ޚަބަރު

ބަންގްލަދޭޝްއިން އަންނަ ފަތުރުވެރިން އިތުރުކުރުމަށް އޭޓީއެފް ޑާކާގައި ރާއްޖެ އިޝްތިހާރުކުރަނީ


  • ފެއަރ ކުރިއަށްދަނީ މިމަހުގެ 21ގެ ނިޔަލަށް

  • ރާއްޖޭގެ ފަތުރުވެރިކަމުގެ ދާއިރާގެ 23 ކުންފުންޏަކުން 37 މަންދޫބުން ބައިވެރިވެފައިވޭ

  • މިއީ ރާއްޖެއިން މި ފެއަރގައި ބައިވެރިވި ފުރަތަމަ ފަހަރު

ރާއްޖޭގެ ފަތުރުވެރިކަން އިޝްތިހާރުކުރުމަށް ބަންގުލަދޭޝްގައި މިހާރު ކުރިއަށްދާ އޭޝިއަން ޓޫރިޒަމް ފެއާ (އޭޓީއެފް-ޑާކާ)ގައި ބައިވެރިވެއްޖެއެވެ.

މިއީ މޯލްޑިވްސް މާކެޓިންގ އެންޑް ޕަބްލިކް ރިލޭޝަންސް ކޯޕަރޭޝަން، އެމްއެމްޕީއާރުސީއިން މި ފެއަރގައި ބައިވެރިވި ފުރަތަމަ ފަހަރެވެ. އެމްއެމްޕީއާރުސީން މި ފެއަރގައި ބައިވެރިވެފައިވަނީ
އޭޓީއެފް 2024 ގެ ޕްރައިމް ޕާޓްނަރު ގައުމުގެ ހައިސިއްޔަތުން ނޭޝަނަލް ހޮޓަލް އެންޑް ގެސްޓްހައުސް އެސޯސިއޭޝަން (އެންއެޗްޖީއޭއެމް) އަދި މޯލްޑިވްސް އެސޯސިއޭޝަން އޮފް ޓްރެވަލް އެޖެންޓްސް އެންޑް ޓުއާ އޮޕަރޭޓާސް (މަޓާޓޯއާ) ގުޅިގެންނެވެ.

މިމަހުގެ 21ގެ ނިޔަލަށް ކުރިއަށްދާ މި ފެއާގައި ރާއްޖޭގެ ފަތުރުވެރިކަމުގެ ދާއިރާގެ 23 ކުންފުންޏަކުން 37 މަންދޫބުން ބައިވެރިވެފައިވެއެވެ.

އެމްއެމްޕީއާރުސީއިން ވިދާޅުވީ އޭޓީއެފް-ޑާކާއަކީ ދެކުނު އޭޝިއާގެ ޤައުމުތަކުގެ ތެރެއިން މިހާރު އެންމެ ބޮޑަށް ކުރިއަރަމުން އަންނަ އުންމީދީ އެއް މާކެޓް ކަމަށްވާ، ބަންގްލަދޭޝްގެ މީހުންގެ މެދުގައި ދިވެހިރާއްޖެއަކީ ޗުއްޓީ ހޭދަކުރަން މަގުބޫލު ފަތުރުވެރި މަންޒިލެއްގެ ގޮތުގައި އިޝްތިހާރުކުރަން ލިބިގެންދާ ރަނުގެ ފުރުސަތެއް ކަމަށެވެ.

މި ފެއާގެ ސަބަބުން ބަންގުލަދޭޝްގެ ފަތުރުވެރިކަމުގެ ސިނާއަތުގައި ހަރަކާތްތެރިވާ އަމިއްލަ ކުންފުނިތަކާއި ޖަމިއްޔާތަކާއި ޓްރެވަލް އެޖެންސީތަކުގެ މެދުގައި ވިޔަފާރީގެ ގުޅުންތައް އުފައްދައިދީ އެ ގައުމުން ރާއްޖެ އަންނަ ފަތުރުވެރިން އިތުރުކުރަން މުހިންމު ޕްލެޓްފޯމަކަށް ވާނެކަމަށް އެމްއެމްޕީއާރުސީއިން ދެކެއެވެ.

އޭޓީއެފް-ޑާކާގައި ހަދާފައިވާ ރާއްޖޭގެ ސްޓޭންޑް ފަރުމާކޮށްފައިވަނީ ރާއްޖޭގެ ގުދުރަތީ ރީތިކަމާއި ކަނޑުގެ އަޑީގެ ހިތްގައިމު މަންޒަރުތައް ދައްކުވައިދޭ ގޮތަށެވެ. އަދި ރާއްޖޭގައި ޗުއްޓީ ހޭދަކުރާ ފަރާތްތަކަށް ރާއްޖެއިން ހޯދޭނެ ތަފާތު ތަޖުރިބާތައް ވެސް ރާއްޖޭގެ ސްޓޭންޑުން ފެންނަން ހުރެއެވެ. މީގެ އިތުރަށް ރާއްޖޭގެ ސްޓޭންޑަށް ޒިޔާރަތްކުރާ ފަރާތްތަކަށް ދިވެހި ކެއުންތަކުގެ ރަހަތައް ވެސް ދައްކާލާފައިވެއެވެ.

މި ފެއާއަކީ ބީޓޫބީ އަދި ބީޓޫސީ އަށް އަމާޒުކޮށްގެން ބާއްވާ ފެއާއެއްކަމަށްވުމުން ރާއްޖޭގެ ދެމެހެއްޓެނިވި ފަތުރުވެރިކަން އިޝްތިހާރުކުރުމާއި ސިނާއަތާ ގުޅުންހުރި ސެމިނާތަކާއި ވޯކްޝޮޕްތަކުގައި ބައިވެރިވުމާ އަދި ސަގާފީ ހަރަކާތްތައް ދައްކާލުމުގެ ފުރުސަތުވެސް މި ފެއާގެ ހަވާސާގައި ރާއްޖެއަށް ވަނީ ލިބިގެންގޮސްފައެވެ.

