ޚަބަރު

މިޔަންމާގެ އަސްކަރިއްޔާގެ ޤަތުލުޢާންމުތައް އިތުރުކޮށްފި: އދ


މިޔަންމާގެ ޢާންމު ރައްޔިތުންނާ ދެކޮޅަށް އެ ޤައުމުގެ އަސްކަރިއްޔާއިން ހިންގަމުންދާ ޤަތުލުޢާންމުތަކާއި, ޣައިރު ޤާނޫނީ ގޮތުން ޢާންމުން ހައްޔަރުު ކުރުން އެތަކެއް ގުނައަކަށް އިތުރު ކޮށްފައިވާ ކަން އދއިން ހާމަކޮށްފިއެވެ. 2021ވަނަ އަހަރު މިޔަންމާގެ އިންތިޚާބީ ސަރުކާރު ވައްޓައިލައި ގެނައި ބަޣާވާތާ ގުޅިގެން އދން ދަނީ އެ ޤައުމުގެ ޢާންމު ރައްޔިތުން ދިރިއުޅެމުންދާ ހާލަތު ވަރަށް ގާތުން ބަލަމުންނެވެ.

އަންގ ސަން ސޫ ޗީގެ ސަރުކާރު ވައްޓައިލާފައި ވަނީ 2021ވަނަ އަހަރުގެ ފެބުރުވަރީ މަހު އެ ޤައުމުގެ އަސްކަރިއްޔާއިން ހިންގި ބަޣާވާތެއްގައެވެ. އިންސާނީ ޙައްޤުތަކާ ބެހޭ އދގެ ހައި ކޮމިޝަނަރު ފޮލްކަރ ތުރްކުގެ އޮފީހުން (އޯއެޗްސީއެޗްއާރު)ން ނެރުނު ތަޙުޤީޤީ ރިޕޯޓެއްގައި ހާމަ ކޮށްފައިވާ ގޮތުގައި, އެ ބަޣާވާތަށް ފަހު މިޔަންމާގެ އަސްކަރިއްޔާއިން ވަނީ އެ ޤައުމުގެ ޢާންމު ރައްޔިތުންނާ ދެކޮޅަށް ޤަތުލުޢާންމެއް ހިންގަން ފަށާފައެވެ. އަދި, އެތަކެއް ހާސް ބަޔަކު ޣައިރު ޤާނޫނީ ހައްޔަރަށް ގެންގޮސްފައެވެ.

އަންގ ސަން ސޫ ޗީގެ ސަރުކާރު ވައްޓައިލުމާ ގުޅިގެން އޭނާއަށް ތާޢީދު ކުރާ އެތަކެއް ހާސް ބަޔަކު މަގުތަކަށް ނިކުމެ, އަސްކަރިއްޔާއާ ދެކޮޅަށް މުޒާހަރާ ކުރިއެވެ. ނަމަވެސް, ބާރުގެ ބޭނުންކޮށް އަސްކަރިއްޔާއިން ވަނީ މުޒާހަރާތައް ހުއްޓުވުމުގެ މަސައްކަތް ފަށާފައެވެ. އެ ކަމާ ދެކޮޅަށް މިޔަންމާގައި ހަރަކާތްތެރިވާ ހަތިޔާރު އެޅި ޖަމާޢަތްތަކުން ވެސް ވަނީ ތެދުވެފައެވެ. އަދި, ހަތިޔާރު އެޅި ލަޝްކަރެއް ކަމުގައިވާ އަރާކަން އާމީއާއި އަސްކަރިއްޔާއާ ދެމެދު މިހާރު ވެސް ދަނީ ޙަމަލާތައް ބަދަލު ކުރަމުންނެވެ.

