ޚަބަރު

ޔަހޫދީން ދަނީ ކުޑަކުދިންގެ ޙައްޤުތަކާ ބެހޭ މުޢާހަދާތަކާ ޚިލާފުވަމުން: އދގެ ކޮމިޓީ


ކުޑަކުދިންގެ ޙައްޤުތައް ޙިމާޔަތް ކޮށްދިނުމަށް ހަދާފައިވާ މުޢާހަދާތަކާ ޚިލާފު ލާއިންސާނީ އަނިޔާތައް ޔަހޫދީ ފައުޖުން ފަލަސްޠީނުގެ ޣައްޒާގެ ކުޑަކުދިންނަށް ދެމުންދާ ކަން އދގެ ކޮމިޓީއަކުން ހާމަކޮށްފިއެވެ. ޣައްޒާގެ މުސްލިމުން ޝަހީދުކޮށް ނެތިކޮށްލަން ޔަހޫދީ ފައުޖުން ހިންގަމުންދާ ލާއިންސާނީ ޢުދުވާނުގެ ތެރެއިން ކުޑަކުދިންގެ ޙައްޤުތައް ޙިމާޔަތް ކުރުމާ ބެހޭ މުޢާހަދާއާ ޔަހޫދީ ފައުޖުން ޚިލާފުވެފައިވާ މިންވަރު އދގެ ކޮމިޓީއަކުން ވަނީ ތަޙުޤީޤު ކޮށްފައެވެ. އެ ކޮމިޓީ އެކުލެވިގެން ވަނީ އދގެ 18 މެންބަރު ޤައުމެއްގެ މައްޗަށެވެ.

ޒަޔަނިސްޓު ދައުލަތަކީ 1989ވަނަ އަހަރު އެކުލަވައިލާފައިވާ ކުޑަކުދިންގެ ޙައްޤުތައް ޙިމާޔަތް ކުރުމާ ބެހޭ މުޢާހަދާގެ ބައިވެރިއެކެވެ. ނަމަވެސް, އދގެ ކޮމިޓީން ބުނީ, ދުނިޔޭގެ ތާރީޚުގައި ވެސް ފެނިފައި ނުވާ ފަދަ ދަށު ދަރަޖައަކަށް ޔަހޫދީ ފައުޖުން ޣައްޒާގެ ކުޑަކުދިންގެ ހާލަތު ވައްޓައިލާފައިވާ ކަމުގައެވެ. އަދި, ޢުދުވާނާ ގުޅިގެން އެ ކުދިންނަށް ބޮޑު ކާރިސާއަކާ އެއް ފަދަ އަސަރުތަކެއް ކުރަމުންދާ ކަމުގައެވެ.

2023 އޮކްޓޫބަރު 23ގައި ޣައްޒާގެ މުސްލިމުންނާ ދެކޮޅަށް ޔަހޫދީ ފައުޖުން ފެށި ލާއިންސާނީ ޢުދުވާނުގައި ޝަހީދު ކޮށްލާފައިވާ މީހުންގެ ޢަދަދު ވަނީ 41,272އަށް އުފުލިފައެވެ. ޢުދުވާނުގައި ޝަހީދު ކޮށްލާފައިވާ ކުޑަކުދިންގެ ޢަދަދު 11,355އަށް އަރާ ކަމަށް ފަލަސްޠީނުގެ ޞިއްޙަތާ ބެހޭ ވުޒާރާއިން ޝާއިޢު ކޮށްފައިވާ ތަފާސްހިސާބުތަކުން ހާމަވެއެވެ. އަދި, އެތަކެއް ހާސް ކުޑަކުދިންނެއް ވަނީ ޒަޚަމު ކޮށްލާފައެވެ.

"[ޣައްޒާގެ] ކުޑަކުދިން ޝަހީދު ކުރަމުން ދިޔުމަކީ ރުޅިވެރިކަން ވެރިވާ, ތާރީޚުގައި ވެސް މީގެ ކުރިން ފެނިފައި ނުވާ ހަދަ ހާލަތެއް. މިއީ, ދުނިޔޭގެ ތާރީޚުގައި ކުރިމަތިވި ކަޅު, އަނދިރި ތަނެއް. މި ފަދަ މަންޒަރެއް ދުވަހަކު ވެސް ކުރިން ފެނިފައެއް ނެތް. ޣައްޒާއިން މިއަދު ފެންނަމުންދާ ފަދަ އަނިޔާވެރިކަން އިންތިހާއަށް ބޮޑު. [ބައިނަލްއަޤުވާމީ ޤާނޫނުތަކާއި މުޢާހަދާތަކާ ޚިލާފު] މި ފަދަ އަމަލުތަކެއް މަދުން ނޫނީ ފެނިފައި ނެތް،" އދގެ ކޮމިޓީގެ ވެރިޔާގެ ނައިބު ބްރާގީ ކުއިޒްބްރަންދްޝުން ވިދާޅުވިއެެވެ.

