ޚަބަރު

ޕެޓުގެ ގޮތުގައި ގެންގުޅޭ ޖަނަވާރު ރަޖިސްޓްރީކުރަން ލާޒިމްކުރަން ޤާނޫނެއް އެކުލަވާލަނީ


  • ފެޓްގެ ގޮތުގައި ގެންގުޅޭ ޖަނަވާރު ޓެގްކުރާނެ

  • ނިޒާމެއްގެ ތެރެއިން ދިރޭތަކެތި ބެލެހެއްޓުން ހަރުދަނާކުރާނެ

ޕެޓުގެ ގޮތުގައި ޖަނަވާރުން ގެންގުޅެވޭނީ ރަޖިސްޓްރީކޮށްގެންކަމަށް ކަނޑައެޅުމަށް ބޭނުންވާ ޤާނޫނު އެކުލަވާލުމަށް ބިލު ޑްރާފްޓްކޮށް ނިމިފައިވާކަމަށް ދަނޑުވެރިކަމާއި ދިރޭތަކެއްޗާބެހޭ ވަޒީރު ޑރ. ޢާއިޝަތު ރަމީލާ ވިދާޅުވެއްޖެއެވެ. ވަޒީރު މިހެން ވިދާޅުވީ ރާއްޖޭގައި މުޅިން އަލަށް ޖަނަވާރު ގެންގުޅުމާއި ޖަނަވާރުގެ ސިއްޙަތާ ބެހޭ ޤާނޫނެއް އެކުލަވާލުމަށް ބޭނުންވާ ބިލުގެ ޑްރާފްޓާ ގުޅޭގޮތުން ޕީއެސްއެމް ނިއުސްއަށް ދެއްވި އިންޓަރވިއުއެއްގައެވެ.

ރާއްޖޭގައި ދިރޭތަކެތި ނުވަތަ ޖަނަވާރުންނާ ގުޅުންހުރި އެއްވެސް ޤާނޫނެއް މިހާތަނަށް އެކުލަވާލާފައެއް ނުވެއެވެ. އަދި ޖަނަވާރުންނާ ގުޅޭ މާބޮޑު މެންޑޭޓެއްވެސް މީގެ ކުރިން އެއްވެސް ވުޒާރާއެއްގައި ނޯވެއެވެ. ނަމަވެސް މިސަރުކާރުން ވަނީ ދިރޭތަކެއްޗާ ބެހޭ މެންޑޭޓު ފުޅާކޮށް، އެކަމަށް ޚާއްޞަ ވުޒާރާއެއް އެކުލަވާލާފައެވެ.

އެވުޒާރާއިން އަންނަނީ ދިރޭތަކެތި ގެންގުޅުމާއި، އެތަކެތީގެ ސިއްޙަތާ ގުޅޭ ކަންކަން ރަނގަޅުކުރުމަށް ހަރުދަނާ ނިޒާމެއް ޤާއިމްކުރުމުގެ މަސައްކަތްކުރަމުންނެވެ.

ދަނޑުވެރިކަމާއި ދިރޭތަކެއްޗާ ބެހޭ ވަޒީރު ޑރ. ޢާއިޝަތު ރަމީލާ ވިދާޅުވީ، ޖަނަވާރު ގެންގުޅުމާއި ޖަނަވާރުގެ ސިއްޙަތާ ބެހޭ ބިލުގެ ޑްރާފްޓްގެ މަސައްކަތް ނިންމައި ބަންޑާރަ ނައިބުގެ އޮފީހަށް މިހާރު ފޮނުވާފައިވާކަމަށެވެ. އެ ޑްރާފްޓްގައި ހުރި ބައެއް ކަންކަން ތަފްސީލްކޮށްދެއްވަމުން ވަޒީރު ވިދާޅުވީ، ރާއްޖޭގައި ޕެޓުގެ ގޮތުގައި ގެންގުޅޭ ޖަނަވާރުން ރަޖިސްޓްރީކުރުން ލާޒިމްކުރުމަށް އެ ޑްރާފްޓްގައި ހިމަނާފައިވާކަމަށެވެ.

ވަޒީރު ވިދާޅުވީ އަލަށް އެކުލަވާލާ ޤާނޫނުގެ ތެރެއިން ޖަނަވާރުންގެ ސިއްޙަތާ ގުޅޭ ވަރަށް ގިނަ ކަންކަން ކަށަވަރުކުރެވޭނެކަމަށެވެ. އަދި ޖަނަވާރުގެ ވެރިފަރާތަކީ ކާކުކަން ދެނެގަތުމަށްވެސް ފަސޭހަ އިންތިޒާމުތަކެއް ހުންނާނެކަމަށް ވަޒީރު ވިދާޅުވިއެވެ. އެފަދަ ނިޒާމެއް ގާއިމްވެގެން ނޫނީ މަގުމަތީގައި ގިނަވާ ބުޅާފަދަ ތަކެތި މަދުނުކުރެވޭނެކަން ވަޒީރު ފާހަގަކުރެއްވިއެވެ.

"އޭރުން މިވާގޮތަކީ ފެޓްގެ ގޮތުގައި މި ގެންގުޅޭ ޖަނަވާރު ޓެގްކުރެވިގެންދާނެ. ރެޖިސްޓަރ ކުރެވިގެން ދާނެ. އަދި އޭގެ ސިއްހީ ކަންކަން ބެލުމައްޓަކައި ޤަވާއިދުން ދޭންވާ ވެކްސިން ދިނުމާއި، މި ރެޖިސްޓަރޑް ޕްރޮގްރާމެއްގެ ދަށުން ކުރެވިގެން ދާނެ. ދެންވެސް މަގުމައްޗަަށް ނިކުންނަ ބުޅަލެއްވެސް ޓެގް ކުރެވިފައި އިނިއްޔާ އިނގޭނެ އޯނަރއާއި ލިންކް ކުރަން" ވަޒީރު ވިދާޅުވިއެވެ.

ގޭބިސީތަކުގައި ގެންގުޅޭ ޖަނަވާރުތަކަށް ބޭނުންވާ ބޭސްފަރުވާއާއި ވެކްސިންފަދަ ތަކެތި، ހެޔޮއަގެއްގައިި އަދި ފަސޭހައިން ލިބޭނެ މަގު ތަނަވަސްކުރުމަށް އެ ވުޒާރާއިން އަންނަނީ މަސައއްކަތްކުރަމުންނެވެ. ވަޒީރު ވިދާޅުވީ ވެޓެރިނަރީ ޚިދުމަތް ފުޅާކުރުމަކީ އެ ވުޒާރާއިން ހާއްސަ އިސްކަންދީގެން ކުރިއަށްގެންދާ މަސައްކަތެއްކަމަށެވެ. މި މަސައްކަތުގެ ތެރެއިން، ވެޓެރިނަރީ ކްލިނިކްތައް ޤާއިމްކުރުމާއެކު، ޚާއްޞަ ޑޮކްޓަރުންނާއި ނަރުހުން ރާއްޖެ ގެނައުމުގެ މަސައްކަތް ކުރައްވަމުން ގެންދަވާކަމަށް ދަނޑުވެރިކަމާއި ދިރޭތަކެއްޗާ ބެހޭ ވަޒީރު ޑރ. އާއިޝަތު ރަމީލާ ވިދާޅުވިއެވެ.