ފަލަސްޠީނުގެ ޣައްޒާގެ އެންމެ ދެކުނުން އޮންނަ ރަފަޙާއި މިޞްރު ގުޅޭ ސަރަޙައްދީ ރޮނގާއި ސަރަޙައްދީ ހުރަސް ޔަހޫދީ ފައުޖުގެ އަތްދަށުގައި ބާއްވަން މިޞްރުން ވެސް އިންކާރު ކޮށްފިއެވެ. ޣައްޒާއާއި މިޞްރު ގުޅޭ ފިލަޑެލްފީ ކޮރިޑޯއަކީ 14 ކިލޯމީޓަރު ދިގު ސަރަޙައްދެކެވެ. މި ވަގުތު ފިލަޑެލްފީ ކޮރިޑޯ އޮތީ ޔަހޫދީ ފައުޖުގެ ހައްދުފަހަނަ އެޅި ސިފައިންގެ އަތްދަށުގައެވެ.
މިޞްރުގެ ޚާރިޖީ ވުޒާރާއިން ބުނީ, ޣައްޒާއާއި މިޞްރުގެ ސަރަޙައްދީ ރޮނގު ބެލެހެއްޓުމާ ގުޅޭ ގޮތުން ފަލަސްޠީނާ އެކު ކުރިން ވެފައިވާ އެއްބަސްވުމަށް އެއްވެސް އުނިއިތުރެއް ގެންނަން އެ ޤައުމުން އެއްބަސްނުވާނެ ކަމުގައެވެ. ޣައްޒާގެ މުސްލިމުން ޝަހީދުކޮށް ނެތިކޮށްލަން ޔަހޫދީ ފައުޖުން ހިންގަމުންދާ ލާއިންސާނީ ޢުދުވާން ހުއްޓުމަކަށް ގެނައުމާ ގުޅޭ ގޮތުން ކުރަމުންދާ މަޝްވަރާތަކުގައި, ޣައްޒާގައި ވެރިކަން ކުރާ ޙަމާސްގެ މުޖާހިދުންނާއި ޔަހޫދީންނާ ދެމެދު މި ވަގުތު ދެބަސްވުން އުފެދިފައިވާ އެންމެ ބޮޑު މައްސަލައަކީ ފިލަޑެލްފީ ކޮރިޑޯގެ މައްސަލައެވެ.
ޔަހޫދީ ފައުޖުގެ ހައްދުފަހަނަ އެޅި ސިފައިން ޣައްޒާގެ ރަފަޙަށް އަރައި, ޣައްޒާއާއި މިޞްރު ގުޅޭ ސަރަޙައްދީ ހުރަހަށް އަތްގަދަ ކޮށްފައި ވަނީ މޭ މަހުގެ ތެރޭގައެވެ. އެއަށްފަހު, ޔަހޫދީ ފައުޖުން ވަނީ ޣައްޒާއަށް ކާބޯތަކެއްޗާއި އިންސާނީ އެހީގެ ސާމާނު އެތެރެ ކުރުން މުޅިން ހުއްޓުވައިލާފައެެވެ. އަދި, ޣައްޒާގައި ތިބި ބަލި މީހުން ޞިއްޙީ ފަރުވާ ހޯދުމަށް އެ މަގުން ބޭރު ޤައުމުތަކަށް ދަތުރު ކުރުމަށް ހުރަސް އަޅާފައެވެ.
ޙަމާސްގެ މުޖާހިދުންނާއި ޔަހޫދީންނާ ދެމެދު ކުރަމުންދާ މަޝްވަރާތަކުގައި މެދުވެރިއެއްގެ ދައުރު އަދާ ކުރަނީ މިޞްރާއި ޤަޠަރުން ގުޅިގެންނެވެ. މިޞްރުގެ ޚާރިޖީ ވުޒާރާއިން ބުނީ, ރަފަޙް ހުރަހުން ޔަހޫދީ ސިފައިން ފައިބައި, އެ ތަނުގެ ބާރުތައް ފަލަސްޠީނުގެ ރައްޔިތުންގެ އަތްމައްޗަށް ދޫކޮށްލަން ޖެހޭނެ ކަމުގައެވެ.
"މިޞްރުން ބޭނުންވާ ގޮތް ތަކުރާރު ކުރަން, ސަރަޙައްދީ ރޮނގުގެ އަނެއް ފަޅީގައި އެއްވެސް އަސްކަރިއްޔާއަކުން ހަރަކާތްތެރިވުމާ އިންކާރު ކުރަން އަދި ކުރިން ދެންނެވި ފަދައިން [ފިލަޑެލްފީ] ކޮރިޑޯގައި ވެސް،" އެމެރިކާގެ ޚާރިޖީ ވަޒީރު އެންތަނީ ބްލިންކަނާ އެކު ބޭއްވެވި ނޫސްވެރިންގެ ބައްދަލުވުމެއްގައި މިޞްރުގެ ޚާރިޖީ ވަޒީރު ބަދުރު ޢަބްދުލްޢާޠީ ވިދާޅުވިއެވެ.
