ޚަބަރު

އިޤްތިޞާދަށް އެންމެ ބޮޑު އާމްދަނީއެއް ލިބޭ އެއް ޞިނާޢަތަށް މެރިޓައިމް ހަދާނަން: އެމްޕީއެލްގެ ސީއީއޯ


  • އުތުރު މެރިޓައިމް ޚިދުމަތަށް އެކުންފުނި ތައްޔާރުކަމަށް އެމްޕީއެލްއިން ވިދާޅުވޭ

  • މިހާރުވެސް ޚިދުމަތްތަކަށް ރިކުއެސްޓް ލިބެމުންދާ ކަމަށް އެމްޕީއެލްއިން ފާހަގަކުރޭ

އެމްޕީއެލްއިން ފޯރުކޮށްދޭ މެރިޓައިމް ޚިދުމަތްތައް ފުޅާކޮށް، އިޤްތިޞާދަށް އެންމެ ބޮޑު އާމްދަނީއެއް ލިބޭ އެއް ޞިނާޢަތަށް، މެރިޓައިމް ޞިނާޢަތް ހައްދަވާނޭކަމަށް މޯލްޑިވްސް ޕޯޓްސް ލިމިޓެޑް (އެމްޕީއެލް)ގެ ސީއީއޯ މުހައްމަދު ވަޖީޙް އިބްރާހީމް ވިދާޅުވެއްޖެއެވެ.

އެމްޕީއެލްގެ ސީއީއޯ މިހެން ވިދާޅުވީ އުތުރުގެ މެރިޓައިމް ޚިދުމަތްތައް ފެށުމަށްޓަކައި ޤާއިމްކުރި އުލިގަމު އައި.އެސް.ޕީ.އެސް ގޭޓް ހުޅުވުމުގެ ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުންނެވެ.

އުލިގަމު އައި.އެސް.ޕީ.އެސް ގޭޓް ހުޅުވުމުގެ ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން އެމްޕީއެލްގެ ސީއީއޯ ވަޖީޙް ވިދާޅުވީ އެމްޕީއެލްގެ ޚިދުމަތްތައް މިހާތަނަށް ދެމުން އައީ ކޮންޓެއިނަރ ބޭލުމުގެ ޚިދުމަތެއްގެ ގޮތުގައި އެކަނިކަން ފާހަގަކުރައްވާފައެވެ. އަދި އެކަމުން ލިބޭ އާމްދަނީއިން ޚަރަދުތައް ހަމަޖައްސަން ޖެހުމުން ޚިދުމަތުގެ އަގު ބޮޑުވެގެންދާކަން ވަޖީހް ފާހަގަކުރެއްވިއެވެ. އެހެންކަމުން މެރިޓައިމް ޚިދުމަތްތަކާއެކު ކުންފުނީގެ އަމާޒަކީ ޚިދުމަތްތަކުގެ އަގު ހެޔޮކޮށް، މުދަލުގެ އަގު ހެޔޮކޮށްދިނުންކަން އެމްޕީއެލް ސީއީއޯ ފާހަގަކުރެއްވިއެވެ.

ވަޖީޙް ވިދާޅުވީ މިމަސައްކަތް ފަށާއިރު، ރާއްޖޭގައި މައިގަނޑު ސިނާޢަތްތަކުގެ ގޮތުގައި ފަތުރުވެރިކަމާއި މަސްވެރިކަން އޮތްއިރު، ބޮޑު ނަފާއެއް ލިބޭ އެހެން ސިނާޢަތެއް އުފެދިފައި ނެތް ކަމަށެވެ. އެހެންކަމުން މެރިޓައިމް ހިދުމަތްތައް ދިނުމަށް ރައީސުލްޖުމްހޫރިއްޔާ ހާއްސަ އިސްކަމެއް ދެއްވައިގެން މަސައްކަތް ކުރިއަށް ގެންދެވާއިރު މިއީ ބޮޑު ނާފާއެއް ލިބޭނެ ސިނާޢަތެއްކަމަށް އެމްޕީއެލް ސީއީއޯ ވިދާޅުވިއެވެ.

"އަދުގެ ރައީސް މިހާހިސާބަށް އެކުރެއްވި މަސައްކަތްތަކަކީ މިހާތަނަށް އެއްވެސް ރައީސަކު ނުކުރައްވާ މަސައްކަތްކަން ޤަބޫލުކުރަން ޖެހޭ. އެހެން ނޫންނަމަ އެމަނިކުފާނުގެ ވެރިކަމުގެ 10 މަސް ދުވަހުގެ ތެރޭގައި މިވަރުގެ މަސައްކަތެއް ނުނިމޭނެ. މިކަން ވެގެންދާއިރު ދިވެހި ރާއްޖޭގެ މެރިޓައިމް ދާއިރާ ވާނީ އިޤްތިޞާދަށް ނަފާ ހޯދާދޭ ތިންވަނަ އިންޑަސްޓްރީއަށް. އަޅުގަނޑުމެން މިކަން ކުރާނަން " ވަޖީޙް ވިދާޅުވިއެވެ.

އުތުރުގެ މެރިޓައިމް ޚިދުމަތްތައް ފަށާއިރު، ހއ.އުލިގަމުގައި ޤާއިމްކޮށްފައިވާ އޮފީސް މެދުވެރިކޮށް އެމްޕީއެލްއިން އެ ސަރަހައްދުގައި މެރިޓައިމް 14 ޚިދުމަތެއް ދޭނެއެވެ. އެމްޕީއެލްއިން ވިދާޅުވީ މި ޚިދުމަތްތައް ދިނުމުގެ ޤާބިލްކަން އެކުންފުނީގައި އެބަހުރި ކަމަށެވެ. އަދި ޚިދުމަތް ފެށުމަށްޓަކައި އެކަމަށް ހާއްސަ ވެބްސައިޓެއް ޤާއިމްކޮށް އާންމުކޮށް ޚިދުމަތްތައް މާކެޓު ކުރުމުގެ މަސައްކަތް ފެށިފައިވާކަން އެމްޕީއެލްއިން ފާހަގަކުރެއެވެ. އަދި މިހާރުވެސް ޚިދުމަތްތައް ރިކުއެސްޓް ލިބެމުންދާކަމަށް އެމްޕީއެލްއިން ވިދާޅުވެއެވެ.

އެމްޕީއެލްގެ ސީއީއޯ ވަޖީޙް ވިދާޅުވީ، މި ޚިދުމަތްތައް ދިނުމަށް އެކުންފުނިން ނިކުންނަނީ މިއީ ބައިނަލްއަޤްވާމީ ކޮމްޕެޓިޓިވް މާކެޓެއްކަން އެނގިތިބެކަމަށާއި، އަމާޒަކީ ވީ އެންމެ ފުރިހަމައަށް ހުރިހާ ޚިދުމަތްތަކެއްވެސް ރަނގަޅު އަގެއްގައި ފޯރުކޮށްދިނުން ކަމަށެވެ.