ޚަބަރު

ޕިއޯލީގެ ފުރަތަމަ މެޗުން އަލް ނަސްރު މޮޅުވެއްޖެ


ސައުދީ ޕްރޯ ލީގުގައި އިއްޔެ އަލް އިއްތިފާގާ ދެކޮޅަށް ކުޅުނު މެޗު 3-0 ގެ ނަތީޖާއަކުން އަލް ނަސްރުން ކާމިޔާބުކޮށްފިއެވެ.

މިއީ އަލް ނަސްރުގެ ކޯޗުކަމުގެ މަގާމުން ލުއިސް ކާސްޓްރޯ ވަކި ކުރުމަށްފަހު، ސްޓެފާނޯ ޕިއޯލީ ހަމަޖައްސައި، އޭނާގެ އިރުޝާދުގެ ދަށުން އެ ކްލަބު ކުޅުނު ފުރަތަމަ މެޗެވެ. ޕިއޯލީ ވަނީ މީގެ ކުރިން އިޓަލީގެ އޭސީ މިލާނަށް ކޯޗުކޮށްދީ، އެ ކްލަބާއެކު އިޓާލިއަން ލީގުގެ ޗެމްޕިއަންކަން ހޯދާފައެވެ.

މި ސީޒަނުގައި އަލް ނަސްރުން ލީގުގައި ކުޅުނު ފުރަތަމަ ތިން މެޗުގެ ތެރެއިން މޮޅުވެފައިވަނީ އެންމެ މެޗަކުންނެވެ. އަދި އޭއެފްސީ ޗެމްޕިއަންސް ލީގުގައި މިދިޔަ ހަފްތާގައި ކުޅުނު މެޗު ވަނީ އެއްވަރުވެފައެވެ.

ލީގުގައި އަލް އިއްތިފާގާއި ދެކޮޅަށް ކުޅުނު މި މެޗުގެ 33 ވަނަ މިނިޓުގައި އަލް ނަސްރަށް ލިބުނު ޕެނަލްޓީއަކުން ކްރިސްޓިއާނޯ ރޮނާލްޑޯ ވަނީ ލަނޑެއް ޖަހައި، އެ ޓީމަށް ކުރި ހޯދަދީފައެވެ. އަދި ދެވަނަ ހާފްގެ ކުޅުން ފެށުނުތާ 11 ވަނަ މިނިޓްގައި ސާލެމް އަލް ނަޖްދީ ވަނީ އިތުރު ލަނޑެއް ކާމިޔާބުކޮށް، އަލް ނަސްރުގެ ލީޑު ފުޅާކޮށްދީފައެވެ. މި މެޗުގައި އަލް ނަސްރުން ކާމިޔާބުކުރި ތިންވަނަ ލަނޑު މެޗުގެ 70 ވަނަ މިނިޓްގައި ޖަހައިދިނީ ޓަލިސްކާއެވެ.