ޔުއެފާ ޗެމްޕިއަންސް ލީގުގައި ފުރަތަމަ ފަހަރަށް ކުޅުނު ސްޕެއިނުގެ ޖިރޯނާ އަތުން 1-0 ގެ ނަތީޖާއަކުން ފްރާންސްގެ ޕީއެސްޖީ މޮޅުވެއްޖެއެވެ.
ޕީއެސްޖީގެ ދަނޑުގައި ރޭ ކުޅުނު މި މެޗު ފެށިގެން އެ ޓީމުން ޑޮމިނޭޓުކޮށް، ޖިރޯނާގެ ގޯލަށް އަމާޒުކޮށް ވަނީ ގިނަ ހަމަލާތަކެއް ފޮނުވާލާފައެވެ. އެކަމަކު މި މެޗުގައި ޖިރޯނާއަށް ގޯލާ އަމާޒުކޮށް ފޮނުވާލެވުނީ މަދު ހަމަލާތަކެކެވެ.
މި މެޗުގެ ފުރަތަމަ ހާފުގައި ޕީއެސްޖީގެ އެޓޭކުތައް ހުއްޓުވުމުގައި ޖިރޯނާއިން ވަނީ ކާމިޔާބު ހޯދާފަވެ. އެގޮތުން މި ހާފުގައި ޕީއެސްޖީއަށް ލިބުނު އެންމެ ރަނގަޅު ފުރުސަތުގައި މާކޯ އަސެންސިއޯ ފޮނުވާލި ބޯޅަ ދިޔައީ ދަނޑި ކައިރިން ބޭރަށެވެ.
މި މެޗުގެ ދެވަނަ ހާފުގައި ޕީއެސްޖީގެ ހަލުވި ވިންގް އޮސްމާނޭ ޑެމްބެލޭ ފޮނުވާލި ބޯޅައެއް ގޯލުގެ ހުރަސް ދަނޑިއަށް އަމާޒުވެފައިވާއިރު، އޭގެކުރީން ހާފުގެ މެދާ ހިސާބުން ބޯޅަ ހިފައިގެންގޮސް އޭނާ ފޮނުވާލި ހަމަލާ ހުއްޓުވީ ޖިރޯނާގެ ލަޑިސްލާފް ކްރެޖުޗީގެ ޓެކުލަކުންނެވެ.
އޭގެފަހުން ފްރާންސްގެ ފޯވާޑް، ރަންޑަލް ކޯލޯ މުއާނީ ފޮނުވާލި ބޯޅައެއް ދަނޑި ކައިރިން ބޭރަށްދިޔައިރު، އަޝްރަފް ހަކީމީ އެއްފަހަރުން ފޮނުވާލި ހަމަލާގެ ހުރަހަކަށްވީ ޖިރޯނާގެ ގޯލްކީޕަރު ޕައޮލޯ ގަޒާނިގާއެވެ. ނަމަވެސް މެޗުގެ 90 ވަނަ މިނެޓުގައި ގަޒާނިގާއަށް ހެދުނު ގޯހެއްގެ ފައިދާ ނަގައި، ޕީއެސްޖީން ވަނީ މެޗުން ތިން ޕޮއިންޓް ހޯދާފައެވެ. މިއީ ޕޯޗުގީޒް ފުލްބެކް ނޫނޯ މެންޑޭސް ނަގައިދިން ހުރަހެއް، ޖިރޯނާގެ ކީޕަރު ދިފާއުކުރަން އުޅުނު ވަގުތު، އޭނާ އަތުން ބައިކޮޅަށް ވަން ލަނޑެކެވެ.
މި މުބާރާތުގައި ރޭ ކުޅުނު އަނެއް މެޗުގައި ޖަރުމަނުގެ ބޮރޫޝިއާ ޑޯޓްމުންޑުން ވަނީ ރަށުން ބޭރުގައި ބެލްޖިއަމްގެ ކުލަބު ބްރޫޖް އަތުން 3-0 ގެ ނަތީޖާއަކުން މޮޅުވެފައެވެ. މި މެޗުގައި ފެނިގެންދިޔަ ހުރިހާ ލަނޑެއްވެސް ކާމިޔާބުކުރީ ދެވަނަ ހާފުގެ ފަހުކޮޅެވެ.
އެގޮތުން މިދިޔަ އަހަރުގެ މުބާރާތުގެ ފައިނަލުގައި ކުޅުނު ޑޯޓްމުންޑުން މި މެޗުގައި ޖެހި ތިން ލަނޑުގެ ތެރެއިން ދެ ލަނޑު ޖަހައިދިނީ އިނގިރޭސި ވިންގް ޖެމީ ގިޓެންސްއެވެ. އަދި އެ ޓީމުގެ އަނެއް ލަނޑު ޖަހައިދިނީ އިތުރުވަގުތުގެ ތެރޭގައި ލިބުނު ޕެނަލްޓީއަކުން ސެރްހު ގިރާސީއެވެ.