ޚަބަރު

ބިދޭސީންތަކެއްގެ އަތުން ފޭރިގަތުމުގެ ދެ މައްސަލައެއްގައި 3 މީހަކު ހައްޔަރުކޮށްފި


  • ރޭ ރަސްފަންނުގައި ބިދޭސީންނަށް ވަޅިން ބިރުދައްކައި ފޭރުނު ދެ މީހަކު ހައްޔަރުކުރި

  • ބިދޭސީއެއްގެ ފޯނު ފޭރުނު ދިވެހި ފިރިހެނަކު ވަނީ ހައްޔަރުކޮށްފައި

ބިދޭސީންތަކެއްގެ އަތުން ފޭރުނު ދެ މައްސަލައެއްގައި 3 މީހަކު ހައްޔަރުކޮށްފިއެވެ.

ދިވެހި ފުލުހުންގެ ޚިދުމަތުން ވިދާޅުވީ ރޭ ރަސްފަންނުގައި ތިބި ބިދޭސީންތަކަކަށް ވަޅިން ބިރުދައްކައިގެން ފޭރުނު މައްސަލައަކާ ގުޅިގެން ދިވެހި ދެ ފިރިހެނުން ހައްޔަރުކޮށްފައިވާ ކަމަށެވެ. މި މައްސަލައިގައި ބިދޭސީންނަށް ވަޅިން ބިރުދައްކައި އިނގިލިތައް ބުރިކޮށްލާނެކަމަށް އިންޒާރުދީ ވޮލެޓުގައި ހުރި ފައިސާ ފޭރިގެންފައިވާ ކަމަށް ފުލުހުން ވިދާޅުވެއެވެ.

މި މައްސަލައާ ގުޅިގެން ހައްޔަރުކޮށްފައިވަނީ ސ. ހިތަދޫ/ ޑިލައިޓްފޭސް އުމުރުން 37 އަހަރުގެ މުޙައްމަދު ސާލިމް އާއި ސ. ހިތަދޫ/ އަތިރީއާގެ އުމުރުން 37 އަހަރުގެ އަޙްމަދު ސިވާޠުއެވެ.

އެމީހުން ފޭރުނު ފައިސާ ހޯދާފައިވާ ކަމަށް ފުލުހުން ވިދާޅުވެއެވެ.

މި ދެ މީހުންގެ އިތުރުން ޗާންދަނީ މަގުން ބިދޭސީއެއްގެ ފޯނު ފޭރުނު މައްސަލައެއްގައި ހައްޔަރުކޮށްފައިވަނީ ލ. މާމެންދޫ/ ރިހިވެލި އުމުރުން 31 އަހަރުގެ އަޙްމަދު ނިޒާރުއެވެ. އޭނާ ހައްޔަރުކުރީ ފޯނު ފޭރިގަތުމުން އާންމުން އޭނާ ހިފަހައްޓައި ރިޕޯޓު ކުރުމުންނެވެ.

ފުލުހުން ވިދާޅުވީ މި ދެ މައްސަލަވެސް އިތުރަށް ތަހުގީގު ކުރަމުންދާ ކަމަށެވެ.