ޚަބަރު

ރައީސްގެ ވައުދާއި އެއްގޮތަށް ހުރިހާ އަތޮޅެއްގައި އައިޑީ ކާޑާއި ޕާސްޕޯޓްގެ ޚިދުމަތް ފަށާނަން: ވަޒީރު އާދަމް ޝަރީފް


  • މި ފަދަ ޙިދުމަތްތައް ކައުންސިލްތަކުން ހިންގޭނެ ނިޒާމެއް ގާއިމްކުރުމަކީ ކައުންސިލްތައް ބާރުވެރިކުރުމުގެ ހެއްކެއް

  • އައިޑީ ކާޑާއި ޕާސްޕޯޓް ހެދުމުގެ ހިދުމަތް ދިނުމަށް ރައީސް ވެވަޑައިގެން ވައުދު ފުއްދުމަށް ކައުންސިލްތަކުން ޝައުގުވެރިވޭ

މި ހިނގާ ރިޔާސީ ދައުރުގެ ތެރޭގައި ހުރިހާ އަތޮޅެއްގައި އައިޑީ ކާޑާއި ޕާސްޕޯޓްގެ ޚިދުމަތް ފެށޭނެކަމަށް ސިޓީތަކާއި އިދާރީ ދާއިރާތައް ހިންގުމާއި، އާންމު މަސައްކަތްތަކާބެހޭ ވަޒީރު އާދަމް ޝަރީފު އުމަރު ވިދާޅުވެއްޖެއެވެ.

ވަޒީރު މި ފަދައިން ވިދާޅުވީ ދިވެހި ރައްޔިތެއްކަން އަންގައިދޭ އައިޑީ ކާޑު، ޕްރިންޓް ކުރުމުގެ ޚިދުމަތް ފުރަތަމަ ފަހަރަށް އަތޮޅުތެރޭގެ ރަށެއްގައި ފެށުމާއި ގުޅިގެނެވެ.

ސިޓީތަކާއި އިދާރީ ދާއިރާތައް ހިންގުމާއި، އާންމު މަސައްކަތްތަކާ ބެހޭ ވަޒީރު އާދަމް ޝަރީފު އުމަރު ވިދާޅުވީ މާލެއިން އެކަނި ލިބޭ އައިޑީކާޑާއި ޕާސްޕޯޓް ހެދުމުގެ ހިދުމަތް ލާމަރުކަޒީ ނިޒާމުގެ ތެރެއިން ރައްޔިތުންނާއި ގާތުން ދެއްވާނެކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވެވަޑައިގެންނެވި ވައުދު އެ މަނިކުފާނު ދަނީ ފުއްދަވަމުން ކަމަށެވެ. އެގޮތުން ގއ.ވިލިނގިލީގައި މި ޙިދުމަތް ފެށުމަކީ އެކަމުގެ ހެއްކެތްކަމަށް ވަޒީރު ވިދާޅުވިއެވެ.

ވަޒީރު އާދަމް ޝަރީފް ވިދާޅުވީ މަރުކަޒު ކުރެވިފައިވާ މި ފަދަ ޙިދުމަތްތައް ކައުންސިލްތަކުން ހިންގޭނެ ނިޒާމެއް ގާއިމްކުރުމަކީ ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ޒަޢާމަތުގައި ކައުންސިލްތައް ބާރުވެރިކުރުމުގެ ހެއްކެއްކަމަށެވެ. އަދި ރާއްޖޭގެ ހުރިހާ އަތޮޅެއްގައި އައިޑީކާޑާއި ޕާސްޕޯޓް ހެއްދުމާއި ދޫކުރުމުގެ ޙިދުމަތް މި ދައުރުތެރޭގައި ފެށޭނެކަމަށްވެސް އެމަނިކުފާނު ވިދާޅުވިއެވެ.

ވަޒީރު ވިދާޅުވީ އަތޮޅުތަކުން އައިޑީކާޑާއި ޕާސްޕޯޓް ހެދުމުގެ ހިދުމަތް ދިނުމަށް ރައީސް ވެވަޑައިގެން ވައުދު ފުއްދުމަށް ކައުންސިލްތަކުން ޝައުގުވެރިވާކަމަށެވެ. އަދި އެކަމަށް ގިނަ ކައުންސިލްތަކުން ވަރަށް ބޮޑު އެއްބާރުލުމެއް ދެއްވާކަމަށްވެސް ވަޒީރު ވިދާޅުވިއެވެ.

ވަޒީރު ވިދާޅުވީ މިކަމުން ހާމަވަނީ ސަރުކާރާއި ކައުންސިލްތަކުން ގުޅިގެން މަސައްކަތް ކުރެވޭނެ މާހައުލެއް ސަރުކާރުން އުފައްދާފައިވާކަމަށެވެ. އަދި މިއީ ރާއްޖޭގައި މަލްޓި ޕާޓީ ޑިމޮކްރަސީ ހަރުދަނާވަމުން އަންނަކަން ހާމަވެގެންދާކަމެއްކަމަށްވެސް ވަޒީރު ވިދާޅުވިއެވެ.