ޚަބަރު

ޕީޖީއަކަށް ޢައްބާސް އައްޔަން ކުރަން ޕާޓީތަކުން ތާއީދު


  • 3 ޕާޓީންވެސް ވަނީ ތާއީދުކޮށްފައި

ޕްރޮސެކިއުޓަރ ޖެނެރަލްގެ މަގާމަށް އައްޔަން ކުރެއްވުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު މަޖިލީހަށް ފޮނުއްވާފައިވާ އަލްއުސްތާޛް ޢައްބާސް ޝަރީފު އައްޔަނުކުރުމަށް މަޖިލީހުގައި މިއަދު ވާހަކަދެއްކި ހުރިހާ ޕާޓީއަކުންވެސް ތާޢީދު ކޮށްފިއެވެ.

ޕީޖީ ކަމަށް އައްޔަން ކުރުމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު މަޖިލީހަށް ފޮނުއްވީ މި މަހުގެ 11 ވަނަ ދުވަހުއެވެ. ޕީޖީ އައްޔަން ކުރެއްވުމަށް މަޖިލީހުގެ ދައުރުން ބޭރުން ބޭއްވި ތިންވަނަ ޖަލްސާގައި ޖުޑީޝަރީ ކޮމިޓީގެ ރިޕޯޓް ވަނީ ހުށަހަޅާފައެވެ.

ޖުޑީޝަރީ ކޮމިޓީން ޢައްބާސްއާ އިންޓަވިއުކުރުމަށްފަހު ވަނީ ކޮމިޓީގެ ހުރިހާ މެންބަރުންގެ އިއްތިފާގުން އެމަނިކުފާނަށް ރުހުން ދިނުމަށް ފާސްކޮށްފައެވެ. ކޮމިޓީ ރިޕޯޓް ހުށަހެޅުމަށްފަހު މިއަދުގެ ޖަލްސާގައި ވަނީ ކޮންމެ ޕާޓީއަކަށްވެސް އެ ރިޕޯޓާ ގުޅޭގޮތުން ބަހުސް ކުރުމުގެ ފުރުސަތު ދެއްވާފައެވެ.

މި ޖަލްސާގައި ވާހަކަދެއްކެވި ހުރިހާ މެންބަރުންވެސް ވަނީ ޢައްބާސް ޕީޖީގެ މަގާމު އަދާކުރައްވާނީ ހަމަހަމަކަމާއި އިންސާފުވެރިކަމާއެކުކަން ޔަގީންކުރައްވާކަމަށް ވިދާޅުވެފައެވެ.

އެގޮތުން ޕީއެންސީގެ ފަރާތުން ހުރާ ދާއިރާގެ މެންބަރު ޑރ. އަނާރާ ނަޢީމް ވިދާޅުވީ ޕީޖީގެ މަގާމުގައި ހުންނަވައިގެން ޢައްބާސް، ރައްޔިތުންނަށް ހަމަހަމަކަމާއެކު އިންސާފު ހޯދައިދިނުމަށް މަސައްކަތް ކުރައްވާނެ ކަމުގެ ޔަގީންކަން އެބައޮތް ކަމަށެވެ.

"އަލަށް އައްޔަނު ކުރެވޭ ޕީޖީގެ ފަރާތުންވެސް ރައްޔިތުންނަށް ހަމަހަމަކަމާއި އިންސާފު ހޯދައިދިނުމުގެ މަސައްކަތް ކުރައްވާނެކަމުގެ ޔަގީންކުރަން" ޑރ. އަނާރާ ނައީމް ވިދާޅުވިއެވެ.

އެމްޑީޕީގެ ފަރާތުން ހަނިމާދޫ ދާއިރާގެމެންބަރު އަބްދުލް ޣަފޫރު މޫސާ ވިދާޅުވީ އެ ޕާޓީގެވެސް އިތުބާރު ޢައްބާސަށް އެބައޮތް ކަމަށެވެ. އަދި އެހެނިހެން ޕީޖީންނާ އެއްގޮތަށް މިނިވަންކަމާއެކު އެ މަގާމުގެ މަސްއޫލިއްޔަތު އަދާކުރައްވާނެ ކަމަށްވެސް މެންބަރު ވިދާޅުވިއެވެ.

"އަޅުގަނޑުމެން މިއަދު މި ވޯޓު ނަގާ ޕްރޮސެކިއުޓާ ޖެނެރަލްއާ ދޭތެރޭވެސް އަޅުގަނޑުމެން އިތުބާރު އެބަ އޮތް، އަޅުގަނޑު އުންމީދުކުރަން ވަކި ފަރާތަކަށް ނުޖެހި ހަމަ އެހެން ޕީޖީންނެކޭ އެއްގޮތަށް އެބޭފުޅާގެ ގާނޫނީ ޒިންމާ ފުރިހަމައަށް އަދާކުރާނެކަމަށް، އެކަމާއި ދޭތެރޭ ޝައްކެއް ނުކުރަން" މެންބަރު އަބްދުލް ޣަފޫރު މޫސާ ވިދާޅުވިއެވެ.

މި ޖަލްސާގައި އެމްޑީއޭގެ ފަރާތުން ވެލިދޫ ދާއިރާގެ މެންބަރު މުޙައްމަދު ޢައްބާސް ވިދާޅުވީ އަލަށް އައްޔަނުކުރާ ޕްރޮސެކިއުޓާ ޖެނެރަލްގެ ސަބަބުން ދިވެހިރާއްޖޭގެ ރައްޔިތުންނަށް އުފާވެރިކަން އަންނާނެކަމުގެ ޔަގީންކަން އެބައޮތް ކަމަށެވެ. އަދި ޢައްބާސް އެ މަގާމާ ހަވާލުވެވަޑައިގެންނެވުމުން ރާއްޖޭގެ ޖިނާޢީ އަދުލުގެ ނިޒާމަށް ހެޔޮ ބަދަލުތަކެއް އަންނާނެކަމަށްވެސް ވިދާޅުވިއެވެ.

"ރާއްޖޭގެ ޖިނާއީ އަދުލުގެ ނިޒާމަށް ހެޔޮ ބަދަލުތަކެއް އަންނާނެ. އަދި ޕީޖީ އޮފީހުގައި ގަނޑުވެފައި އައިސް ނައްޓުވަން ވެފައި ހުރި ހުރިހާ މައްސަލަތަކެއް ބަލާ އެކަންކަން ކުރިއަށް ދާނެކަމަށް އަޅުގަނޑު ޔަގީންކުރަން. އަދި ދިވެހި ދައުލަތަށް ދިވެހިރައްޔިތުންގެ ފައިސާއަށް ޚިޔާނާތްތެރިވެފައިވާ އެންމެހާ ޚިޔާނާތްތެރިންގެ މައްސަލަ ވީއެންމެ އަވަހަކަށް ޝަރީއަތަށް ފޮނުވައިގެން ބެލި އެމީހުންނަށް ހައްގު އަދަބު ލިބިގެންދާނެކަމަށް ޔަގީންކުރަނީ" ވެލިދޫ ދާއިރާގެ މެންބަރު މުހައްމަދު ޢައްބާސް ވިދާޅުވިއެވެ.

ޕީޖީގެ މަގާމަށް ޢައްބާސް އައްޔަން ކުރެއްވުމަށް މިއަދުގެ ޖަލްސާގައި ވޯޓަށް އަހާނެއެވެ.