ސެޕްޓެންބަރު 21ވަނަ ދުވަހު ސްރީ ލަންކާގައި ބާއްވާ ރިޔާސީ އިންތިޚާބުގެ އެންމެ ފަހުގެ ތައްޔާރީތައް ވާން ފަށައިފިއެވެ. އެ ގޮތުން, އިންތިޚާބުގައި ވަކިވަކި ކެނޑިޑޭޓުންނާއި ސިޔާސީ ޕާޓީތަކުން ތާޢީދު އިތުރު ކުރުމަށް ހިންގި ކެމްޕެއިން ހަރަކާތްތައް, އިންތިޚާބުގެ ވޯޓުލުން ފެށުމުގެ 48 ގަޑިއިރު ކުރިން ވަނީ ހުއްޓައިލާފައެވެ. ސްރީ ލަންކާއިން ރިޔާސީ އިންތިޚާބަށް ތައްޔާރުވެފައި ވަނީ ބޭރު ފައިސާގެ ރިޒަރވް ހުސްވެ, ދަރަނި ދެއްކޭނެ މަގު ބަންދުވެފައިވާ ދަނޑިވަޅެއްގައެވެ. ސްރީ ލަންކާއަށް މާލީ އަދި އިޤުތިޞާދީ ކާރިސާއެއް ކުރިމަތިވީ 2022ވަނަ އަހަރުއެވެ.
ހޮނިހިރު ދުވަހު ބާއްވާ ރިޔާސީ އިންތިޚާބުގައި ވޯޓުލުގެ ޙައްޤު ލިބިފައިވާ މީހުންގެ ޢަދަދު 17 މިލިޔަނަށް އަރައެވެ. އިންތިޚާބު ކާމިޔާބު ކުރައްވާ ކެނޑިޑޭޓެއްގެ އެންމެ ބޮޑު މަސްއޫލިއްޔަތަށް ވާނީ, ސްރީ ލަންކާއަށް ކުރިމަތިވެފައިވާ އިޤުތިޞާދީ ކާރިސާއިން ޤައުމު ސަލާމަތް ކުރުމެވެ. އަދި, އެ ޤައުމުގެ ރައްޔިތުންނަށް ކުރިމަތިވެފައިވާ މާލީ ދަތިކަމުން އަރަގައިނެވޭނެ މަގު ހޯދައިދިނުމެވެ.
ސްރީ ލަންކާއަށް ކުރިމަތިވެފައި އޮތް އިޤުތިޞާދީ ހާލަތުން އަރައިގަތުމަށް އެ ޤައުމުން މިހާރު ވެސް ދަނީ ބައިނަލްއަޤުވާމީ މާލީ އިދާރާތަކާ ގުޅިގެން މަސައްކަތްތަކެއް ކުރަމުންނެވެ. އެ ގޮތުން, އިންޓަރނޭޝަނަލް މަނިޓަރީ ފަންޑު (އައިއެމްއެފު)ން ވަނީ އެ ޤައުމަށް 2.9 ބިލިޔަން އެމެރިކާ ޑޮލަރުގެ ބެއިލްއައުޓް ލޯނެއް ދޫކޮށްފައެވެ. އަދި, އެތަކެއް ބިލިޔަނަކަށް އަރާފައިވާ ބޭރުގެ ދަރަނީގެ ތެރެއިން 12.5 ބިލިޔަން އެމެރިކާ ޑޮލަރު ރީސްޓްރަކްޗަރ ކުރުމަށް އެ ޤައުމުން މިހާރު ދަނީ މަސައްކަތް ކުރަމުންނެވެ.
އިންތިޚާބުގައި ވާދަކުރައްވާ ކެނޑިޑޭޓުންގެ ތެރެއިން އެންމެ ވާދަވެރިވާނެ ކަމަށް ބެލެވޭ ތިން ކެނޑިޑޭޓުންގެ ތެރޭގައި ރައީސް ރަނިލް ވިކްރަމަސިންހަ ހިމެނި ވަޑައިގަންނަވައެވެ. އޭނާ ދެކެވަޑައިގަންނަވާ ގޮތުގައި, ސްރީ ލަންކާއަށް ކުރިމަތިވެފައިވާ މާލީ އަޑިގަނޑުން އަރައިގަނެވޭނީ ބޭރުގެ ދަރަނި ރީސްޓްރަކްޗަރ ކޮށްގެންނެވެ. އަދި, އެއީ އޭނާގެ ސަރުކާރެއްގެ މުހިންމު ސިޔާސަތަކަށް ވާނެއެވެ.
