ޚަބަރު

މިސްކިތްތަކުގެ އާބާތުރަ ފިލުވުމުގެ މަސައްކަތް ދަނީ ކުރަމުން


ކޮންމެ އަހަރެއްގެވެސް ރަމަޟާންމަހާއި ދިމާކޮށް މިސްކިތްތަކުގެ އާބާތުރަފިލުވާ، މިސްކިތްތަކުގެ ޖާގަ އިތުރު ކުރެއްވުމަށް އިސްލާމިކް މިނިސްޓްރީން ގެންދަވަނީ ގިނަ މަސައްކަތްތަކެއް ކުރައްވަމުންނެވެ. 

އެގޮތުން އެކަމަށް ޚާއްސަ ބަޖެޓެއް އެކުލަވާލައްވާ، އިސްލާމިކް މިނިސްޓްރީގެ ބެއްލެވުމުގެ ދަށުގައި ހުރި މާލެއާއި އަތޮޅުތަކުގެ މިސްކިތްތަކާއި، ކައުންސިލްތަކުގެ ބެއްލެވުމުގެ ދަށުގައި ހުރި މިސްކިތްތައް މަރާމާތުކޮށް، އާބާތުރަފިލުވުމުގެ މަސައްކަތް މިހާރުވެސް ކުރަމުންދެއެވެ. އަދި އެހެން މަސްމަހާއި ޚިލާފަށް ރަމަޟާންމަހު މިސްކިތްތަކަށް އަރާ މީހުންގެ ނިސްބަތް އިތުރުވާތީ، މިސްކިތްތަކުގެ ޖާގައިތުރު ކުރެއްވުމަށްވެސް އެ މިނިސްޓްރީން ދަނީ މަސައްކަތް ކުރައްވަމުންނެވެ. 

މިއަހަރު ކުރެވުނު މިފަދަ އެންމެ ބޮޑު މަސައްކަތަކީ، މިވަގުތު ރާއްޖޭގައި ހުރި އެންމެ ބޮޑު މިސްކިތް ކަމަށްވާ، މަސްޖިދުލް ސުލްތާން މުހައްމަދު ތަކުރުފާނުލް އަޢުޒަމް ނުވަތަ އިސްލާމީ މަރުކަޒުގެ ގޯތި ތެރެއާއެކު، އެތަނާ ގުޅިފައިވާ ބައެއް މަގުތައް ހިމެނޭހެން 4200 އަކަ މީޓަރުގެ ސަރަޙައްދެއްގައި މާރބްލް ޖަހާއި، ޖާގައިތުރު ކުރެއްވުމަށް ކުރެވުނު މަސައްކަތެވެ. މިއީ ޗައިނާ ސަރުކާރުގެ ހިލޭ އެހީގެ ގޮތުގައި ލިބުނު 1.2 މިލިއަން ޑޮލަރާއެކު، ދައުލަތުގެ ބަޖެޓުން 5 މިލިއަން ރުފިޔާ ޚަރަދު ކުރައްވައިގެން ކުރިއަށްގެންދެވި މަޝްރޫއެކެވެ. މިބަދަލާއެކު އިސްލާމީ މަރުކަޒުގައި އެއްފަހަރާ 20000 މީހުންނަށް ނަމާދު ކުރެވޭނެ ޖާގަ މިހާރު ވަނީ ހަމަޖެހިފައެވެ.

img:http://s1.psmnews.mv/images/660x400/14627941238814.jpg|އިސްލާމީ މަރުކަޒުގެ ބޭރުގައި މާބްލް ޖެހުމުގެ މަސައްކަތް ކުރިއަށްދަނީ / ފޮޓޯ: ޕީއެސްއެމް ނިއުސް

