ޚަބަރު

ފްރާންސްގައި ބޭއްވި އައިއެފްޓީއެމް ޓޮޕް ރެސާގައި ރާއްޖެ އިޝްތިހާރުކޮށްފި


  • ރާއްޖޭގެ 21 ކުންފުންޏަކުން ބައިވެރިވި

  • ފްރާންސްއަކީ ރާއްޖެއަށް 8 ވަނައަށް އެންމެ ގިނަ ފަތުރުވެރިން އަންނަ ޤައުމު

މޯލްޑިވްސް މާކެޓިންގ އެންޑް ޕަބްލިކް ރިލޭޝަންސް ކޯޕަރޭޝަން (އެމްއެމްޕީއާރުސީ) އިން އައިއެފްޓީއެމް ޓޮޕް ރެސާގައި ރާއްޖެ އިޝްތިހާރުކޮށްފިއެވެ. މި ފެއަރ ކުރިއަށްގޮސްފައިވަނީ ފްރާންސްގެ ޕެރިހުގައި މި މަހުގެ 17 އިން 19 އަށެވެ.

މި ފެއާގައި، ވިޒިޓް މޯލްޑިވްސްއާއެކު ރާއްޖޭގެ ފަތުރުވެރިކަމުގެ ދާއިރާގެ 21 ކުންފުންޏަކުން 35 މަންދޫބުން ބައިވެރިވިއެވެ. 3 ދުވަހަށް ކުރިއަށްދިޔަ މި ފެއާރ އަކީ ފްރާންސްގައި ބާއްވާ އެންމެ ބޮޑު އެއް ޓްރެވަލް ޓްރޭޑް ފެއާރއެވެ.

މި ފެއާގައި ރާއްޖޭގެ ސްޓޭންޑުން ލަގްޒަރީ ރިސޯޓްތަކާއި ރާއްޖޭގެ ކަނޑުގެ މުއްސަނދި ދިރުންތަކާއި ގުދުރަތީ ހިތްގައިމުކަމާއި، ތަފާތު ތަޖުރިބާތަކުގެ ތެރެއިން ހަނީމޫނާއި ދެމެހެއްޓެނިވި ފަތުރުވެރިކަން ދައްކުވާދީފައިވާކަމަށް އެމްއެމްޕީއާރުސީން ވިދާޅުވިއެވެ. އަދި މި ސްޓޭންޑްގައި ދިވެހި ރަހަތަކާއި ރާއްޖޭގެ ހިތްގައިމު މަންޒަރުތަކާއި ދެމެހެއްޓެނިވި ފަތުރުވެރިކަމާއި ދުނިޔޭގެ ފެންވަރުގެ މެހެމާންދާރީ ދައްކުވައިދޭ ޕްރޮމޯޝަނަލް ވީޑިއޯތައް ވެސް ވަނީ ދައްކާލާފައެވެ.

ޓްރެވަލް ޓްރޭޑް ޕާޓްނަރުންނާއި ޕޮޓެންޝަލް އެޖެންޓުންނާއި ގުޅުން ބަދަހިކުރުމަށް އައިއެފްޓީއެމް ޓޮޕް ރެސާގައި ކުރިއަށް ގެންދިޔަ ހަރަކާތްތަކުގެ ތެރޭގައި އިންޑަސްޓްރީގެ ސްޓޭކް ހޯލްޑަރުންނާއި، ޓްރެވަލް ޓްރޭޑް ޕާޓްނަރުންނާއި، މާކެޓިން އެޖެންސީތަކާއި، މީޑިއާތަކާއެކު ޝެޑިއުލް ބައްދަލުވުންތައް ބޭއްވިއެވެ. މީގެ އިތުރުން، ފެއާގައި ހިމެނޭ ބީޓޫބީ ޕާޓްނަރުންނާއި އިވެންޓްގެ އެންމެ ފަހު ދުވަހު އާންމުންނަށް އަމާޒުކޮށްގެން ރާއްޖޭގެ ސްޓޭންޑްގައި ސާވޭތައް ކުރިއަށް ގެންދިޔައެވެ. އަދި ރާއްޖެއާ ގުޅޭ އެންމެ ފަހުގެ މައުލޫމާތު ފޯރުކޮށްދިނުމަށާއި ފްރާންސް މާކެޓުގައި ރާއްޖޭގެ ސްޓްރެޓެޖިކް ޕޮޒިޝަން އިތުރަށް ހަރުދަނާ ކުރުމަށް ފްރާންސް ބަހުން އެކުލަވާލާފައިވާ ޕްރެސް ޕެކެއްވެސް ވަނީ ބަހާފައެވެ.

2024 ވަނަ އަހަރުގެ އޮގަސްޓް މަހުގެ ނިޔަލަށް ފްރާންސުން 35،202 ފަތުރުވެރިން ޒިޔާރަތްކޮށްފައިވާއިރު، ފްރާންސްގެ މާކެޓު އޮތީ ރާއްޖެއަށް ޒިޔާރަތްކުރި ފަތުރުވެރިންގެ ނިސްބަތުން 8 ވަނައިގައެވެ. އެމްއެމްޕީއާރުސީގެ އަމާޒަކީ ފްރާންސް މާކެޓަށް ހާއްސަކޮށްގެން ކުރިއަށް ގެންދާ ޕްރޮމޯޝަނަލް ކެމްޕެއިންތަކާއި މާކެޓިން ހަރަކާތްތައް މެދުވެރިކޮށް ލަގްޒަރީ، ފެމިލީ ހޮލިޑޭ އަދި ސަސްޓެއިނަބިލިޓީ ސެގްމެންޓްތަކަށް ދަތުރުކުރާ ފަތުރުވެރިން އިތުރުކުރުމެވެ. މި ގޮތުން ފްރާންސް މާކެޓްގެ ޓްރެވަލް ޓްރޭޑަށް ހާއްސަކޮށްގެން ވަނީ "ޑިސްކަވާ މޯލްޑިވްސް ވެބިނާ ސީރީޒް" ގެ 2 ސެޝަން ކުރިއަށް ގެންގޮސްފައެވެ.

ފްރާންސްގައި ރާއްޖޭގެ މަގުބޫލުކަން އިތުރުކޮށް ރާއްޖެ އަންނަ ފަތުރުވެރިން އިތުރުކުރުމުގެ ގޮތުން އެމްއެމްޕީއާރުސީއިން މިއަހަރު އިތުރަށް ކުރިއަށް ގެންދިޔުމަށް ރާވާފައިވާ ހަރަކާތްތަކުގެ ތެރޭގައި މީޑިއާ ފެމިލިއަލައިޒޭޝަން ދަތުރަކާއި، އޮޕަރޭޓަރުންނާއެކު ޖޮއިންޓް މާކެޓިން ހަރަކާތްތަކާއި، "ޑިސްކަވާ މޯލްޑިވްސް ވެބިނާ ސީރީޒް" ހިންގުމުގެ އިތުރުން އައިއެލްޓީއެމް ކޭންސްގައި ބައިވެރިވުން ހިމެނެއެވެ.