ޚަބަރު

އ.ދއަކީ ރާއްޖޭގެ އިޖްތިމާޢީ ތަރައްޤީގެ މުހިންމު ބައިވެރިއެއް


  • ރާއްޖެއިން އދ. މެންބަރަކަށްވީ 1965 ވަނަ އަހަރު

  • އދ. ޖަމީއްޔާތަކުން ރާއްޖޭގެ އިޖްތިމާޢީ ދައިރާގެ ގިނަ މަސައްކަތްތަކެއް ކުރޭ

  • އދ. ރާއްޖެއިން ވަނީ އިސް ރޯލުތަކެއް އަދާކޮށްފައި

ދިވެހިރާއްޖެއަށް 1965 ވަނަ އަހަރު މިނިވަންކަން ލިބުމަށްފަހު ސިޔާދަތީ މިނިވަންކަމާއެކު، ރާއްޖެއިން ނިކުތީ ބައިނަލްއަޤްވާމީ ޤައުމުތަކާއެކު އަމިއްލަ ބާރުގައި ގުޅުންތައް ޤާއިމްކުރުމަށެވެ. އެގޮތުން ދުނިޔޭގެ ޤައުމުތައް ހިމެނޭ އެންމެ މުހިއްމު ޖަމުއިއްޔާ "އެކުވެރި ދައުލަތްތައް" ނުވަތަ އދ އާއި ދިވެހިރާއްޖެ ގުޅުނީ 21 ސެޕްޓެމްބަރު 1965 ވަނަ އަހަރެވެ.

އދގެ މެންބަރެއްގެ ގޮތުގައި ރާއްޖެއިން އެކި މަސައްކަތް ކުރާތާ 60 އަހަރާއި ގާތްވެފައިވާއިރު، އެ ޖަމާޢަތުގެ މުހިންމު އެތައް ގުނަންތަކާއެކު ރާއްޖެއިން ދަނީ މަސައްކަތްކުރަމުންނެވެ. އެގޮތުން އދ. އާއެކު ގުޅުނު ދުވަހު އދ. އާބާދީ ފަންޑާއި އަދި ވިޔަފާރިއާއި ތަރައްޤީއާބެހޭ ޖަމީއްޔާގައި 1965 ވަނަ އަހަރު ރާއްޖެއިން ވަނީ ބައިވެރިވެފައެވެ. މިއީ ގިނަ ގުޅުންތަކެއް ޤާއިމްކުރުމަށް ތައްޔާރުވެފައި އޮތް ރާއްޖެއަށް އޭރު ފުރަތަމަ ފިޔަވަޅު އަޅަން ފަހިވެގެން ދިޔަ ފުރުޞަތެވެ. މީގެ އިތުރުން ދުނިޔޭގެ ސިއްޙަތު ޖަމީއްޔާއާއި ޔުނިސެފް ފަދަ އދގެ މުހިއްމު ގުނަންތަކާއެކު ރާއްޖެއިން ހަމަ އެއަހަރު މަސައްކަތް ކުރަން ފަށާފައިވެއެވެ.

މި ގުޅުންތައް ހަރުދަނާވެފައިވާ ކަމުގެ އެންމެ ބޮޑު ހެއްކަކީ އދ. ތަރައްޤީގެ ޕްރޮގްރާމާއި، ދުނިޔޭގެ ސިއްހަތު ޖަމީއްޔާ އަދި ޔުނިސެފްއިން ރާއްޖެއަށް ކަނޑައަޅާފައިވާ މަންދޫބުން ރާއްޖޭގައި އޮފީސް ޤާއިމްކޮށް މަސައްކަތް ކުރަމުން ދިއުމެވެ. އަދި މިއިން ކޮންމެ ޖަމުއިއްޔާއެއްވެސް ރާއްޖޭގައި ކުރަމުންދާ މަސައްކަތުން އިޖްތިމާޢީ އިޤްތިޞާދީ އަދި ޢުމްރާނީ ގޮތުންވެސް ކުރިއެރުން ހޯދާފައިވުމެވެ.

އދ.ގެ ދަށުން ހިންގާ ވޯލްޑް ހެލްތް އޯގަނައިޒޭޝަން - ޑަބްލިއު.އެޗް.އޯ، ޔުނައިޑަޓް ނޭޝަންސް ޑެވެލޮޕްމަންޓް ފަންޑު – ޔޫ.އެން.ޑީ.ޕީ، ޔުނައިޑަޓް ނޭޝަންސް އިންޓަރނޭޝަނަލް ޗިލްރަންސް އެމަޖަންސީ ފަންޑު – ޔުނިސެފް އަދި ޔުނައިޑަޓް ނޭޝަންސް ޕޮޕިއުލޭޝަން ފަންޑް – ޔޫ.އެން.އެފް.ޕީ.އޭއިން ދަނީ ރާއްޖޭގެ ތަރައްޤީއަށްޓަކާ، ގިނަ މަސައްކަތްތަކެއް ކުރަމުންނެވެ.