މިސްކިތްތަކުގެ އާބާތުރަ ފިލުވާ، ޖާގައިތުރު ކުރެއްވުމަށް ކުރައްވަމުންދާ މަސައްކަތްތަކާއި ގުޅޭގޮތުން މަޢުލޫމާތުދެއްވަމުން އިސްލާމިކް މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރ މުހައްމަދު މުސްތަފާ ވިދާޅުވީ، މާލޭގެ މިސްކިތްތައް މަރާމާތުކުރުމުގެ މަސައްކަތް ކުރައްވަމުންދަނީ ކޮންޓްރެކްޓް އުސޫލުން އެކި ފަރާތްތަކާއި ހަވާލުކުރައްވައިގެން ކަމަށްވީނަމަވެސް، މިސްކިތްތަކުގެ ހާލަތު ވަރަށް ގާތުން އެ މިނިސްޓްރީން ބައްލަވަމުންދާކަމަށެވެ. އަދި ކުރީ އަހަރުތަކެކޭ އެއްގޮތަށް މިއަހަރުގެ ރަމަޟާން މަހާއި ދިމާކޮށް، މިސްކިތްތަކުގެ ޖާގައިތުރު ކުރެއްވުމަށް މަސައްކަތް ކުރައްވަމުންދާކަމަށްވެސް މުސްތަފާ ވިދާޅުވިއެވެ. އެގޮތުން މިސްކިތުގެ ގޯތިތެރެއާއި މަގުމަތި ހިމެނޭހެން ޖަމާޢަތް ހަދައިގެން ނަމާދުކުރާ ސަރަހައްދުތަކުގެ ޓްރެފިކް ބެލެހެއްޓުމުގެ ކަންކަން ޓްރެފިކް ފުލުހުންނާއި ގުޅިގެން ކުރައްވަމުންދާކަމަށް އޭނާ ވިދާޅުވިއެވެ.

މުހައްމަދު މުސްތަފާ ވިދާޅުވީ، މާލޭގެ އިތުރުން އަތޮޅުތަކުގައި އިސްލާމިކް މިނިސްޓްރީގެ ބެއްލެވުމުގެ ދަށުގައި ހުރި މިސްކިތްތަކާއި، ކައުންސިލްތަކުގެ ބެއްލެވުމުގެ ދަށުގައި ހުރި މިސްކިތްތައް މަރާމާތުކުރެއްވުމުގެ މަސައްކަތް މިހާރުވެސް ކުރައްވަމުންދާކަމަށެވެ. އެގޮތުން އަތޮޅުތަކުގެ މިސްކިތްތަކުގެ އާބާތުރަ ފިލުވާ މަރާމާތުކުރުމުގެ މަސައްކަތް ބައެއް ކައުންސިލްތަކުން އަމިއްލައަށް އިސްނަގައިގެން ކުރަމުންދާއިރު، އަމިއްލަ ފަރާތްތަކާއި ހަވާލުކުރައްވައިގެން ކުރިއަށްގެންދަވާ މިފަދަ މަސައްކަތްތަކަށް ބޭނުންވާ ފައިސާ އެކަމަށް ހަމަޖެހިފައި އޮންނަ އުސޫލުން އިސްލާމިކް މިނިސްޓްރީގެ ފަރާތުން ހަމަޖައްސަވައިދެއްވާކަމަށްވެސް މުސްތަފާ ވިދާޅުވިއެވެ.

img:http://s2.psmnews.mv/images/660x400/2339.jpg|ރަށެއްގައި ހުރި މިސްކިތެއް މަރާމާތު ކުރުމުގެ މަސައްކަތް ކުރިއަށްދަނީ (ފައިލް ފޮޓޯ: ޕީ.އެސް.އެމް ނިއުސް)

މިސްކިތްތަކުގެ އާބާތުރަފިލުވާ، ޖާގައިތުރު ކުރެއްވުމަށް ކުރައްވާ މަސައްކަތުގައި ބައެއް އަމިއްލަ ވިޔަފާރިވެރިންނާއި، ޖަމިއްޔާ ޖަމާއާތްތަކުގެ އިތުރުން ހެޔޮއެދޭ ބައެއް އަމިއްލަ ފަރާތްތަކުގެވެސް ވަރަށް ބޮޑު އެހީތެރިކަމަކާއި، އެއްބާރުލުމެއް ލިބެމުންދާކަން އިސްލާމިކް މިނިސްޓްރީން ފާހަގަކުރައްވައެވެ.