ޚަބަރު

އަގުއެއްކޮށްގެން ބާޒާރަށް ދަނޑުވެރިކަމުގެ އުފެއްދުންތައް ނެރުމަށް ޚާއްސަ ގްރާންޓެއް ދޫކުރަނީ


  • މިގްރާންޓް ސްކީމަށް މިއަހަރު ހުޅުވާލާނެ

  • މިސްކީމްގެ ދަށުން އުތުރުގެ 3 އަތޮޅުގެ ދަނޑުވެރިކަންކުރާ ފަރާތްތަކަށް ވެލިއުއެޑެޑް ބާވަތްތައް ނެރުމުގެ ފުރުސަތު

  • މިއީ މޯލްޑިވްސް އެގްރި ބިޒްނަސްގެ ދަށުން ދޫކުރާ ގްރާންޓެއް

އަގުއެއްކޮށްގެން ބާޒާރަށް އުފެއްދުންތައް ނެރުމަށްޓަކައި ޚާއްސަ ގްރާންޓް ސްކީމެއް ދޫކުރުމުގެ މަސައްކަތް ދަނޑުވެރިކަމާއި ދިރޭތަކެއްޗާ ބެހޭ ވުޒާރާއިން ފަށައިފިއެވެ.

މިގްރާންޓް ދޫކުރުމަށް ހަމަޖެހިފައިވަނީ މޯލްޑިވްސް އެގްރި ބިޒްނަސް ޕްރޮގްރާމްގެ ދަށުންކަމަށް އެވުޒާރާއިން ވިދާޅުވެއެވެ.

މޯލްޑިވްސް އެގްރި ބިޒްނަސްއަކީ ބޭރުގެ އެހީތެރިކަމާއެކު އުތުރުގެ 3 އަތޮޅަކަށް އަމާޒުކޮށް ކުރިއަށްގެންދާ ދަނޑުވެރިކަމުގެ ޕްރޮގްރާމެކެވެ. ދެ ފިޔަވައްސަކަށް ބަހާލައިގެން ކުރިއަށްގެންދާ މިމަޝްރޫޢުގެ ފުރަތަމަ ފިޔަވައްސަކީ ގްރީން ހައުސްގައި އެކި ބާވަތްތައް އުފެއްދުމަށް ހުޅުވާލި ފުރުސަތެކެވެ.

ދަނޑުވެރިކަމާ ދިރޭތަކެއްޗާ ބެހޭ ވުޒާރާއިން ވިދާޅުވީ، މި މަޝްރޫޢުގެ ފުރަތަމަ މަރުޙަލާގައި 12 ރަށެއްގައި ގްރީން ހައުސް ތަރައްޤީކޮށް އެކި ބާވަތްތައް ހައްދަމުންދާކަމަށެވެ. މިހާރު އެވުޒާރާއިންދަނީ މަޝްރޫޢުގެ ދެވަނަ ފިޔަވަހީގައި ދޫކުރުމަށް ހަމަޖެހިފައިވާ މާލީ އެހީތެރިކަން ދޫކުރުމަށް ތައްޔާރުވަމުންނެވެ.

ދަނޑުވެރިކަމާ ދިރޭތަކެއްޗާ ބެހޭ ވަޒީރު ޑރ. ޢައިޝަތު ރަމީލާ ވިދާޅުވީ، ދެވަނަ މަރުޙަލާގެ ދަށުން ދޫކުރާ ގްރާންޓްތައް މައިގަނޑުގޮތެއްގައި އަމާޒުކުރާނީ ދަނޑުވެރިން އުފައްދާ ބާވަތްތައް ރައްކާކުރުމަށް ބޭނުންވާ ވަޞީލަތްތައް ޤާއިމުކުރުމަށާއި އަގުއެއްކޮށްގެން ބާޒާރަށް އެކި އުފެއްދުންތައް ނެރުމަށް ބޭނުންވާ ފަރާތްތައްކަމަށެވެ.

"ދެވަނަ ފޭސްގައި އަޅުގަނޑުމެން ހުޅުވާލާނީ ޕްރޮޑަކްޝަންގެ މަސައްކަތް ނިމެންވާއިރަށް، ދެވަނަ ފޭސްގައި އަޅުގަނޑުމެން ހުޅުވާލަނީ، ބޮޑަށް ސްޓޯރޭޖް ފެސިލިޓީއަށާއި ޓްރާންސްޕޯޓް ފެސިލިޓީއަށާއި، އަދި ވެލިއު އެޑެޑް ޕްރޮޑަކްޝަނަށް. މިސާލަކަށް ޕެކިންއާއި ބޮޓްލިންއާ." ވަޒީރު ވިދާޅުވިއެވެ.

ދަނޑުވެރިކަމާ ދިރޭތަކެއްޗާ ބެހޭ ވަޒީރު ޑރ. ޢައިޝަތު ރަމީލާ ވިދާޅުވީ، މި މަޝްރޫޢުގެ ދަށުން ގްރީން ހައުސްތަކުގައި 3 ފަހަރެއްގެ މަތިން އެކި ބާވަތްތައް ކާމިޔާބުކަމާއެކު އުފައްދާފައިވާކަމަށެވެ. މި މަޝްރޫޢުގެ ދަށުން ގްރީންހައުސްތަކުގައި ދަނޑުވެރިކަން ކުރުމަށް ބޭނުންކުރަނީ ކޮކޯޕީޓްއެވެ.

މި މަސައްކަތް ކުރުމަށް ކޮކޯޕީޓް ތައްޔާރުކުރާނެގޮތާއި، އަދި ގްރީންހައުސް ބަލަހައްޓާނެ ގޮތް ދަސްކޮށްދިނުމަށް ގިނަ ދުވަސްތަކެއްގެ ތަމްރީންތަކެއް ބައިވެރިންނަށް ކުރިއަށްގެންގޮސްފައިވާކަމަށް ދަނޑުވެރިކަމާ ދިރޭތަކެއްޗާ ބެހޭ ވުޒާރާއިން ވިދާޅުވެއެވެ.

މި މަޝްރޫޢުގެ ދަށުން އުފައްދާ ބާވަތްތަކަކީ ކެމިކަލް ބޭނުންނުކޮށްގެން ތައްޔާރުކޮށްފައިވާ ބާވަތްތަކެކެވެ. ފުރަތަމަ ބުރުގައި ހއ. އަތޮޅާއި ހދ. އަތޮޅު އަދި ށ. އަތޮޅުން 12 ރަށެއްގައި ގްރީން ހައުސްވަނީ ތަރައްޤީކޮށްފައެވެ. އަދި އިތުރު ގްރީން ހައުސްތަކެއް މި 3 އަތޮޅުގެ އިތުރު 5 ރަށެއްގައި ތަރައްޤީކުރުމަށްވަނީ ހަމަމަޖެހިފައެވެ. މިރަށްރަށުގައި އުފެއްދުމަށް ހަމަޖެހިފައިވަނީ މެލަންއާއި ކިއުކަމްބާކަމަށް ދަނޑުވެރިކަމާ ބެހޭ ވުޒާރާއިން ވިދާޅުވެއެވެ.