މިގޮތުން 1965 ވަނަ އަހަރުން ފެށިގެން ޑަބްލިއުއެޗްއޯއިން ދަނީ ބަލިތައް ކޮންޓްރޯލްކުރުމާ، ޞިއްޙީ ދާއިރާގެ ޢުމްރާނީ އަދި އިންސާނީ ވަޞީލަތް ބިނާކުރުމުގައި ރާއްޖެއަށް މާލީ އަދި ފަންނީ ގޮތުން އެހީތެރިވެދެމުންނެވެ. އދ.ގެ މެންބަރަކަށްވީއްސުރެ ރާއްޖެއިން ދަނީ އދ.ގެ ކުރީ ސަފުގައި އިންސާނީ ހައްޤުތަކަށް ވަކާލާތުކުރުމާއި މޫސުމަށް އަންނަ ނޭދެވޭ ބަދަލުތައް ކުޑަކުރުމަށް ބާރުއެޅުމުގައި ގިނަ މަސައްކަތްތަކެއް ކުރަމުންނެވެ.

ރާއްޖޭގެ ތަޢުލީމީ ދާއިރާއަށްވެސް އދ އިން ދަނީ ގިނަ އެހީތަކެއް ފޯރުކޮށްދެމުންނެވެ. އަދި މޫސުމަށް އަންނަ ނޭދެވޭ ބަދަލުތަކާ، ތިމާވެށި ޙިމާޔަތްކުރުމާ، ޒުވާނުން ކުރިއެރުވުމާ، އަންހެނުންނާ ކުޑަކުދިންގެ ހައްޤުތައް ކަށަވަރުކުރުމުށާއި އަދި މިންތީގެ ހަމަހަމަކަން ދެމެހެއްޓުމަށް ކުރަމުންދާ މަސައްކަތުގައިވެސް އދ.ގެ އެޖެންސީތަކުން ރާއްޖޭގައި ގިނަ މަސައްކަތްތަކެއް ކުރަމުންދެއެވެ.

މިގޮތުން ރާއްޖޭގެ އެކި ދާއިރާތަކަށް ބޭނުންވާ ވަސީލަތްތައް އެކި ދުވަސްވަރު ފޯރުކޮށްދީފައިވެއެވެ. އަދި މި ދާއިރާތަކުން މީހުން ބިނާކުރުމުގެ ޕްރޮގްރާމްތައްވެސް ރާއްޖޭގެ އެކި ސަރަހައްދުތަކުގައި މި ގުނަންތައް އިސްވެ އޮވެ ވަނީ ހިންގާފައެވެ.

އދ. އެހީތެރިކަން ރާއްޖެއަށް ކެނޑިނޭޅި ލިބެމުންދާއިރު، ބައިނަލްއަޤްވާމީ މައިދާނުގައި ކުދި ޤައުމުތަކުގެ ހައްޤުގައި ރާއްޖެއިން ދަނީ އަބަދުވެސް ވަކާލާތު ކުރަމުންނެވެ. އެގޮތުން ކުދި ޤައުމުތަކަށް ހާއްސަކޮށްގެން އެހީތެރިކަން ފޯރުކޮށްދިނުމާއި ތަރައްޤީއަށް ބޮޑެތި ޤައުމުތަކުގެ އެއްބާރުލުން ބޭނުންވާކަމަށް ރާއްޖެއިން އަބަދުވެސް ވަކާލާތު ކުރެއެވެ. އަދި އދ.ގެ ހިއުމަން ރައިޓްސް ކައުންސިލުގައިވެސް ރާއްޖެއިން މަސައްކަތްކޮށްފައިވާއިރު، ރާއްޖެއަށް އެ ޖަމާޢަތުގެ އެންމެ ބޮޑު ރޯލެއް އަދާކުރުމަށް ލިބިފައިވަނީ އދ. އާންމު މަޖިލީހުގެ ރައީސްކަން ކުރުމަށް ލިބުނު ފުރުސަތާއެކުއެވެ.

ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުޢިއްޒު އދ. ތަގުރީރު ކުރެއްވުމަށް ކުރައްވާ ފުރަތަމަ ދަތުރުފުޅުގައި އެމެރިކާއަށް ފުރާވަޑައިގަންނަވާއިރު، ރާއްޖެއިން މިހާރުވެސް ދަނީ ގިނަ މައްސަލަތަކެއްގައި ބައިނަލްއަޤްވާމީ މައިދާނުގެ ކުރީ ސަފުގައި މިހާރުވެސް މަސައްކަތް ކުރަމުންނެވެ.