އެފްރިކާ ބައްރުގެ ބައެއް ޤައުމުތަކުގައި ހަލުވިކަމާ އެކު ފެތުރެމުންދާ ގައިންގަޔަށް އަރާ ނުރައްކާތެރި ބައްޔެއް ކަމުގައިވާ އެމްޕޮކްސް (މަކުނުވިދުރި ނުވަތަ މަންކީޕޮކްސް) ބަލި ފެތުރުން އެއްވެސް ވަރަކަށް ކޮންޓްރޯލް ކުރެވިފައި ނުވާ ކަމުގައި އެފްރިކާގެ ސެންޓަރސް ފޯ ޑިޒީޒް ކޮންޓްރޯލް އެންޑް ޕްރިވެންޝަން (އެފްރިކާ ސީޑީސީ)ން ހާމަކޮށްފިއެވެ. 2023 ވަނަ އަހަރުގެ ޖަނަވަރީ މަހު ޑިމޮކްރެޓިކް ރިޕަބްލިކް އޮފް ކޮންގޯގައި ބަލި ފެތުރެން ފެށި ފަހުން މިހާރު މި ބަލި ވަނީ އެ ސަރަޙައްދުގެ އެހެން ޤައުމުތަކުގެ އިތުރުން ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ފެތުރެނެ ފަށާފައެވެ.
މި ބައްޔާ ގުޅިގެން ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ބަލިމަޑުކަމެއް ފެށިދާނެ ކަމުގެ ނުރައްކާ ބޮޑުވުމާ ގުޅިގެން ދުނިޔޭގެ ޞިއްޙަތު ޖަމުޢިއްޔާ (ޑަބްލިޔުއެޗްއޯ)ން އޮގަސްޓު މަހުގެ ކުރީކޮޅު ވަނީ ޢާންމު ޞިއްޙަތުގެ ނުރައްކަލުގެ ހާލަތު އިޢުލާނު ކޮށްފައެވެ. އެފްރިކާ ބައްރުގެ ބައެއް ޤައުމުތަކުގައި އެމްޕޮކްސް ފެތުރެން ފަށާފައި މި ވަނީ, ކޮވިޑް-19ގެ ބަލިމަޑުކަމާ ގުޅިގެން އެ ބައްރުގެ ޤައުމުތަކުގެ ޞިއްޙީ ނިޒާމަށް ބޮޑެތި ގޮންޖެހުންތަކެއް ކުރިމަތިވެފައިވާ ދަނޑިވަޅެއްގައެވެ. މަސްރަޙު ދިރާސާ ކުރާ ފަރާތްތަކުން ބުނީ, މި ފަދަ ބަލިމަޑުކަމަކާ ކުރިމަތިލާން އެފްރިކާގެ ގިނަ ޤައުމުތަކުގެ ޞިއްޙީ ނިޒާމު ތައްޔާރު ނޫން ކަމުގައެވެ.
"އެފްރިކާ ބައްރުގައި މިއަދު އެމްޕޮކްސް ފެތުރުން ކޮންޓްރޯލް ކުރެވިފައި ނުވާ ކަމަށް ދެންނެވިދާނެ. އަދިވެސް ބަލީގެ ކޭސްތަކުގެ ޢަދަދު އިތުރުވަމުން ދިޔުމަކީ މިއަދުވެސް އޮތް ބޮޑު ކަންބޮޑުވުމެއް،" އެފްރިކާ ސީޑީސީގެ ޑިރެކްޓަރ ޖެނެރަލް ޑރ ޜޯން ކެސޭޔާ ވިދާޅުވިއެވެ. ހަފުތާއެއްހާ ދުވަހުގެ ތެރޭގައި ބަލީގެ އިތުރު 2,912 ކޭސް ދެނެގަނެވިފައިވާއިރު, މަޣުރިބުން ވެސް ބަލި ޖެހިފައިވާ މީހަކު ވަނީ ފެނިފައެވެ.
