މެންޗެސްޓާ ޔުނައިޓެޑުގެ ކުރީގެ ފޯވާޑް އެންތަނީ މާޝިއަލް، ގްރީސްގެ އޭއީކޭ އެތެންސްއަށް ހިލޭ ޓްރާންސްފާއެއްގެ ދަށުން ބަދަލުވެއްޖެއެވެ.
ގްރީސްގެ އެންމެ ކާމިޔާބު އެއް ކްލަބް ކަމުގައިވާ އޭއީކޭ އެތެންސް އާއި އުމުރުން 28 އަހަރުގެ މާޝިއަލް ގުޅިފައިވަނީ އަހަރަކު 3.3 މިލިއަން އެމެރިކާ ޑޮލަރުގެ މުސާރައަކަށް ކަމަށް ރިޕޯޓްތައް ބުނެއެވެ. އަދި މިއީ އެކްލަބުގެ ތާރީޚުގައި އެންމެ ބޮޑު މުސާރައެއް ދޭ ކުޅުންތެރިޔާއެވެ.
އެތެންސް އާއި ގުޅުމަށްޓަކައި އިއްޔެ އޭނާ ގްރީސްއަށް ދިއުމުން އެ ކްލަބުގެ ސަޕޯޓަރުންވަނީ އޭނާއަށް ވަރަށް ހޫނު މަރުހަބާއެއް ކިޔާފަ އެވެ.
މާޝިއަލް ވަނީ މެންޗެސްޓަރ ޔުނައިޓެޑާއިއެކު ޔޫރޮޕާ ލީގާއި އެފްއޭ ކަޕް ހޯދާފަ އެވެ. އަދި ޔުނައިޓެޑަށް ކުޅުނު 209 މެޗުގައި އޭނާ ވަނީ 63 ގޯލު އެ ކްލަބަށް ކާމިޔާބުކޮށްދީފަ އެވެ.
މާޝިއަލް އެތެންސް އަށް ގެންގޮސްފައިވާއިރު އެ ކްލަބުން ވަނީ މި ސީޒަނުގައި އެ ކްލަބް އިތުރަށް ވަރުގަދަ ކުރުމުގެ ގޮތުން ޓޮޓްންހަމް ހޮޓްސްޕަރގެ ކުރީގެ މިޑްފީލްޑަރ އެރިކް ލަމޭލާވެސް އެ ކްލަބަށް ގެންގޮސްފަ އެވެ.
ގްރީސްގެ ސުޕަރ ލީގުގެ އެއްވަނައިގައި މިވަގުތު އޮތް އެތެންސް ވަނީ މި ސީޒަނުގައި ކުޅުނު ހަތަރު މެޗުން 10 ޕޮއިންޓް ހޯދާފަ އެވެ.