ޚަބަރު

ރައީސުލްޖުމްހޫރިއްޔާ، ޕީޖީގެ މަޤާމަށް ޢައްބާސް ޢައްޔަންކުރައްވައިފި


  • ޢައްބާސް އަކީ ޤާނޫނީ ދާއިރާގައި 23 އަހަރަށްވުރެ ގިނަ ދުވަހުގެ ތަޖުރިބާ ލިބިވަޑައިގެންފައިވާ ބޭފުޅެއް

ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު، ޕްރޮސިކިއުޓަރ ޖެނެރަލްގެ މަޤާމަށް ހ.ޔެލޯރޯޒް، ޖަސްޓިސް، ރިޓަޔަރޑް އަލްއުސްތާޛު ޢައްބާސް ޝަރީފު މިއަދު ޢައްޔަންކުރައްވައިފިއެވެ.

ރައީސުލްޖުމްހޫރިއްޔާ ޕީޖީގެ މަޤާމަށް ޢައްބާސް ޢައްޔަންކުރެއްވީ ރައްޔިތުންގެ މަޖިލީހުން ރުހުން ދެއްވުމާ ގުޅިގެންނެވެ. މަޖިލީހުގެ ދައުރުން ބޭރުން ބޭއްވި 3 ވަނަ ޖަލްސާގައި ބައިވެރިވެވަޑައިގެންނެވި 85 މެންބަރުންވެސް ވަނީ ޢައްބާސަށް ރުހުން ދިނުމަށް އިއްތިފާގުވެވަޑައިގެންފައެވެ.

ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި ބޭއްވި ރަސްމިއްޔާތުގައި މަޤާމުގެ ލިޔުން އަލްއުސްތާޛް ޢައްބާސް ޝަރީފާ ހަވާލުކުރެއްވީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުއެވެ. މި ރަސްމިއްޔާތުގައި ޢައްބާސް ވަނީ މަޤާމުގެ ހުވާވެސް ކުރައްވާފައެވެ. މަޤާމުގެ ހުވާ ލައިދެއްވީ ދިވެހިރާއްޖޭގެ އުއްތަމަ ފަނޑިޔާރު އަލްއުސްތާޛް އަޙްމަދު މުޢުތަޞިމް ޢަދުނާނެވެ.

ޕްރޮސެކިއުޓަރ ޖެނެރަލްގެ މަޤާމަށް ޢައްޔަންކުރެއްވި އަލްއުސްތާޛް ޢައްބާސް ޝަރީފަކީ ޤާނޫނީ ދާއިރާގައި 23 އަހަރަށްވުރެ ގިނަ ދުވަހުގެ ތަޖުރިބާ ލިބިވަޑައިގެންފައިވާ ބޭފުޅެކެވެ.

1995 ވަނަ އަހަރުން ފެށިގެން 1996 އާ ހަމައަށް ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި އެސިސްޓެންޓް ސެކްރެޓަރީ ޓްރެއިނީގެ މަޤާމުގައި ހުންނެވުމަށްފަހު މަތީ ތަޢުލީމު ހާސިލް ކުރެއްވުމަށް ބޭރަށް ވަޑައިގެންނެވިއެވެ. ޢައްބާސްވަނީ ޤާނޫނީ ދާއިރާއިން މެލޭޝިއާގައި ޑިޕްލޮމާ ހާސިލްކުރެެއްވުމަށްފަހު އޮސްޓްރޭލިއާގެ ޔުނިވަރސިޓީ އޮފް ޓެސްމޭނިއާއިން ބެޗެލަރސް ހާސިލްކުރައްވާފައެވެ.

މަތީ ތަޢުލީމު ހާސިލްކުރެއްވުމަށްފަހު 2000 ވަނަ އަހަރު ޢައްބާސް ޤާނޫނީ ކެރިއަރ ފެއްޓެވީ ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ އެސިސްޓެންޓް ލީގަލް އޮފިސަރުގެ ގޮތުގައެވެ. ރައީސް އޮފީހުގައި 8 އަހަރަށްވުރެ ގިނަ ދުވަހު ޚިދުމަތް ކުރެއްވިއިރު 2008ވަނަ އަހަރު އުފެދިގެން އައި ފެހި ޤާނޫނު އަސާސީ ތައްޔާރުކުރެއްވުމުގައި އޭރުގެ ބަންޑަރަނައިބާ ގުޅިގެން މުހިންމު މަސައްކަތްތަކެއް ޢައްބާސް ވަނީ ކުރައްވާފައެވެ.

