ކުޅިވަރު

ދަގަނޑޭ ކަކުލުގެ އޮޕަރޭޝަނެއް ކޮށްފި


ރާއްޖޭގައި އުފެދުނު އެންމެ މޮޅު ފުޓްބޯޅަ ކުޅުންތެރިޔާ އަަލީ އަޝްފާގު (ދަގަނޑޭ) ކަކުލުގެ އޮޕަރޭޝަނެއް ކޮށްފިއެވެ.

މިހާރު އުމުރުން 39 އަހަރުގެ ދަގަނޑޭ ކަކުލުގެ އޮޕަރޭޝަން ކޮށްފައިވަނީ އިންޑިއާގައެވެ. އޭނާ އޮޕަރޭޝަން ކޮށްފައިވަނީ، ކަކުލަށް ލިބުނު އަނިޔާއިން ރަނގަޅުވުމަށް އޮޕަރޭޝަން ނުކޮށް, ފަސް ވަރަކަށް އަހަރު ދުވަހު ހުރުމަށްފަހުއެވެ. އެގޮތުން މި ފަހުން ދަގަނޑޭ ކުޅެމުން އައީ ކަކުލުގެ އަނިޔާއަކާ އެކުގައެވެ. އޭނާގެ ކަކުލަށް އެންމެ ފަަހުން އަނިޔާވީ މިދިޔަ ސީޒަނުގެ ޕްރެޒިޑެންޓްސް ކަޕުގައި ކުލަބު އީގަލްސްއާ ދެކޮޅަށް ކުޅުނު މެޗުގައެވެ.

ދަގަނޑޭ ކަކުލުގެ އޮޕަރޭޝަނެއް ކުރިއިރު، މި އޮޕަރޭޝަންގައި ކަކުލުގެ އެންޓީރިއާ ކްރުޝުއޭޓް ލިގަމެންޓާއި، މެނިސްކަސްއަށް ލިބިފައިވާ ގެއްލުންތަކެއް ހިމެނޭހެން ޖުމްލަ ތިން މައްސަލައެއް ހައްލުކުރާނެ ކަމަށް މައުލޫމާތު ލިބެއެވެ. އޮޕަރޭޝަނަށް ފަހު އަލުން ދަނޑަށް ނުކުންނަން ދަގަނޑޭއަށް މަދުވެގެން އަށެއްކަ މަސް ހޭދަވާއިރު، މި އުމުރުގައި މިފަދަ އޮޕަރޭޝަންތަކަށް ފަހު ވަރަށް ގިނަ ކުޅުންތެރިން އަނބުރާ ކުޅެން ނުކުމެފައެއް ނުވެއެވެ.

އެކަމަކު އޮޕަރޭޝަން ކުރުމުގެ ކުރިން ރާއްޖޭގެ މީޑިއާއަކަށް ދިން އިންޓަވިއުއެއްގައި ދަގަނޑޭ ބުނެފައިވަނީ ފޯކަސް ހުރީ ފުރަތަމަ އަނިޔާއިން އަރައިގަތުމަށް ކަމަށެވެ. އަދި ރިކަވަރީއަށްފަހު މަތީ ފަންތީގައި ކުޅޭނެކަމާ މެދު އަދި އެއްޗެއް ބުނަން ނޭގޭ ކަމަށްވެސް ވަނީ ބުނެފައެވެ.

ގައުމީ ފުޓްބޯޅަ ޓީމަށް 98 މެޗު ކުޅެދީފައިވާ ދަގަނޑޭ ވަނީ ގައުމީ ޖާޒީގައި 58 ލަނޑު ކާމިޔާބުކޮށްފައެވެ. ދެކުނު އޭޝިއާ ސަރަހައްދުގެ އެންމެ މޮޅު އެއް ކުޅުންތެރިޔާގެ ގޮތުގައި ފާހަގަކޮށްލެވޭ ދަގަނޑޭ ވަނީ ރާއްޖެއިން 2008 ވަނަ އަހަރު ސާފް ޗެމްޕިއަންޝިޕުގެ ތަށި ހޯދިއިރު، އެންމެ މޮޅު ކުޅުންތެރިޔާގެ މަގާމު ހޯދާފައެވެ.