުންދޭ

ދިވެހިރާއްޖެއިން ޚާރިޖީ ގުޅުންތައް ޤާއިމްކުރަން ފެށިފަހުން، ދިވެހި ޚާރިޖީ ސިޔާސަތައް ލިބުނު އެންމެ ބޮޑު ކާމިޔާބަކީ ވަކި ކޮޅަކަށް ނުޖެހި އެއް ހަމަތަކެއް ހިފަހައްޓާ ޤައުމެއްގެ ގޮތުގައި ދެމިއޮތުންކަމަށް ދިވެހި ޚާރިޖިއްޔާގެ ސެކްރެޓަރީ މަލްޓިލެޓްރަލް އަޙްމަދު ޝިޔާން ވިދާޅުވެއްޖެއެވެ.

އދ. ގައި ރާއްޖެއިން ކުރަމުންދާ މަސައްކަތްކަތްތަކާއި ގުޅިގެން ޕީއެސްއެމުން ގެނެސްދޭ "ދިވެހީންގެ އަޑު ދުނިޔެއަށް" ޚާއްސަ ކަވަރޭޖުގައި ވާހަކަ ދައްކަވަމުން ޚާރިޖީ ވުޒާރާގެ ސެކްރެޓަރީ މަލްޓިލެޓެރަލް އަޙްމަދު ޝިޔާން ވިދާޅުވީ، ދިވެހިރާއްޖެ އދ. އާއި ގުޅުނު ހިސާބުން ފެށިގެން މުހިންމު މަސައްކަތްތަކެއް މިހާތަނަށް ކޮށްފައިވާކަމަށެވެ. އެގޮތުން އދ. މެންބަރަކަށް ވުމާއެކު ރާއްޖޭގެ އިޖްތިމާޢީ ގިނަ ކަންކަން ޙައްލުކުރުމަށް އދ. އެކި ގުނަންތަކުގެ އެހީތެރިކަން ލިބިގެންދިޔަކަމަށް ޝިޔާން ވިދާޅުވިއެވެ.

މީގެ އިތުރުން ސިޔާސަތުތައް އެކުލަވާލުމުގައި އދ. ގުނަންތަކުގެ އެހީތެރިކަން ލިބިފައިވާއިރު، ރާއްޖެ ވަނީ އދ. ގައިވެސް ފާހަގަކުރެވޭ ގިނަ މަސައްކަތްތަކެއް ކޮށްފައިކަމަށް ސެކްރެޓަރީ މަލްޓިލެޓެރަލް އަޙްމަދު ޝިޔާން ވިދާޅުވިއެވެ.

"އަޅުގަނޑުމެންނަކީ ފަހަށް ޖެހޭ ޤައުމެއް ނޫން. އަޅުގަނޑުމެންގެ ލެވެލްގައި ނުވަތަ އެއަށްވުރެވެސް މަތިން އަޅުގަނޑުމެން ކަންތައްތައް ކުރެވޭތޯ ބަލަން. އަބަދުވެސް ބަލަން އދ. އަށް އެހެން ނަޒަރީއްޔާއަކުން ކަންތައްތައް ކުރެވޭތޯ. އަޅުގަނޑުމެން ކުދި ޤައުމުތަކުގެ ނަޒަރީއްޔާއިން އދ. އަށް އިތުރު ފުރިހަމަކަމެއް ގެނެވޭނެ ކަމަށް ޤަބޫލުކުރަން. " އަޙްމަދު ޝިޔާން ވިދާޅުވިއެވެ.

މިފަދަ އެއް މަސައްކަތެއްގޮތުގައި ދިވެހި ޚާރިޖީއްޔާއިން ފާހަގަކުރާ އެއް ޤަރާރަކީ 1988 ގެ ހަމަލާއަށް ފަހު 1989 ވަނަ އަހަރު ރާޢްޖެއިން ތައްޔާރުކޮށް އދ. އަށް ހުށަހެޅި "ސެކިއުރިޓީ އޮފް ސްމޯލް ސްޓޭޓްސް" ޤަރާރެވެ. މި ޤަރާރު ފަހުން އެކި މައްސަލަތަކުގައި ބޭނުންކޮށް ފާސްކޮށްފައި ހުރިކަން ދިވެހި ޚާރިޖީއްޔާއިން ފާހަގަކުރައްވައެވެ. އަދި މިފަދަ މަސައްކަތްތަކަކީ، ދިވެހިން ފަޚުރުވެރިވާން ޖެހޭ އަދި ދުނިޔޭގެ ޤައުމުތަކުންވެސް ބަލައިގަންނަ މަސައްކަތްތަކެއްކަން ދިވެހި ޚާރިޖީއްޔާއިން ފާހަގަކުރައްވައެވެ.

ދިވެހި ޚާރިޖީއްޔާގެ ސިޔާސަތުތައް ވެރިކަންތައް ބަދަލުވި ނަމަވެސް އަބަދުވެސް އެއް ހަމައެއްގައި ހިފަހައްޓާކަމަށާއި، މިއީ ދިވެހި ޚާރިޖީ ސިޔާސަތު ނުފޫޒުން އެއްކިބާވެފައި އޮތްކަން ދައްކުވައިދޭކަމެއްކަމަށްވެސް ސެކްރެޓަރީ މަލްޓިލެޓްރަލް ޝިޔާން ވިދާޅުވިއެވެ.

"ރާއްޖޭގެ ޚާރިޖީ ސިޔާސަތުގެ ތެރޭގައި އެއްވެސް ބޮޑު ޤައުމެއްގެ ނުފޫޒުގެ ތެރެއަށް ނުވަދެ އަންނަނީ ޕްރިންސިޕަލް ވަކި ޕޮއިންޓްތަކެއް ޤަބޫލުކޮށްގެން. އެކަމެއް މުޅި ދުނިޔެއަށް ވިއްކައިގެން ނުވަތަ އެކަމެއްގައި ހިފަހައްޓައިގެން. އެހެންވެ ޚާރިޖީ ސިޔާސަތު މިހާ ކާމިޔާބުކަމާއެކު މިހާ ދުވަހަށް މިގެންދެވުނީ" ޝިޔާން ވިދާޅުވިއެވެ.

ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުޢިއްޒުގެ ޚާރިޖީ ސިޔާސަތުގެ ތެރެއިން ކުދި ޤައުމުތައް ބައިނަލްއަޤްވާމީ މައިދާނުގައި ކުރާ މަސައްކަތައް އިސްކަންދިނުމާއި، އިސްލާމީ ޤައުމުތަކުގެ މައްސަލަތަކުގައި ޚާއްސަ އިސްކަމެއްދީގެން މަސައްކަތް ކުރުން ދިވެހި ޚާރިޖީއްޔާއިން ފާހަގަކުރައްވައެވެ.