މިޔަންމާގެ ޢާންމު ރައްޔިތުން މި ވަގުތު ދިރިއުޅެމުންދާ ހާލަތު ދެނެގަތުމަށް އޯއެޗްސީއެޗްއާރުން ތަޙުޤީޤެއް ހިންގާފައި ވަނީ, އެ ޤައުމުގެ އަސްކަަރިއްޔާގެ ޙަމަލާތަކުގެ ޝިކާރައަކަށްވެފައިވާ މީހުންނާއި, މަންޒަރު ފެނުނު މީހުންނާ ސުވާލު ކޮށްގެންނެވެ. އދގެ އޮފީސްތަކުގެ ތަޙުޤީޤީ ޓީމުތަކުގެ މެންބަރުންނަށް މިޔަންމާގައި ހަރަކާތްތެރިވުމަށް އެ ޤައުމުގެ އަސްކަރިއްޔާއިން އޮތީ ހުރަސް އަޅާފައެވެ.

އޯއެޗްސީއެޗްއާރުން ހާމަ ކޮށްފައިވާ ގޮތުގައި, ބަޣާވާތަަށް ފަހު މިޔަންމާގެ އަސްކަރިއްޔާއިން އެ ޤައުމުގެ ޢާންމު ރައްޔިތުންނާ ދެކޮޅަށް ހިންގަމުންދާ ޤަތުލުޢާންމުތަކުގައި މަރައިލާފައިވާ މީހުންގެ ޢަދަދު 5,350އަށް އަރައެވެ. އޭގެ ތެރެއިން 2,414 މީހުން މަރައިލާފައި ވަނީ 2023 އޭޕްރީލާއި 2024 ޖޫން މަހާ ދެމެދު ހިންގާފައިވާ ޤަތުލުޢާންމުތަކުގައެވެ. އޯއެޗްސީއެޗްއާރުން ބުނީ, މިޔަންމާގެ ޢާާންމު ރައްޔިތުން ދިރިއުޅޭ ސަރަޙައްދުތަކަށް އަސްކަރީ މަތިންދާބޯޓުތަކާއި އާޓިލަރީ ބަޑި ބޭނުން ކޮށްގެން ނުރައްކާތެރި ޙަމަލާތަކެއް ދެމުންދާ ކަމުގައެވެ. މި ތުހުމަތުތަކާ ގުޅިގެން މިޔަންމާގެ އަސްކަރީ ސަރުކާރުން ވަކި އެއްޗެއް ހާމަ ކޮށްފައެއް ނެތެވެ.

އެތަކެއް ހާސް ބަޔަކު މަރައިލުމުގެ އިތުރުން, މިޔަންމާގެ އަސްކަރިއްޔާއިން އެ ޤައުމުގެ 27,400އަށްވުރެ ގިނަ މީހުން ޣައިރު ޤާނޫނު ހައްޔަރަށް ގެންގޮސްފައިވާ ކަމުގައި ވެސް އޯއެޗްސީއެޗްއާރުގެ ރިޕޯޓުގައި ހާމަ ކޮށްފައިވެއެވެ. އޭގެ ތެރެެއިން 9,000އެއްހާ މީހުން ހައްޔަރު ކޮށްފައި ވަނީ 2023 އޭޕްރީލާއި 2024 ޖޫން މަހާ ދެމެދުގެ މުއްދަތުގެ ތެރޭގައެވެ. އޯއެޗްސީއެޗްއާރުން ބުނީ, މިޔަންމާގެ އަސްކަރިއްޔާއިން ހައްޔަރު ކޮށްފައިވާ މީހުންގެ ލިސްޓެއް އެކުލަވައިލާފައިވާ ކަމަށާއި, އޭގެ ތެރެއިން ގިނަ ޢަދަދެއްގެ ބަޔަކު ހައްޔަރު ކޮށްފައި ތިބީ އަސްކަރީ މަރުކަޒުތަކެއްގައި ކަމުގައެވެ.

މިޔަންމާގެ އަސްކަރިއްޔާއިން އެ ޤައުމުގެ ކުޑަކުދިންނަށް ވެސް ލާއިންސާނީ އަނިޔާތައް ދެމުންދާ ކަން އޯއެޗްސީއެޗްއާރުގެ ރިޕޯޓުގައި ހާމަ ކޮށްފައިވެއެވެ. މި ގޮތުން, އަސްކަރިއްޔާއިން ހައްޔަރު ކުރަން ބޭނުންވާ މީހުން ފިލުމުން, އެ މީހުންގެ ބަދަލުގައި އެ މީހުންގެ ދަރިން ހައްޔަރަށް ގެންގޮސްފައިވާ ކަން އެ އިދާރާއިން ހާމަ ކުރިއެވެ. މިއީ, އެ ކުދިންގެ މައިންބަފައިންނަށް އަދަބު ދިނުމުގެ ގޮތުން ހިންގަމުންދާ ލާއިންސާނީ ކުށެއް ކަމުގައި ވެސް އެ އިދާރާއިން ބުންޏެވެ.

