ޚަބަރު

ޗައިނާގެ ވެރިކަން ކުރާ ޕާޓީގެ ދަޢުވަތަކަށް ޕީއެންސީގެ ޓީމެއް ޗައިނާއަށް


  • ޗައިނާގެ ތަރައްޤީގެ ތަޖުރިބާ ޙިއްސާކުރާނެ

  • އެ ޤައުމުގެ 5 ސިޓީއަކަށް ޓީމުން ދަތުރުކުރާނެ

  • މިއީ 9 ދުވަހުގެ ދަތުރެއް

ޗައިނާގެ ވެރިކަންކުރާ ކޮމިއުނިސްޓް ޕާޓީ އޮފް ޗައިނާ (ސީޕީސީ)ގެ ދަޢުވަތަކަށް، ވެރިކަންކުރާ ޕީޕަލްސް ނޭޝަނަލް ކޮންގުރެސް ޕާޓީގެ މެންބަރުންގެ ޓީމެއް ޗައިނާއަށް ފުރައިފިއެވެ.

މިއީ ސީޕީސީގެ އިންޓަނޭޝަނަލް ޑިޕާޓުމެންޓުގެ ދަޢުވަތަކަށް ކުރާ ދަތުރެކެވެ. ޗައިނާއަށް ފުރާފައިވާ ކޮންގްރެސް ޕާޓީގެ މަތީ ފަންތީގެ ޓީމުގައި އެންމެ އިސްކޮށް ހުންނަވަނީ ދަތުރުފަތުރާ މަދަނީ އުދުހުންތަކާ ބެހޭ ވަޒީރު މުޙައްމަދު އަމީނެވެ.

މި ދަތުރުގައި ކޮމިއުނިސްޓް ޕާޓީ އޮފް ޗައިނާގެ އިންޓަނޭޝަނަލް ޑިޕާޓުމެންޓުގެ މިނިސްޓަރ ލިއު ޖިންޗާއޯއާ ބައްދަލުކުރައްވާނެއެވެ.

ދަތުރުގައި ބައިވެރިވާ ޓީމުން ޗައިނާގެ 5 ސިޓީއަކަށް ދަތުރުކުރާނެއެވެ. ސިޓީތަކަށް ކުރައްވާ ޒިޔާރަތުގައި އެ ސިޓީތަކުގެ ސީޕީސީގެ އިސްވެރިންނާ ބައްދަލުކޮށް ދެ ޕާޓީގެ މެދުގައި ތަޖުރިބާ ހިއްސާކުރާނެއެވެ. އަދި އެ ސިޓީތަކުގެ ތަރައްޤީއަށް ކޮށްފައިވާ މަސައްކަތްތައް ބަލާ، ޗައިނާގެ ފަރާތުން އެ މަސައްކަތްތަކުގެ ތަޖުރިބާ ޙިއްސާކުރުން ކުރިއަށްދާނެއެވެ.

މި ދަތުރުގެ މަޤުޞަދަކީ އިޤުތިޞާދީ ކުރިއެރުންތައް ޗައިނާއިން ހާސިލުކުރި ގޮތުގެ ތަޖުރިބާއިން ދަސްކުރެވެން ހުރި ކަންކަން ދަސްކޮށް، ދެ ޕާޓީގެ މެދުގައި އޮތް ގުޅުން ބަދަހިކޮށް ތަޖުރިބާ ހޯދުންކަމަށް ޕީއެންސީއިން ބުނެއެވެ.

މި ދަތުރު ނިންމާލުމަށް ހަމަޖެހިފައިވަނީ މިމަހުގެ 26 ގައެވެ.