ޚަބަރު

ޚިޔާނާތުގެ ދައުވާގައި އަދީބާއި ދެކޮޅަށް 2 މީހަކު ހެކިބަސް ދީފި


ކުރީގެ ނާއިބު ރައީސް އަޙުމަދު އަދީބާއި ގާތްގުޅުމެއް އޮންނަ ހާމިދު އިސްމާއިލްގެ މިލޭނިއަމް ކުންފުންފުނީގެ އެކައުންޓަށް 5 މިލިޔަން ޑޮލަރު ޖަމާކުރުމަށްފަހު އޭގެއިން 4 މިލިޔަން ޑޮލަރު އަޙުމަދު އަދީބް ނަންގަވާފައިވާކަމަށް ބުނެ 2 މީހަކު ހެކިބަސްދީފިއެވެ.

އެމީހުން މިހެން  ބުނެފައިވަނީ ޅ.މާބިންހުރާ ކުއްޔަށްދިނުމަށްފަހު އެމްއެމްޕީއާރސީއަށް ލިބުނު 5 މިލިޔަންޑޮލަރަށް ހިޔާނަތްތެރިވެފައިވާކަމަށް ބުނެ ދައުލަތުން އަޙުމަދު އަދީބާއި އެމްއެމްޕީއާރުސީގެ ކުރީގެ މެނޭޖިންގ ޑިރެކްޓަރ އަބްދުﷲ ޒިޔަތާއި ހާމިދު އިސްމާއިލްގެ މައްޗަށް އުފުލާފައިވާ ދައުވާގެ އަޑުއެހުމުގައެވެ.

ރޭ ބޭއްވި އަޑުއެހުމުގައި އަދީބާއި ދެކޮޅަށް ހެކިބަސް ދީފައިވަނީ ހާމިދު އިސްމާއިލް މެލޭނިއަމް ކެޕިޓަލް މެނޭޖްމަންޓްގައި މަސައްކަތްކުރާ ހާމިދުގެ ކޮއްކޮ އަމްޖަދު އިސްމާއިލްއާއި އެކުންފުނީގެ ޖެނެރަލް މެނޭޖަރެވެ. މި ދެމީހުންވެސް ހެކިބަސް ދެމުން ބުނެފައިވަނީ 2014 ވަނައަހަރުގެ ޖޫން މަހުގެ ތެރޭގައި އެ ކުންފުނީގެ އެކައުންޓަށް ފަސްމިލިޔަން ޑޮލަރު ޖަމާވެފައި ހުންނާނެކަން އަޙުމަދު އަދީބް ގުޅުއްވާފައި އެންގެވިކަމަށެވެ. އަދި އަދީބް އެހެން ވިދާޅުވުމުން ބޭންކަށް ގުޅާ ކުންފުނީގެ އެކައުންޓްގެ ތަފުސީލު ބެލި އިރު އެ އަދަދަށް ފައިސާ ޖަމާކޮށްފައިވާކަމަށްވެސް މި ދެމީހުން ބުނެފައިވެއެވެ.

މިލޭނިއަމް ކުންފުނީގެ އެކައުންޓަށް ޖަމާކުރި ފަސްމިލިޔަން ޑޮލަރުގެ ތެރެއިން 4 މިލިޔަން ޑޮލަރު އަދީބު ނެންގެވިކަމަށާއި ބާކީ ހުރި އެއްމިލިޔަން އަދީބް ދެއްވާފައިވަނީ އެ ކުންފުނިން ނަގާފައިވާ ދަރަނިތައް އަދާކުރެއްވުމުގެ ގޮތުންކަމަށްވެސް ހެކިބަސް ދިން މީހުން ބުނެފައިވެއެވެ. އަދި މި މުއާމަލާތު ހިނގިއިރު އެކަން މި މައްސަލާގައި ދައުވާ ލިބޭ ހާމިދު އިސްމާއީލަށް އެނގިފައިނުވާނޭކަމަށްވެސް މި ދެމީހުން ބުނެފައިވެއެވެ.

ރޭ ބޭއްވި އަޑުއެހުމުގައި ސިއްރު ހެކީގެ ގޮތުގައިވެސް ދެމީހެއްގެ ހެކިބަސް ނަގާފައިވެއެވެ. އެސްޓިއޯގެ މި ދެ މުވައްޒަފުން  ކާކުކަން ނޭގޭގޮތަށް ސިއްރުން ހެކިބަސްދެމުން ބުނެފައިވަނީ ޑޭޓެޑް ޗެކެއް ދިނުމަށްފަހު އެއްބަސްވުމެއްގެ ދަށުން ހާމިދު އިސްމާއިލް އެސްޓިއޯއަށް އެއްމިލިޔަން ޑޮލަރު ފޯރުކޮށްދީފައިވާކަމަށެވެ. އަދި މި މުއާމަލާތު ހިންގުމުގެ މެދުވެރިއެއްގެ ގޮތުގައި އެސްޓިއޯގެ އޭރުގެ އެމްޑީ ބައިވެރިވެފައިވާކަމަށްވެސް ހެކިބަސް ދިން ދެމީހުން ބުނެފައިވެއެވެ.

މި މައްސަލާގައި ރޭ ބޭއްވި އަޑުއެހުން ނިންމަވާލެއްވީ އަންނަ ހޮނިހިރުދުވަހު ޚުލާސާ ބަޔާން ނެގުން އޮންނާނެކަން މައްސަލަ ބައްލަވާ ގާޒީ އިޢުލާންކުރެއްވުމަށްފަހުގައެވެ.