2008 ވަނަ އަހަރު ރައީސުލްޖުމްހޫރިއްޔާގެ ލީގަލް ކޮންސުލްގެ މަގާމުން އިސްތިއުފާ ދެއްވުމުގެ ކުރިން ޢައްބާސް ވަނީ ޖުޑީޝަލް ސަރވިސް ކޮމިޝަނަށް ރައީސުލްޖުމްހޫރިއްޔާ އައްޔަން ކުރައްވާ މެންބަރުގެ މަގާމާއި ނައިބު ރައީސްގެ މަގާމު އަދާކުރައްވާފައެވެ. އަދި ޤައުމުގެ މުހިންމު ކަންކަން ތަހުގީގު ކުރުމަށް ރައީސުލްޖުމްހޫރިއްޔާ އުފެއްދެވި ކޮމިޝަންތަކުގައިވެސް ޢައްބާސްވަނީ ސީނިއަރ މަގާމުތައް އަދާކުރައްވާފައެވެ.

ރައީސް އޮފީހުގެ ވަޒީފާއިން ވަކިވެވަޑައިގެންނެވުމަށްފަހު 2011ވަނަ އަހަރު ހައި ކޯޓުގެ ބެންޗަށް އައްޔަންކުރެއްވުމާ ހަމައަށް ޢައްބާސް ވަނީ ޤާނޫނީ ދާއިރާގައި ރާއްޖޭގައި ފާހަގަކޮށްލެވޭ ލޯ ފާމްތަކާއެކު މަސައްކަތް ކުރައްވާފައެވެ. ހައި ކޯޓުގެ ފަނޑިޔާރަކަށް ހުންނެވިއިރު ކުރީގެ ބައެއް ރައީސުންނާ ގުޅުންހުރި މައްސަލަތަކާއި ރައްޔިތުންގެ މަޖިލީހުގެ މެންބަރުންގެ މައްސަލަތައްވެސް އެމަނިކުފާނު ވަނީ ބައްލަވާފައެވެ. ހައި ކޯޓުގެ ފަނޑިޔާރެއްގެ ގޮތުގައި ހުންނެވުމަށްފަހު 2015ވަނަ އަހަރު އެ މަގާމުން ރިޓަޔަރ ކުރެއްވީ އޭރުގެ ސިއްޙީ ހާލަތުގެ ސަަބަބުންނެވެ.

ހައި ކޯޓުގެ ފަނޑިޔާރުކަމުން ރިޓަޔަރ ކުރެއްވިނަމަވެސް ޢައްބާސް ގެންދެވީ ޤާނޫނީ ދާއިރާގައި އެކި ގޮތްގޮތުން ޚިދުމަތް ކުރައްވަމުންނެވެ.

ޤާނޫނީ ދާއިރާގައި އެތައް އަހަރުތަކެއްގެ ތަޖުރިބާ ލިބިވަޑައިގެންފައިވާ ޢައްބާސް އެނބުރި ރައީސުލްޖުމްހޫރިއްޔާގެ އޮފީހާ ގުޅިވަޑައިގެންނެވީ މިދިޔަ އަހަރުގެ ނޮވެމްބަރު މަހު ރައީސުލްޖުމްހޫރިއްޔާގެ ލީގަލް އެފެއަރސް ސެކްރެޓަރީގެ ގޮތުގައެވެ. އެމަނިކުފާނަކީ މޯލްޑިވްސް އިންޓަރނޭޝަނަލް ފައިނޭންޝަލް ސަރވިސަސް އޮތޯރިޓީ (މިފްސާ)ގެ ބޯޑު މެންބަރެއްވެސްމެއެވެ.

އަލްއުސްތާޛް ޢައްބާސް ޝަރީފަކީ ބާ ކައުންސިލްގެ ލައިސަންސާއި، ހައި ކޯޓާއި ސުޕްރީމް ކޯޓުފަދަ މަތީ ކޯޓުތަކުގައި ވަކާލާތުކުރުމުގެ ލައިސަންސްވެސް ލިބިވަޑައިގެންފައިވާ ބޭފުޅެކެވެ.