ޙަމާސާއި ޔަހޫދީންނާ ދެމެދު ކުރަމުންދާ މަޝްވަރާތަކަށް އައު ހުށަހެޅުންތައް ހުށަހަޅައި އެއްބަސްވުމުގެ ދެލިކޮޕީއަށް އުނިއިތުރު ގެންނަން މަސައްކަތް ކުރަމުންދާތީ އޭނާ ވަނީ އެކަމާ މެދު ވެސް ހިތްހަމަނުޖެހުން ފާޅު ކުރައްވާފައެވެ. އަދި, އެއްބަސްވުމެއް އެކުލަވައިލަން ކުރަމުންދާ މަޝްވަރާތަކަށް އޭނާ ހުރަސް އަޅުއްވަމުން ގެންދަވާ ކަމަށް ޔަހޫދީން ކުރާ ތުހުމަތުތައް ވެސް އޭނާ ވަނީ ދޮގު ކުރައްވާފައެވެ. "އެއްބަސްވުމެއް އެކުލަވައިލުމާ ގުޅޭ މަޝްވަރާތަކުގެ ޙަޤީޤަތަށް ބެލުމުން ފެންނަނީ, އެއްބަސްވުމެއް އެކުލަވައިލުމަށް ވަކި ފަރާތަކެއްގެ [ޔަހޫދީންގެ] ސިޔާސީ ހިތްވަރު ނެތް ކަން،" އޭނާ ވިދާޅުވިއެވެ.
މޭ މަހު އެމެރިކާގެ ރައީސް ޖޯ ބައިޑަން އިޢުލާނު ކުރެއްވި ސުލްޙައިގެ މަގުޗާޓަށް އިޙުތިރާމު ކުރަން ޙަމާސުން ތައްޔާރަށް އޮތް ކަން ވެސް އޭނާ ހާމަ ކުރެއްވިއެވެ. ޔަހޫދީންނާއި އެ މީހުންގެ އެންމެ ބޮޑު މަދަދުގާރު, އެމެރިކާއިން ނިރުބަވެރި ޖަމާޢަތެއްގެ ގޮތުގައި ދެކޭ ޙަމާސް ޖަމާޢަތަކީ ފަލަސްޠީނުގެ ޤައުމީ ފެކްޝަނެއްގެ ގޮތުގައި ވެސް އޭނާ ސިފަ ކުރެއްވިއެވެ. ޙަމާސާއި ޔަހޫދީންނާ ދެމެދު ސުލްޙައިގެ އެއްބަސްވުމެއް އެކުލަވައިލަން މި ވަގުތު އޮތް އެންމެ ބޮޑު ހުރަހަކީ, ފިލަޑެލްފީ ކޮރިޑޯން ފައިބަން ޔަހޫދީން ދެކޮޅު ހެދުމެވެ.
ޕޭޖަރާއި ވޯކީޓޯކީ ފަދަ މުއާޞަލާތު ކުރާ ވަސީލަތްތައް ގޮއްވައިލައިގެން ޔަހޫދީ ފައުޖުން ލުބްނާންގެ މުޖާހިދުންގެ ޖަމާޢަތް, ޙިޒްބުاللهގެ މެންބަރުންނަށް އަމާޒުކޮށް ދާދިފަހުން ދީފައިވާ ނިރުބަވެރި ޙަމަލާތަކަށް ވެސް އޭނާ އަލިއަޅުއްވައިލެއްވިއެވެ. ޕޭޖަރުތައް ގޮއްވައިލި ޙަމަލާގައި 12 މީހުން ޝަހީދު ކޮށްލާފައިވާއިރު, ވޯކީޓޯކީތައް ގޮއްވައިލައިގެން ދިން ޙަމަލާގައި 20 މީހުން ޝަހީދު ކޮށްލިއެވެ.
އެ ކަމާ ގުޅޭ ގޮތުން ޢަބްދުލްޢާޠީ ވިދާޅުވީ, އެ ފަދަ ޙަމަލާތަކާއި އަމަލުތަކާ ގުޅިގެން ހޫނުވެފައިވާ މެދުއިރުމަތީގެ މަސްރަހު އިތުރަށް ގޯސްވުމުގެ ފުރުޞަތު ބޮޑުވެފައިވާ ކަމަށާއި, ސަރަޙައްދީ ހަނގުރާމައެއް ފެށިގެން ދިޔުމުގެ ނުރައްކާ އޮތް ކަމުގައެވެ. އަދި, އެ ކަމާ ގުޅިގެން ޣައްޒާ ޢުދުވާން ހުއްޓުވަން ކުރަމުންދާ މަޝްވަރާތަކަށް ހުރަސް އެޅެމުންދާ ކަމުގައި ވެސް އޭނާ ވިދާޅުވިއެވެ. "އެ ކަމުން މަޝްވަރާތައް ހުރަސް އެޅުމުގެ އިތުރުން ބޮޑު ހަނގުރާމައެއް ފެށުމުގެ ބިރު ވަނީ ބޮޑުވެފައި،" އޭނާ ވިދާޅުވިއެވެ.
2023 އޮކްޓޫބަރު 23ގައި ޣައްޒާގެ މުސްލިމުންނާ ދެކޮޅަށް ޔަހޫދީ ފައުޖުން ފެށި ލާއިންސާނީ ޢުދުވާނުގައި ޝަހީދު ކޮށްލާފައިވާ މީހުންގެ ޢަދަދު ވަނީ 41,272އަށް އުފުލިފައެވެ. އޭގެ ތެރޭގައި 17,000އަށްވުރެ ގިނަ ޢަދަދަކަށް މައުސޫމު ކުޑަކުދިން ހިމެނެއެވެ. އަދި، ޔަހޫދީ ފައުޖުން ސުންނާފަތި ކޮށްލާފައިވާ އިމާރާތްތަކުގެ ދަށުގައި އިތުރު 10،000އަށްވުރެ ގިނަ މީހުންގެ ހަށިތައް ތާށިވެފައިވާ ކަމުގައި ޣައްޒާގެ އޮފިޝަލުން ގަބޫލު ކުރެއެވެ. ޔަހޫދީންގެ ރަޙުމު ކުޑަ ޙަމަލާތަކުގައި ޒަޚަމު ކޮށްލާފައިވާ މީހުންގެ ޢަދަދު ވަނީ 95,551އަށް އުފުލިފައެވެ.