"މިހާރު ހިނގަމުންދާ މަޝްވަރާތަކާ އެކު, ދަރަނި ރީސްޓްރަކްޗަރ ކުރުމާ ގުޅޭ ގޮތުން ގޮތެއް ނިންމޭނެ. ސެޕްޓެންބަރު 21ގެ [އިންތިޚާބުގެ ވޯޓުލާ ދުވަހުގެ]ގެ ކުރިން އެ ކަމާ މެދު ގޮތެއް ނިންމައި, އިޢުލާނު ކުރުމުގެ ޤާބިލުކަން އަޅުގަނޑުގެ ކިބައިގައި އެބަހުރި،" ވެރިރަށް ކޮލަމްބޯއާ 157 ކިލޯމީޓަރު ދެކުނުގައި އޮތް މާތަރައިގައި ބޭއްވި ކެމްޕޭން ޖަލްސާއެއްގައި ވާހަކަ ދައްކަވަމުން ވިކްރަމަސިންހަ ވިދާޅުވިއެވެ.
އިންތިޚާބުގެ ކުރިން ނަގާފައިވާ ޚިޔާލު ހޯދުމުގެ ވޯޓުތަކުގެ ނަތީޖާއިން ކުރި ހޯއްދަވާފައި ވަނީ ޤާނޫނު ހަދާ މަޖިލީހުގެ މެންބަރު އަދި ޖަނަތާ ވިމުކްތި ޕެރަމުނަ (ޖޭވީޕީ) ޕާޓީގެ ވެރިޔާ އަނުރަ ކުމާރަ ދިސާނަޔަކައެވެ. އޭނާގެ ސަރުކާރެއްގައި ފަގީރުކަން ނައްތައިލައްވައި, ކޮރަޕްޝަނާ ދެކޮޅަށް ގިނަ މަސައްކަތް ކުރައްވަން އޭނާ ވަނީ ވަޢުދުވެ ވަޑައިގަންނަވާފައެވެ.
"އަޅުގަނޑާ އެކު އެތަކެއް ސަތޭކަ ހާސް ބަޔަކު އެ ތިބީ ކުރިމަގުގެ އުންމީދުގައި. އެ މަސައްކަތުގެ އެންމެ ފުރަތަމަ ފިޔަވަޅު އަޅާނީ ސެޕްޓެންބަރު 22ވަނަ ދުވަހު،" ގޯލްގައި ބޭއްވި ކެމްޕޭން ޖަލްސާއެއްގައި ވާހަކަ ދައްކަވަމުން ދިސާނަޔަކަ ވިދާޅުވިއެވެ.
އިންތިޚާބުގައި ދެން އެންމެ ވާދަވެރިކޮށް ފެނިގެންދާނެ އެއް ކެނޑިޑޭޓަކީ އިދިކޮޅު ސަމަގި ޖަނަ ބަލަވޭގޭ (އެސްޖޭބީ) ޕާޓީގެ ވެރިޔާ ސަޖިތު ޕްރޭމަދާސައެވެ. އޭނާގެ އެންމެ ބޮޑު އެއް ވަޢުދަކީ ދިރިއުޅުމުގެ ޚަރަދުތައް ތިރިކޮށް, ފަތުރުވެރިކަމާއި ދަނޑުވެރިކަން ކުރިއެރުވުމެވެ. "އަޅުގަނޑުމެން ބިނާ ކުރާ ޤައުމު ވެގެންދާނީ ހުރިހާ ރައްޔިތުންނަށް ވެސް ފާގަތި ތަނަކަށް, އަދި ދަތި ހާލުގައި ދިރިއުޅެމުންދާ އެތަކެއް މިލިޔަން ރައްޔިތުންނަށް ތަސައްލީއެއް ގެނެސްދޭނެ ސަރުކާރަކަށް،" އޭނާ ވިދާޅުވިއެވެ.
2023ވަނަ އަހަރު ސްރީ ލަންކާގެ އިޤުތިޞާދީ ދުވެލި 2.3 އިންސައްތަ ދަށަށް ދިޔައެވެ. އަދި, މާލީ ކާރިސާގެ ތެރެއިން އިޤުތިޞާދީ ކުރިއެރުން 7.3 އިންސައްތައަށް ވެއްޓިގެން ދިޔައެވެ. ނަމަވެސް, މާލީ އިދާރާތަކުގެ ތަފާސް ހިސާބުތަކުން ފެންނަ ގޮތުގައި އެ ޤައުމުގެ އިޤުތިޞާދު މި އަހަރު 3 އިންސައްތައިން ކުރިއަރާނެއެވެ.
އޭޕްރިލް 2022އާ ހަމައަށް ސްރީ ލަންކާގެ ބޭރުގެ ދަރަނި 34.8 ބިލިޔަން އެމެރިކާ ޑޮލަރަށް އުފުލިފައިވެއެވެ. އޭގެ ތެރެއިން 10 ބިލިޔަން އެމެރިކާ ޑޮލަރުގެ ދަރަނި ރީސްޓްރަކްޗަރ ކުރުމަށް ޖަޕާނާއި ޗައިނާގެ އިތުރުން އިންޑިޔާއިން ވަނީ އެހީތެރިކަން ފޯރުކޮށްދީފައެވެ. އިތުރު 12.5 ބިލިޔަން އެމެރިކާ ޑޮލަރުގެ ދަރަނި ރީސްޓްރަކްޗަރ ކުރުމަށް ސްރީ ލަންކާއިން މިހާރު ދަނީ މަސައްކަތް ކުރަމުންނެވެ.