ޚަބަރު

ބޭރަށް ހިންގުން ޖެހިގެން އެންމެ ގިނައިން ރިޕޯޓުކޮށްފައިވަނީ އޮގަސްޓު މަހު


  • އެޗްޕީއޭއިން މިކަން ހާމަކޮށްފައިވަނީ ގައިންގަޔަށް އަރާ ބަލިތަކުގެ ޙާލަތުގެ ރިޕޯޓުގައި

  • އޮގަސްޓުމަހު ބޭރަށް ހިންގުމާއި ހޮޑުލުމުގެ ބައްޔަށް 5،460 މީހުން ފަރުވާ

އަހަރުގެ މިހާތަނަށް ބޭރަށް ހިންގުމާއި ހޮޑުލުމުގެ ކޭސްތައް އެންމެ ގިނައިން ރިޕޯޓުކޮށްފައިވަނީ މިދިޔަ މަހު ކަމަށް ހެލްތު ޕްރޮޓެކްޝަން އެޖެންސީ، އެޗްޕީއޭއިން ހާމަކޮށްފިއެވެ.

އެޗްޕީއޭއިން މިކަން ހާމަކޮށްފައިވަނީ ގައިންގަޔަށް އަރާ ބަލިތަކުގެ ޙާލަތުގެ ރިޕޯޓުގައެވެ. އެޗްޕީއޭގެ ރިޕޯޓުގައިވަނީ ޑެންގީހުމާއި، އަރިދަފުސް ރޯގާ އަދި ބޭރަށް ހިންގުން ޖެހިގެން ރިޕޯޓުކޮށްފައިވާ އަދަދުތަކުގެ ތަފާސްހިސާބުތައް ހިމަނާފައެވެ.

އެ ރިޕޯޓުގައިވާގޮތުން މިއަހަރުގެ އޮގަސްޓުމަހު ބޭރަށް ހިންގުމާއި ހޮޑުލުމުގެ ބައްޔަށް 5،460 މީހުން ފަރުވާ ހޯދާފައިވާއިރު، މިއަހަރުގެ ޖުލައިމަހު މިބައްޔަށް ފަރުވާ ހޯދާފައިވަނީ 5،106 މީހުންނެވެ.

ބޭރަށް ހިންގުން ޖެހިގެން ފަރުވާ ހޯދާ މީހުން އިތުރުވެފައިވާތީ މިފަދަ ބަލިތަކުން ރައްކާތެރިވުމަށް އެޗްޕީއޭއިން ވަނީ އިލްތިމާސްކޮށްފައެވެ.

ބޭރަށް ހިންގުމާއި ހޮޑުލުމުން ރައްކާތެރިވުމަށް އެޅުން މުހިއްމު ފިޔަވަޅުތައް:

* ކެއުމުގެ ކުރިން އަދި ކާބޯތަކެތި ތައްޔާރުކުރުމުގެ ކުރިން ސައިބޯނިލައިގެން ރަނގަޅަށް އަތްދޮވުން

* ފާޚާނާ ކުރުމަށްފަހު އަދި ނެޕީ ބަދަލުކުރުމަށްފަހު ސައިބޯނިލައިގެން ރަނގަޅަށް އަތްދޮވުން
* ކާބޯތަކެތި ރަނގަޅަށް ކައްކައިގެން ބޭނުންކުރުމާއި ރޯ ތަރުކާރިއާއި މޭވާ ރަނގަޅަށް ދޮވެގެން ބޭނުން ކުރުން

* ގޭގައި ކާބޯތަކެތި ރައްކާކުރާއިރު ރައްކާކުރާ ތަނަކީ ސާފު ތާހިރު ތަނެއްތޯ ބެލުން

* ކާބޯތަކެތި ތައްޔާރު ކުރާ ތަންތަނާއި ތަކެތި ރަނގަޅަށް ދޮވެ ސާފުކުރުން

* ފުޅީގައި ބަންދުކޮށްފައިވާ ފެން ނުވަތަ ކޮލޮރިނޭޓްކޮށްފައިވާ ފެން ނުވަތަ ވޯޓާރ ސަޕްލައި ފެން ކައްކައިގެން ބޭނުން ކުރުން

އެޗްޕީއޭގެ ރިޕޯޓުގައިވާގޮތުން މިއަހަރުގެ ޖުލައި މަހާ އަޅާ ބަލާއިރު އޮގަސްޓު މަހު ޑެންގީހުން ޖެހިގެން ރިޕޯޓް ކުރެވުނު ޢަދަދުވަނީ ދަށަށް ގޮސްފައެވެ. މިދިޔަ ޖުލައިމަހު 577 މީހުންނަށް ޑެންގީ ހުން ޖެހިފައިވާއިރު އޮގަސްޓުމަހު މި އަދަދުވަނީ 393 އަށް ދަށްވެފައެވެ.

ޑެންގީ ހުންޖެހުނު މީހުންގެ އަދަދު މަދުވެފައިވީ ނަމަވެސް މަދިރީގެ ޒަރީއާއިން ފެތުރޭ ބަލިތައް މަދުކުރުމަށާއ،ި ބަލިތަކުން ރައްކާތެރިވުމަށް ސަމާލުކަން ދިނުމަށް އެޗްޕީއޭއިންވަނީ އިލްތިމާސްކުރައްވާފައެވެ.

އެޗްޕީއޭއިން ނެރުނު ބަލިތަކުގެ ޙާލަތު ރިޕޯޓުން ދައްކާ ގޮތުގައި މިއަހަރުގެ ޖުލައި މަހާ އަޅާބަލާއިރު އޮގަސްޓު މަހު އަރިދަފުސް ރޯގާ ޖެހިގެން ރިޕޯޓް ކުރެވުނު ޢަދަދު ވަނީ އިތުރުވެފައެވެ.

އެގޮތުން ޖުލައި މަހު 30،486 މީހުންނަށް އަރިދަފުސް ރޯގާ ޖެހިފައިވާއިރު އޮގަސްޓު މަހު އަރިދަފުސް ރޯގާ ޖެހިފައިވަނީ 32،258 މީހަކަށެވެ.

ޖުލައި މަހާ އަޅާބަލާއިރު އޮގަސްޓު މަހު އިންފްލުއެންޒާގެ ޢަލާމާތްތައް ހުރެގެން ޓެސްޓް ކުރެވުނު ޢަދަދުވެސް ވަނީ ދަށްވެފައެވެ. މިއަހަރު މިހާތަނަށް އިންފުލުއެންޒާއަށް ޓެސްޓް ކުރެވުނު 2،023 ސާމްޕަލްގެ ތެރެއިން 409 ސާމްޕަލްއެއް ޕޮޒިޓިވްވެފައިވެއެވެ.