ޚަބަރު

މިނިވަން ވިޔަފާރީގެ އެއްބަސްވުމާއެކު ޗައިނާ-ރާއްޖެ ވިޔަފާރި 1 ބިލިޔަން ޑޮލަރަށް އަރާނެ


  • އެފްޓީއޭއަށް މިމަހު ޢަމަލުކުރުމަށް ސަރުކާރުން ދަނީ މަސައްކަތް ކުރަމުން

ޗައިނާއާއި ރާއްޖެއާ ދެމެދު ޢަމަލުކުރަން ފަށާ، މިނިވަން ވިޔަފާރީގެ އެއްބަސްވުމުގެ ސަަބަބުން ދެ ޤައުމު ދެމެދު ކުރެވޭ ވިޔަފާރީގެ އަގު 1 ބިލިޔަން ޑޮލަރަށް އަރާނެކަމަށް ސަރުކާރުން ވިދާޅުވެއްޖެއެވެ.

ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ޗީފް ސްޕޯކްސްޕާސަން ހީނާ ވަލީދު ވިދާޅުވީ ރާއްޖެއާއި ޗައިނާއާ ދެމެދު އިޤްތިޞާދީ އެއްބާރުލުން އިތުރުކުރުމަށް ގިނަ މަސައްކަތްތަކެއް ކުރެވެމުންދާކަމަށެވެ. އެގޮތުން މިދިޔަ ހަފްތާގައި، ޗައިނާއާއެކު ކަރަންސީ ސެޓްލްމަންޓް އެއްބަސްވުމެއްގައި ސޮއިކުރެވިފައިވާކަން ހީނާ ފާހަގަކުރެއްވިއެވެ.

ހީނާ ވިދާޅުވީ، މި އެއްބަސްވުމުގެ ދަށުން ރާއްޖެއަށް ގިނަ ފައިދާތަކެއް ކުރާނެކަމަށެވެ. އެގޮތުން އެ ޤައުމަށް ދަތުރުކުރާ ދިވެހިން އެކި ޚިދުމަތްތައް ހޯދުމުގައާއި ވިޔަފާރިކުރުމުގައިވެސް ފައިދާތަކެއްކުރާނެ ކަމަށް ހީނާ ވިދާޅުވިއެވެ.

"މިހާރުވެސް ދިވެހި ރާއްޖެއާއި ޗައިނާއާ ދެމެދު 700 މިލިއަން ރުފިޔާގެ ވިޔަފާރި އެބަކުރެވޭ. އެހެން ނަމަވެސް ދިވެހިރާއްޖެއާއި ޗައިނާއާ ދެމެދު ކުރެވޭ އެފްޓީއޭއަށް ޢަމަލު ކުރަން ފެށުމާއެކު މި އަދަދު 1 ބިލިޔަން ޑޮލަރަށް އަރާނެ " ހީނާ ވިދާޅުވިއެވެ.

ޗައިނާއާއެކު ސޮއިކޮށްފައިވާ މިނިވަން ވިޔަފާރީގެ އެއްބަސްވުމަށް ޢަމަލުކުރަން މިމަހު ފަށާނެ ކަމަށް ސަރުކާރުން ވަނީ ވިދާޅުވެފައެވެ. މީގެއިތުރުން ދިވެހި ސަރުކާރާއި ޗައިނާގެ ޕީޕަލްސް ބޭންކް، ޕީބީއޯސީއާ ދެމެދު، ކަރަންޓް އެކައުންޓް މުޢާމަލާތްތައް ދެ ޤައުމުގެ ފައިސާއިން ހިންގުމަށް މަގުފަހިކޮށްދިނުމަށް ފަހުމުނާމާއެއްގައި މިދިޔަ ހަފްތާގައި ވަނީ ސޮއިކޮށްފައެވެ. ސަރުކާރުން ވަނީ މި އެއްބަސްވުމުގެ ދަށުން ދިވެހި ފައިސާގެ އަގު އުފުލި ޒަމާންތަކެއް ވަންދެން އެމެރިކާ ޑޮލަރަށް ބަރޯސާވެފައި އޮތް އޮތުން ބަދަލުވެގެންދާނެ ކަމަށް ވިދާޅުވެފައެވެ. އަދި ރައީސުލްޖުމްހޫރިއްޔާގެ ވިސްނުންފުޅަކީ އެހެން ބޮޑެތި ޤައުމުތަކާއެކުވެސް މިފަދަ ވިޔަފާރީގެ އެއްބަސްވުންތައް ގާއިމްކުރެއްވުންކަމަށް ސަރުކާރުން ވިދާޅުވެއެވެ.