ޚަބަރު

އިޓަލީގެ މަޝްހޫރު އޯވީއެސްގެ ފިހާރައެއް މާލޭގައި ހުޅުވައިފި


  • މި ފިހާރަ ހުޅުވީ މެދުޒިޔާރަތް މަގުގައި

އިޓަލީގެ މަޝްހޫރު އޯވީއެސްގެ ފިހާރައެއް މާލޭގައި ހުޅުވައިފިއެވެ.

މެދުޒިޔާރަތް މަގުގައި ހުޅުވި މި ފިހާރައަކީ އިޓަލީވިލާތުގެ ހެދުން ވިއްކާ އެންމެ ބޮޑު އެއް ކުންފުނީގެ ފިހާރައެކެވެ. ފިހާރަ ހުޅުވުމާ ގުޅިގެން އެ ހަފުތާ ވަންދެން 20 ޕަސެންޓާ ހަމައަށް ޑިސްކައުންޓް ލިބިގެންދާނެއެވެ.

މި ފިހާރައިން އަންހެނުންނާއި ކުޑަކުދިންގެ ތަފާތު އެކި ވައްތަރުގެ އަންނައުނު ލިބެން ހުންނާނެއެވެ. އެގޮތުން ފިހާރައިގެ ތިރި އަންހެނުންގެ ހެދުންތަކަށް ހާއްސަކޮށްފައިވާއިރު މަތީ ބައި ހާއްސަކޮށްފައިވަނީ ކުޑަކުދިންގެ ހެދުމަށެވެ.

އޯވީއެސްގެ ހެދުންތަކަކީ ފެންވަރު ރަނގަޅު ހެދުންތަކެކެވެ. އެގޮތުން، ދެމެހެއްޓެނިވި ގޮތުގައި ތަކެތި އުފެއްދުމަށް އެ ކުންފުނިން ދޭ އިސްކަމުގެ ދަށުން 2021 ވަނަ އަހަރުން ފެށިގެން އެ ކުންފުނިން ހެދުން އުފެއްދުމުގައި ބޭނުން ކުރަނީ ރީސައިކަލްކޮށްފައިވާ ނުވަތަ އޯގޭނިކް ގޮތުގައި އުފައްދާ ކޮޓަންއެވެ.

އޯވީއެސްއަކީ ރަނގަޅު ފެންވަރުގެ ކޮޓަން ބޭނުންކުރަން ފެށި ފުރަތަމަ ކުންފުންޏެވެ. އަދި ފެޝަން ޓްރާންސް ޕޭރެންސީ އިންޑެކްސްގައި ޖެހިޖެހިގެން ތިންވަނަ ފަހަރަށް އެ ކުންފުނިން ވަނީ އެއްވަނަ ހޯދާފައެވެ.

ބައިގަރުނު ކުރިން ފެޝަން ދާއިރާއަށް ތައާރަފުވި އޯވީއެސްއިން އަންނަނީ ޔޫރަޕާއި ލެޓިން އެމެރިކާ އަދި އޭޝިއާގެ 35 ޤައުމެއްގައި 1285 ފިހާރަ ހިންގަމުންނެވެ. މިރޭ ހުޅުވާފައިވަނީ ރާއްޖޭގައި ހުޅުވި އެ ކުންފުނީގެ ފުރަތަމަ ފިހާރައެވެ.

މެދުޒިޔާރަތް މަގުގައި ހުޅުވި އޯވީއެސް ފިހާރަ ހުޅުވާފައި ހުންނާނީ ހުކުރު ދުވަސް ފިޔަވާ އެހެން ދުވަސްތަކުގެ ހެނދުނު 10:00ން 12:00 އަދި މެންދުރު 2:00ން ހަވީރު 4:00އަށެވެ. ރޭގަނޑު ހުޅުވާފައި ހުންނާނީ 8:00ން 10:30 އަށެވެ.

ހުކުރު ދުވަސްތަކުގައި މި ފިހާރަ ހުޅުވާފައި ހުންނާނީ ހަވީރު 4:00ން 6:00 އަށް އަދި ރޭގަނޑު 8:00ން 10:30 އަށެވެ.