މިޔަންމާގެ އަސްކަރިއްޔާއިން ހައްޔަރު ކޮށްފައިވާ މީހުންނަށް ދެމުންދާ ލާއިންސާނީ އަނިިޔާތަކުގެ ތެރޭގައި ފުރާޅުގައި ވައުޖަހައި އެ މީހުން އެލުވުމާއި, ކާބޯތަކެއްޗާއި ސާފު ބޯފެނުން މަހުރޫމު ކުރުވުމާއި, ވިހަގަދަ ހަރުފަ ފަދަ ޖަނަވާރު ބޭނުން ކޮށްގެން ބިރު ދެއްކުމާއި, ޗޭނު ފަދަ ތަކެތިން ތަޅައި އަނިޔާ ކުރުން ހިމެނޭ ކަމުގައި ވެސް ތުކްރުގެ އޮފީހުން ހާމަކުރިއެވެ.

އޯއެޗްސީއެޗްއާރްގެ ތަރުޖަމާނު ލިޒް ތުރޮސެލް ވިދާޅުވީ, ބަޣާވާތަށް ފަހު މިޔަންމާގެ އަސްކަރިއްޔާއިން ހިންގަމުންދާ ޤަތުލުޢާންމުގައި މަރުވެފައިވާ މީހުންގެ ޢަދަދު 1,853އަށް އުފުލިފައިވާ ކަމުގައެވެ. އަދި, އޭގެ ތެރޭގައި 88 ކުޑަކުދިން ހިމެނޭ ކަން ވެސް ކަށަވަރު ކުރެވިފައިވާ ކަމުގައެވެ. "އޭގެ ތެރެއިން ގިނަ ޢަދަދެއްގެ ބަޔަކު މަރުވެފައި ވަނީ ލާއިންސާނީ އަނިޔާތައްދީ, ޞިއްޙީ ފަރުވާއިން މަހުރޫމު ކުރުމުގެ ސަބަބުން ކަން ކަށަވަރު ކުރެވުނު،" އޭނާ ވިދާޅުވިއެވެ. މި އަމަލުތަކާ ގުޅިގެން މިޔަންމާގެ އަސްކަރިއްޔާގެ މައްސަަލަ އިންޓަރނޭޝަނަލް ކްރިމިނަލް ކޯޓަށް ހުށަހެޅުމަށް ވެސް ތުރްކު ވަނީ އިރުޝާދު ދެއްވާފައެވެ.

މިޔަންމާގެ ރާހައިން ސްޓޭޓްގައި ދިރިއުޅޭ ރޮހިންޔާ ދަރިކޮޅުގެ މުސްލިމުންނާ ދެކޮޅަށް ވެސް އެ ޤައުމުގެ އަސްކަރިއްޔާއިން ދަނީ ލާއިންސާނީ އަމަލުތައް ހިންގަމުންނެވެ. 2017ވަނަ އަހަރުން ފެށިގެން ރޮހިންޔާ ދަރިކޮޅުގެ މީހުންނާ ދެކޮޅަށް ހިންގަމުންދާ ޤަތުލުޢާންމުގައި އެތަކެއް ސަތޭކަ ބަޔަކު މަރައިލާފައިވާއިރު, މިލިޔަނަކަށް ވުރެ ގިނަ މީހުން ވަނީ އަވައްޓެރި ޤައުމުތަކަށް ހިޖުރަ ކޮށްފައެވެ. އެންމެ ގިނަ ޢަދަދެއްގެ ބަޔަކު ހިޖުރަ ކޮށްފައި ވަނީ ބަންގްލަދޭޝަށެވެ.