އެފްރިކާ ބައްރުގެ ހަތަރު ސަރަޙައްދެއްގައި ހަލުވިކަމާ އެކު ބަލި ފެތުރެމުންދާ ކަމުގައި އެފްރިކާ ސީޑީސީން ބުންޏެވެ. ކެސޭޔާ ވިދާޅުވީ އެފްރިކާ ޔޫނިއަން (އޭޔޫ)ގެ 55 މެންބަރު ޤައުމުގެ ތެރެއިން 15 ޤައުމަކުން ބަލި ޖެހިފައިވާ މީހުން ދެނެގަނެވިފައިވާ ކަމުގައެވެ. "މި ބަލީގައި މަރުވަމުންދާ މީހުންގެ ޢަދަދު ވެސް ދަނީ އުތުރު ވަމުން. އެއް ހަފުތާގެ ތެރޭގައި އިތުރު 14 މީހަކު ގެއްލިއްޖެ [މަރުވެއްޖެ]،" އޭނާ ވިދާޅުވިއެވެ.
އެފްރިކާ ބައްރުގައި އެންމެ ހަލުވިކޮށް ބަލި ފެތުރެމުން ދަނީ ކޮންގޯގައެވެ. ކޮންގޯގެ އިތުރުން ކެމަރޫނުގައި ވެސް ބަލީގެ ދެ ވޭރިއެންޓެއް ނުވަތަ ވޭދަނައެއް ފެތުރެމުންދާ ކަމުގައި އެފްރިކާ ސީޑީސީން ހާމަކުރިއެވެ. ނަމަވެސް, ގިނަ ޤައުމުތަކުގެ ޞިއްޙީ އިދާރާތަކުގައި ބައްޔަށް ޓެސްޓު ކުރުމުގެ ވަސީލަތްތައް ނެތުމާ ގުޅިގެން, އެ ޤައުމުތަކުގައި ބަލި ފެތުރެމުން ދަނީ ކޮން ވޭދަނައަކާ ގުޅިގެން ކަން ދެނެގަތުމަށް ވަނީ ގޮންޖެހުންތަކެއް ކުރިމަތިވެފައެވެ.
ބަލި ފެތުރުން ކޮންޓްރޯލް ކުރުމަށް ކޮންގޯގައި އޮކްޓޫބަރު މަހު ވެކްސިން ޖަހައިދިނުމުގެ ކެމްޕޭނެއް ފެށުމަށް ތައްޔާރު ކުރަމުންދާ ދަނޑިވަޅުގައި, ރުވާންޑާގައި ވެކްސިން ކެމްޕޭނެއް މިހާރު ވެސް ވަނީ ފަށާފައެވެ. މި އަހަރުގެ މިހާތަނަށް ކޮންގޯއިން ބަލި ޖެހިފައިވާ ކަމަށް ޝައްކު ކުރެވުނު މީހުންގެ ޢަދަދު 19,710އަށް އަރައެވެ. އަދި, 5,041 މީހަކަށް ބަލި ޖެހިފައިވާ ކަން ކަށަވަރު ކުރެވިފައިވާއިރު, އޭގެ ތެރެއިން 655 މީހުން ވަނީ މަރުވެފައެވެ.
އެންމެ ފަހުން މި ނުރައްކާތެރި ބަލި ޖެހިފައިވާ މީހުން ދެނެގަނެވިފައިވާ ޤައުމުތަކުގެ ތެރޭގައި މެލޭޝިޔާ, މަޣުރިބު, އިންޑިޔާ, އުރުދުން, ތައިލެންޑް, ބަންގްލަދޭޝް އަދި ސްވިޑެން ހިމެނެއެވެ. ކޮންގޯގެ އިތުރުން ދެވަނައަށް އެންމެ ހަލުވިކަމާ އެކު ބަލި ފެތުރެމުން ދަނީ ބުރުންޑީގައެވެ. އެ ޤައުމުން ބަލި ޖެހިފައިވާ ކަމަށް ޝައްކު ކުރެވޭ 1,000އަކަށް ވުރެ ގިނަ މީހުން ދެނެގަނެވިފައިވާއިރު, ނައިޖީރިޔާއިން ވެސް ބަލި ޖެހިފައިވާ ކަމަށް ޝައްކު ކުރެވޭ 868 މީހުން ވަނީ ފެނިފައެވެ.