ކުޑަކުދިންގެ ޙައްޤުތައް ޙިމާޔަތް ކުރުމާ ބެހޭ މުޢާހަދާ ޒަޔަނިސްޓު އިސްރާއީލުން ތަސްދީޤު ކޮށްފައި ވަނީ 1991ވަނަ އަހަރުއެވެ. އެ މުޢާހަދާއާ ޒަޔަނިސްޓު އިސްރާއީލުން ޚިލާފުވެފައިވާ ކަމަށް އދގެ ކޮމިޓީއަކުން ކަނޑައެޅުމާ ގުޅިގެން ޔަހޫދީން ވަނީ އެ ކަމާ މެދު ނުރުހުން ފާޅު ކޮށްފައެވެ. އަދި, އެއީ ސިޔާސީ ނިންމުމެއް ކަމަށް ތުހުމަތު ކޮށްފައެވެ.

2023ވަނަ އަހަރުގެ ސެޕްޓެންބަރު މަހު ސްވިޓްޒަލެންޑުގެ ޖެނީވާގައި ބޭއްވި އެ ކޮމިޓީގެ އަޑުއެހުންތަކެއްގައި ޔަހޫދީން ބައިވެރިވިއެވެ. ޔަހޫދީން ބުނަމުން ގޮސްފައި ވަނީ, ކުޑަކުދިންގެ ޙައްޤުތައް ޙިމާޔަތް ކުރުމާ ބެހޭ މުޢާހަދާގެ އިހުތިސާސް ފަލަސްޠީނުގެ ޣައްޒާއާއި ހުޅަނގު އައްސޭރީގެ ކުޑަކުދިންގެ މައްޗަށް ނުހިނގާނެ, ނުވަތަ އަމަލު ނުކުރެވޭނެ ކަމުގައެވެ. އަދި, ފަލަސްޠީނުގެ ކުޑަކުދިންނާ ދެކޮޅަށް ލާއިންސާނީ ކުށްތައް ހިންގުމަކީ ބައިނަލްއަޤުވާމީ ޤާނޫނުތަކާ ޚިލާފު އަމަލެއްގެ ގޮތުގައި ނުދެކޭ ކަމުގައެެވެ.

ޣައްޒާގެ މުސްލިމުން ޝަހީދުކޮށް ނެތިކޮށްލަން ހިންގަމުންދާ ލާއިންސާނީ ޢުދުވާނާ ގުޅޭ ގޮތުން ޔަހޫދީން ބުނީ, އެއީ އެ ސަހަރުގައި ހަރަކާތްތެރިވާ މުޖާހިދުންގެ ޖަމާޢަތް, ޙަމާސް ނައްތައިލުމަށް ހިންގަމުންދާ ޢުދުވާނެއް ކަމުގައެވެ. އަދި, ޣައްޒާގެ ޢާންމުންނާއި ކުޑަކުދިންނަށް އަމާޒުކޮށް އެންމެ ޙަމަލާއެއް ވެސް ދީފައި ނުވާނެ ކަމުގައެވެ. ޣައްޒާގެ ޢާންމުންނާއި ކުޑަކުދިންގެ ތެރޭގައި ޙަމާސްގެ މުޖާހިދުން ފިލައި ތިބުމަކީ ޙަމާސްގެ މައްސަލައެއް ކަމަށް ވެސް ހައްދުފަހަނަ އެޅި ޔަހޫދީން ބުންޏެވެ.

ނަމަވެސް, އދގެ ކޮމިޓީން ވަނީ ޔަހޫދީންގެ ލާއިންސާނީ ޢުދުވާނަށް ވަރަށް ބޮޑަށް ފާޑު ކިޔާފައެވެ. އަދި, ކުޑަކުދިންގެ ޙައްޤުތައް ޙިމާޔަތް ކުރުމާ ބެހޭ މުޢާހަދާގެ ބައިވެރިއެއްގެ ގޮތުން ޔަހޫދީން ފުރިހަމަ ކުރަން ޖެހޭ އިޖުރާޢަތްތައް ފުރިހަމަ ކޮށްފައި ނުވާ ކަމަށާއި, އެ މުޢާހަދާއާ ޚިލާފުވެފައިވާ ކަމުގައި ކޮމިޓީން ވަނީ ކަނޑައަޅާފައެވެ. އަދި, ޔަހޫދީންގެ ލާއިންސާނީ ޢުދުވާނީ ޙަމަލާތަކުގައި ޒަޚަމު ކޮށްލާފައިވާ އަދި ޔަތީމު ކޮށްލާފައިވާ ކުޑަކުދިންނަށް އެހީތެރިކަން ފޯރުކޮށްދީ, އޭގެ ތެރެއިން ބޭރު ޤައުމުތަކަށް ގެންގޮސް ޞިއްޙީ ފަރުވާ ދޭން ޖެހޭ ކުދިންނަށް އެ ފުރުޞަތު ހޯދައިދިނުމަށް އެ ކޮމިޓީން ވަނީ ޔަހޫދީންގެ މައްޗަށް ގޮވައިލާފައެވެ. ނަމަވެސް, މި ނިންމުންތަކަކީ ޔަހޫދީން ބަލައިގަންނާނެ, އަދި އަމަލު ކުރާނެ ނިންމުންތަކެއް ނޫން ކަން މުޅި ދުނިޔެ ވެސް ޤަބޫލު ކުރެއެވެ.