އެގޮތުން ކޮމިއުނިޓީ ބޭސްޑް ޓޫރިޒަމް މާކެޓަކާއި ޓޫރިޒަމް މާކެޓަރުންނާއި ޕްރޮފެޝަނަލުންނަށް އަމާޒުކޮށްގެން ޓޫރިޒަމް ސްކިލްސް ކޮންވެންޝަނެއް ވެސް ކުރިއަށްދެއެވެ. ރާއްޖެއިން ބައިވެރިވި ފަރާތްތަކަށް އެ ހަރަކާތްތަކުގައި ބައިވެރިވުމުގެ ފުރުސަތު ވަނީ ލިބިގެންގޮސްފައެވެ.

އޭޓީއެފް 2024 އިފްތިތާހު ކުރުމަށް ބޭއްވި ރަސްމިއްޔާތުގައި އެމްއެމްޕީއާރުސީގެ ޑެޕިއުޓީ މެނޭޖިން ޑިރެކްޓަރު ޒިހުނީ ރަޝީދު ވަނީ ރާއްޖޭގެ ތަފާތު ހުށަހެޅުންތަކާއި ބަންގްލަދޭޝް މާކެޓުގެ މުހިންމުކަމާއި ބެހޭ ގޮތުން ވާހަކަ ދައްކަވާފައެވެ. އަދި އެމްއެމްޕީއާރުސީގެ ޓީމް އިން ވަނީ ބަންގްލަދޭޝްގެ ޓްރެވެލް ޓްރޭޑް އަށް ރާއްޖެއިން ލިބިދޭ ހުށަހެޅުންތަކާއި ބެހޭ ގޮތުން ޕްރެޒެންޓޭޝަނެއް ދީފައެވެ.

އެމްއެމްޕީއާރުސީގެ ޗީފް އެގްޒެކެޓިވް އޮފިސަރު އަދި މެނޭޖިން ޑިރެކްޓަރު (ސީއީއޯ/އެމްޑީ) އިބްރާހިމް ޝިއުރީ މިހަރަކާތާއި ގުޅޭގޮތުން ވިދާޅުވީ، އޭޓީއެފް-ޑާކާ އަކީ އޭޝިއާގެ ފަތުރުވެރިކަމުގެ ޖަމިއްޔާތަކާއި ގުޅުން ބަދަހިކޮށް، ރާއްޖެއަށް ފަތުރުވެރިން އަންނަ އާ މާކެޓްތައް ހޯދައި އެ ގައުމުތަކުގައި ރާއްޖޭގެ ފަތުރުވެރިކަން އިޝްތިހާރު ކުރުމަށް ލިބުނު މުހިންމު ފުރުސަތެއް ކަމަށެވެ.

"ބަންގުލަދޭޝްއަކީ އޭޝިއާގެ ވަރަށް އުއްމީދީ މާކެޓެއް. މި ފެއާއަކީ އޭޝިއާގެ ގައުމުތަކުގައި ރާއްޖޭގެ ފަތުރުވެރިކަން އިޝްތިހާރުކުރަން އަޅުގަނޑުމެން ކުރާ މަސައްކަތަށް އިތުރުވި މުހިންމު ބޮޅެއް. ރާއްޖޭގެ ތަފާތުކަމާއި ގުދުރަތީ ރީތިކަމާއި ދުނިޔޭގެ ފެންވަރުގެ މެހެމާންދާރީއެއް ހޯދަން ބޭނުންވާ ފަތުރުވެރިންނަށް ރާއްޖެއަކީ އެ މީހުންނާ އެކަށޭނަ އެ މީހުން އެދޭފަދަ ޗުއްޓީއެއް ހޭދަކުރެވޭނެ މަންޒިލެއްކަން އަޅުގަނޑުމެންނަށް ބުނެދެވިއްޖެ." ޝިއުރީ ވިދާޅުވިއެވެ.

އެމްއެމްޕީއާރުސީއިން އޭޓީއެފް-ޑާކާގައި ބައިވެރިވެފައިވަނީ އޭޝިއާގެ މާކެޓްތައް ކަމަށްވާ އިންޑިއާ، ނޭޕާލް، ބޫޓާން އަދި ބަންގްލަދޭޝް މާކެޓުގައި ރާއްޖޭގެ ފަތުރުވެރިކަން އިތުރަށް އިޝްތިހާރުކޮށް އެ ގައުމުތަކުގެ މީހުންގެ މެދުގައި ޗުއްޓީ ހޭދަކުރަން މަގުބޫލު މަންޒިލަކަށް ރާއްޖެ ހެދުމަށް ކުރާ މަސައްކަތުގެ ދަށުންނެވެ.

މިއަހަރުގެ ޖުލައިމަހުގެ ނިޔަލަށް ބަންގްލަދޭޝްއިން 18،843 ފަތުރުވެރިންނަށް ރާއްޖެއަށް އައިސްފައިވެއެވެ. މިއީ 14 ވަނައަށް ރާއްޖެއަށް އެންމެ ގިނައިން ޓޫރިސްޓުން އައި ޤައުމެވެ. އަދި މިއީ މިދިޔަ އަހަރާ އަޅާބަލާއިރު 38% ގެ ކުރިއެރުމެކެވެ.