ޚަބަރު

ޒަޔަނިސްޓް ދައުލަތުގެ އިސްތިޢުމާރީ ވެރިކަން ނިންމަން ފަލަސްޠީނުން ހުށަހެޅި ޤަރާރަށް ރާއްޖެއިން ތާޢީދުކޮށްފި


  • ރާއްޖެ ހިމެނޭހެން މި ޤަރާރަށް 124 ޤައުމަކުން ވޯޓު ދީފައިވޭ

  • ރާއްޖެއިން ދެނީ ކެނޑިނޭޅި ބައިނަލްއަޤްވާމީ މައިދާނުގައި ފަލަސްޠީނުގެ ހައްޤުގައި ވަކާލާތު ކުރަމުން

އދގެ އާންމު މަޖިލީހަށް ޒަޔަނިސްޓް ދައުލަތުގެ އިސްތިޢުމާރީ ވެރިކަން ނިންމުމަށް މުހުލަތެއް ދިނުމަށް ފަލަސްޠީނުން ހުށަހެޅި ޤާރާރަށް ދިވެހި ރާއްޖެއިން ތާޢިދުކޮށް ވޯޓު ދީފިއެވެ.

ބައިނަލްއަޤުވާމީ ޤާނޫނުތަކާ ޚިލާފަށް ޒަޔަނިސްޓުން ވެރިވެގަނެފައިވާ ފަލަސްޠީނުގެ ބިންތަކުގައި ހިންގަމުންދާ ޣައިރު ޤާނޫނީ އިސްތިޢުމާރީ ވެރިކަން ނިމުމަކަށް ގެންނަން އދގެ ޢާންމު މަޖިލީހުން 12 މަސް ދުވަހުގެ މުހުލަތެއް ކަނޑައަޅައި, ޤަރާރެއް ވަނީ ފާސްކޮށްފައެވެ. މިއީ ފަލަސްޠީނުގެ ފަރާތުން އެ މަޖިލީހަށް ތައްޔާރުކޮށް ހުށަހެޅި ޤަރާރެކެވެ. މި ޤާރާރު ފާސްކުރުމަށް ދިވެހިރާއްޖެ ހިމެނޭހެން 124 ޤައުމަކުން ވަނީ ވޯޓު ދީފައެވެ.

ޒަޔަނިސްޓުންނާއި ދެކޮޅަށް އދގެ ޢާންމު މަޖިލީހުން ޤަރާރެއް ފާސްކޮށްފައި ވަނީ, ފަލަސްޠީނުގެ ބިންތަކަށް ވެރިވެގަނެ, އެ ޤައުމުގެ މުސްލިމުންނާ ދެކޮޅަށް ޒަޔަނިސްޓުން ހިންގަމުން ދަނީ ޣައިރު ޤާނޫނީ އިސްތިޢުމާރީ ވެރިކަމެއް ކަމަށް ދުނިޔޭގެ ކޯޓުގެ ގޮތުގައި ބެލެވޭ އިންޓަރނޭޝަނަލް ކޯޓް އޮފް ޖަސްޓިސް (އައިސީޖޭ)ން އިރުޝާދީ ލަފައެއް ނެރެފައިވާ ދަނޑިވަޅެއްގައެވެ. ފަލަސްޠީނުގެ ބިންތަކުން ޒަޔަނިސްޓުން ވަގުތުން ފައިބަން ޖެހޭނެ ކަމަށް ކަނޑައަޅައި އައިސީޖޭން ނެރުނު ލަފައަށް ޢާންމު މަޖިލީހުގެ ޤަރާރުގައި މަރުޙަބާ ކިޔާފައިވީނަމަވެސް, އެ ކަން ކުރުމަށް އެ މަޖިލީހުން ވަނީ 12 މަސް ދުވަހުގެ މުހުލަތެއް ކަނޑައަޅާފައެވެ.

މި ޤަރާރަށް ރާއްޖެއިން ތާޢީދުކޮށް ކޯ-ސްޕޮންސަރކޮށްދިނުމާއި ގުޅޭގޮތުން ދިވެހި ރާއްޖޭގެ ޚަރިޖީ ވަޒީރު މޫސާ ޒަމީރު އެކްސްގައި ކުރެއްވި ޕޯސްޓުގައި ވަނީ އައިސީޖޭގެ ލަފާ 12 މަސް ދުވަހުގެ ތެރޭ ތަންފީޒުކުރަން ގޮވާލައްވާފައެވެ. އަދި ފަލަސްޠީނުގެ ވަކި ދައުލަތެއް ޤާއިމްވެ އޮންނަން ޖެހޭކަން ވަނީ ފާހަގަކުރައްވާފައެވެ.


ފަލަސްޠީނުގެ ބިންތަކުގައި ޒަޔަނިސްޓުން ހިންގަމުންދާ އިސްތިޢުމާރު ދިވެހި ރާއްޖެއިންދަނީ ބައިނަލްއަޤްވާމީ ހުރިހާ ޕްލެޓްފޯމެއްގައި ކުށްވެރިކުރަމުންނެވެ. އަދި ޒަޔަނިސްޓު ދައުލަތުން މިހާރު ފަލަސްޠީނުގެ ބިމުގައި ހިންގަމުންދާ ޤަތުލްޢާމް ހަރުކަށި އިބާރާތުން ތަކުރާރުކޮށް ކުށްވެރިކޮށްފައިވެއެވެ. އަދި ފަލަސްޠީނުގެ ހައްޤުގައި އަބަދުވެސް ދަނީ ހުރިހާ ޕްލެޓްފޯމެއްގައި ވަކާލާތު ކުރަމުންނެވެ.

މިގޮތުން ފަލަސްޠީނު މައްސަލައަށް ދެމެހެއްޓެނިވި ޙައްލެއް ހޯދޭނީ 1967ގެ ކުރީގެ ބޯޑަރުތަކުގެ މައްޗަށް އެކުލެވިފައިވާ، އިރުމަތީ ޤުދުސް ވެރިރަށެއްގެ ގޮތުގައި ކަނޑައެޅިފައިވާ މިނިވަން އަދި މުސްތަޤިއްލު ފަލަސްޠީނުގެ ދައުލަތެއް ޤާއިމުކުރެވިގެންކަމަށް މީގެ ކުރިން އެކި މަންސަތަކުގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވަނީ ވިދާޅުވެފައެވެ. މިއީ ރާއްޖެއިން މިމައްސަލާގައި އަބަދުވެސް ގެންގުޅެމުން އަންނަ ސްޓޭންޑެވެ.