ޚަބަރު

ސްރީ ލަންކާގެ ރިޔާސީ އިންތިހާބުގެ ވޯޓުލުން ފަށައިފި


ސްރީ ލަންކާގެ ރިޔާސީ އިންތިޚާބުގެ ވޯޓުލުން ފަށައިފިއެވެ. މިއީ އެގައުމުގެ އިގުތިސާދު އެއްކޮށް ފުނޑުފުނޑުވެ، އާންމުން މަގުތަކަށް ނުކުމެ ކުރި މުޒާހަރާތަކަށްފަހު އޭރުގެ ރައީސް ގޮތަބަޔަ ރާޖަޕަކްސަ އިސްތިއުފާދެއްވި ފަހުން އެ ޤައުމުގައި ބާއްވާ ފުރަތަމަ ރިޔާސީ އިންތިޚާބެވެ.

ސްރީ ލަންކާގެ ރިޔާސީ އިންތިޚާބުގެ ވޯޓުލުން ފަށާފައިވަނީ ހޮނިހިރު ދުވަހުގެ ހެނދުނު އެ ޤައުމުގެ ގަނޑިން 07:00 ގައެވެ. މި ފަހަރުގެ އިންތިޚާބުގައި 38 ކެންޑިޑޭޓުން ވާދަކުރެއެވެ. ގާތްގަނޑަކަށް 17 މިލިއަން މީހުންނަށް ވޯޓުލުމުގެ ހައްގު ލިބިފައިވާއިރު، ވޯޓު ކަރުދާހުގައި ތިން ކެންޑިޑޭޓަކު އިސްކަންދޭ ތަރުތީބުން ރޭންކް ކުރާނެއެވެ.

މި ފަހަރުގެ އިންތިޚާބުގައި މިހާރުގެ ރައީސް ރަނިލް ވިކްރަމަސިންހަގެ އިތުރުން އިދިކޮޅު ލީޑަރު ސާޖިތު ޕްރޭމަދާސާ ވާދަކުރައްވައެވެ. އިންޓަނޭޝަނަލް މަނިޓަރީ ފަންޑް (އައިއެމްއެފް)ގެ ޑިމާންޑުތަކާ އެއްގޮތަށް ގައުމުގެ އިޤުތިސާދު ހަމަމަގަށް އެޅުމަށް ވިކްރަމަސިންހަ އަޅުއްވަމުންގެންދަވާ ޓެކްސް ބޮޑުކުރުންފަދަ ފިޔަވަޅުތަކުގެ ސަބަބުން އާންމުނަށް ދިމާވަމުންދާ ގޮންޖެހުންތަކާއެކު ވިކްރަމަސިންހައަށް އޮތް ތާއީދު ވަނީ ގެއްލިފައެވެ. އަދި މަސްރަހު ދިރާސާކުރާ ފަރާތްތަކުން ލަފާ ކުރާގޮތުގައި ވިކްރަމަސިންހަ މިއިންތިޚާބު ކާމިޔާބުކުރެއްވުމަކީ ނާދިރުކަމެކެވެ.

މި ފަހުރު އިންތިޚާބުގައި ވާދަކުރައްވާ ކެންޑިޑޭޓުންގެ ތެރޭގައި ވާތު ފިޔައިގެ ވިސްނުން ގެންނުޅުއްވާ ސިޔާސީ ލީޑަރު އަނޫރާ ކުމާރާ ޑިސެނަޔަކަ އަދި ކުރީގެ ރައީސް ގޮތަބަޔަ ރާޖަޕަކްސައަށް ބޮޑުބޭބެ ވިދާޅުވާ ނަމަލް ރާޖަޕަކްސަ ވެސް ހިމެނިވަޑައިގަންނަވައެވެ. މި ފަހަރުގެ ރިޔާސީ އިންތިޚާބުގައި ވާދަކުރައްވާ ހުރިހާ ކެންޑިޑޭޓުންގެ މައިގަނޑު އެޖެންޑާގެ ގޮތުގައި އޮތީ އެގައުމަށް ދިމާވެފައިވާ އިޤްތިޞާދީ އަނދަވުން ގައުމު ސަލަމާތްކުރުމަށް އަޅާނެ ފިޔަވަޅުތަކުގެ މައްޗަށެވެ.

ސިޔާސީ އަނިޔާވެރިކަމުގެ ތާރީހެއް އޮތް ލަންކާގެ އިންތިޚާބުގެ ކަންކަން ހިންގުމަށް 200،000 އަށްވުރެ ގިނަ އޮފިޝަލުން ވަނީ ހަމަޖައްސާފައެވެ. އަދި ވޯޓު ފޮށިތައް ކައިރީގައި އިން ސަލާމަތީ ކަންކަން ބެލެހެއްޓުމަށް 63،000 ފުލުހުން ވަނީ ޙަރަކާތްތެރިވާނެއެވެ. ވޯޓު ފޮށިތައް ބަންދުކުރަން ކަނޑައަޅާފައި ވަނީ ހަވީރު 04:00 ގައެވެ. އަދި ވޯޓުގެ ނަތީޖާ އިޢުލާން ކުރާނީ އާދިއްތަ ދުވަހުއެވެ.