ޔުއެފާ ޗެމްޕިއަންސް ލީގުގައި ރޭ އޭސީ މިލާނާ ދެކޮޅަށް ކުޅުނު މެޗުން ފަހަތުން އަރައި 3-1 ގެ ނަތީޖާއަކުން ލިވަޕޫލުން ކާމިޔާބުކޮށްފިއެވެ.
މިލާނުގެ ގިއުސެއްޕެ މެއާޒާ ސްޓޭޑިއަމް ނުވަތަ މީގެ ކުރިން ސަންސީރޯ ސްޓޭޑިއަމުގެ ނަމުން މަޝްހޫރުވެފައިވާ މި ދަނޑުގައި ކުޅުނު މެޗުގެ ތިންވަނަ މިނިޓުގައި މިލާނުގެ އެމެރިކާ ފޯވާޑް ކްރިސްޓިއަން ޕުލިސިޗް ވަނީ ލަނޑެއް ޖަހައި، އެ ޓީމަށް ކުރި ހޯދަދީފައެވެ.
އެކަމަކު އިނގިރޭސި ޕްރިމިއާ ލީގުގައި މި ހަފްތާގައި ނޮޓިންހަމް ފޮރެސްޓް އަތުން ހައިރާން ކުރުވަނިވި ނަތީޖާއަކުން ބަލިވުމަށްފަހު ލިވަޕޫލްއިން ކުޅުނު ފުރަތަމަ މެޗުގައި ވަނީ މިލާނާ ދެކޮޅަށް މޮޅު ކުޅުމެއް ދައްކާފައެވެ. އެގޮތުން މިލާނުން ލީޑު ނެގުމާއެކު ލިވަޕޫލްއިން ވަނީ ކުޅުން ރަނގަޅުކޮށް މެޗުގެ ކޮންޓްރޯލް ހޯދާފައެވެ.
ނަތީޖާއެއްގެ ގޮތުން ލިވަޕޫލްއިން ވަނީ މެޗުގެ 23 ވަނަ މިނިޓުގައި ލަނޑެއް ޖަހައި، މެޗުގެ ނަތީޖާ އެއްވަރުކޮށްފައެވެ. އެލެކްޒެންޑާރ އާނޯލްޑް ނަގައިދިން ހިލޭ ޖެހުމަކުން މި ލަނޑު އެ ޓީމަށް ކާމިޔާބުކޮށްދީފައިވަނީ އިބްރާހިމާ ކޮނާޓޭއެވެ.
އަދި ފުރަތަމަ ހާފުގެ ކުޅުން ނިމެން ހަތަރު މިނިޓަށް ވެފައިވަނިކޮށް ލިވަޕޫލްއިން މި މެޗުގައި ލީޑު ނަގާފައިވަނީ ކޯނަރެއްގައި ޑިފެންޑަރ ވެން ޑައިކް ޖަހައިދިން ލަނޑުންނެވެ. މި ލަނޑު ޖެހުމުގެ ކުރިން ލިވަޕޫލްގެ މުހައްމަދު ސަލާ ފޮނުވާލި ދެ ހަމަލައެއް ވަނީ މިލާނުގެ ގޯލުގެ ދަނޑިއަށް އަމާޒުވެފައެވެ.
ލިވަޕޫލްއިން މި މި މެޗުގައި ޖެހި ތިންވަނަ ލަނޑު މެޗުގެ 67 ވަނަ މިނިޓުގައި ކޯޑީ ގެކްޕޯ ދިން ބޯޅައަކުން ކާމިޔާބުކޮށްދިނީ ޑޮމިނިކް ސޮބޯސްލާއިއެވެ.
ލިވަޕޫލްގެ ކޯޗު ސްލޮޓް ވަނީ މި ސީޒަނުގައި އެ ޓީމާއި އަލަށް ގުޅުނު އިޓަލީގެ ފެޑެރީކޯ ކިއޭސާއަށް މެޗުގެ ފަހު ވަގުތު ކުޅުމުގެ ފުރުސަތު ދީފައެވެ.